ޕީޕީއެމް

ރިޒާގެ ޖަނާޒާއަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މެލޭޝިއާއަށް

Feb 23, 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން އޭނާގެ ޖަނާޒާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެެވެ.

ގޮހޮރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ ރޭގެ ވަގުތެއްގައި މެލޭޝިއާގަ އެވެ.

ރިޒާގެ މޫނު ދެއްކުން އޮތީ މާދަމާ ހެނދުނު 10:00 ޖަހާއިރު މެލޭޝިއާގަ އެވެ. އޭގެފަހުގައި ކަށުނަމާދާއި ޖަނާޒާ ވެސް އޮންނާނީ މެލޭޝިއާގަ އެވެ.

ރިޒާގެ ޖަނާޒާގައި ބައިވެރިވުމަށް މެލޭޝިއާއަށް ވަޑައިގަންނަވާ އިދިކޮޅު ވަފްދުގައި އެންމެ އިސްކޮށް ހުންނަވާނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މީގެއިތުރުން މި ވަފްދުގައި ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ކ. ގުރައިދޫ ކައުންސިލްގެ ރައީސް އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑު މެންބަރު ހުސައިން ޔާމީން އަހްމަދާއި ޕީޕީއެމްގެ ސެނެޓަ ޒާހިދު ރަމީޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވެވި ރިޒާ ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.