ޖުމްހޫރީ ޕާޓީން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމުގެ އިޝާރާތެއް އެ ޕާޓީން ދީފި އެވެ.
ޖުމްހޫރީ ޕާޓީން މާދަމާ ފަށާ އެ ޕާޓީގެ ގައުމީ ކޮންގްރެސްގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ޕާޓީން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި އިންތިހާބުގައި ވާދަކުރުމަށެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ވަނީ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހަޅާފަ އެވެ.
މިގަރާރާ ގުޅޭގޮތުން އިލްހާމް ވިދާޅުވީ ގަރާރު ކޮންމެ ގޮތަކަށް ފާސްވި ނަމަވެސް ޖޭޕީން އިސްވެ އެހެން ޕާޓީތަކާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ރޫހު ޕާޓީތެރޭގައި އެބަހުރި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަނެއް ހަދައިގެން އިންތިހާބަށް ނިކުތުމަށް އަދި މިހާތަނަށް މަޝްވަރާއެއް ކޮށްފައި ނެތް ކަމުގައިވެސް ވިދާޅުވި އެެވެ.
"ގަރާރާ މެދު ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް އިންތިހާބުގައި މިހާރުގެ ސަރުކާރަށް ތާއީދު ކުރުމާ ނުކުރުން ނިންމާނީ ޕާޓީގެ ލީޑަރު. އެ ނިންމުން ވެގެންދާނީ ޕާޓީގެ ލީޑާޝިޕްގެ އިހްތިރާމު އޮތް ނިންމުމަކަށް،" އިލްހާމް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީއާ އެކު ހެދި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޖޭޕީއަށް މަގާމުތައް ލިބިފައި ނެތް ކަމަށްވެސް އިލްހާމް ވިދާޅުވި އެވެ. އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ވުރެ ކުޑަ ދެ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީއާއި އެމްއާރްއެމްއަށް ވުރެ ވެސް ކޯލިޝަންގައި ޖޭޕީއަށް އޮތް އަޅާލުން ކުޑަކަންވެސް ފާހަގަކުރެއްވި އެވެ.
"ޖޭޕީއަކީ ހަޅޭއްލަވަމުން ދުވާ ބަޔަކަށް ނުވާތީ މީހުންނަށް އެކަން ނޭނގެނީ،" އިލްހާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ގައުމަށް ރަނގަޅު ހިދުމަތެއް ކުރުމަކީ ޖޭޕީގެ އުއްމީދެއް ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއްް ދެ އިންތިހާބުގައި -- 2008 އަކާއި 2013 ގައި ގާސިމް ވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުތަކުގައި ކާމިޔާބު ލިބިވަޑައިނުގަތުމުން ކޯލިޝަން ހައްދަވައިގެން ވެރިކަން ލިބިވަޑައިގަންނަވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވާ ބޭފުޅެކަށެވެ.