ދުނިޔެ

ޔުކްރޭނުން ފޭބުމަށް އދ އިން ރަޝިއާއަށް ގޮވާލައިފި

ޔުކްރޭން ހަނގުރާމައަށް އެއް އަހަރު ފުރުނީ އެވެ. ހަނގުރާމަ އަދިވެސް އޮތީ ކުރިއަށެވެ. ޔުކްރޭނަށް ހެޔޮއެދޭ ބަޔަކު ތިބި ނަމަ ހިތްވަރުދެނީ ހަނގުރާމަ އަދިވެސް ކުރިއަށް ގެންދިއުމަށެވެ. ޔުކްރޭނުން މަރުވާ އާންމުގެ އަދަދު އެ މީހުންނަށް މުހިންމެއް ނޫނެވެ. ޔުކްރޭނަށް ލިބޭ ގެއްލުމެއް ވެސް މުހިންމެއް ނޫނެވެ. އެދެވެނީ ކޮންމެ ހާލަތެއްގައި ނަމަވެސް ރަޝިއާ ބަލިކޮށް ކުޑަކަކުލަށް ތިރިކުރުވުމެވެ.

އެހެން ނަމަވެސް، އދ. އިން މިއޮތީ ގަރާރެއް ފާސްކޮށްފަ އެވެ. ޔުކްރޭނަށް އަރާތިބި ރަޝިއާ ސިފައިން މިހާރުން މިހާރަށް އެ ގައުމު ދޫކޮށް ފޭބުމަށް ގޮވާލަމުންނެވެ.

ޔުކްރޭނުން އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރުގައި ގޮވާލާފައި އޮތީ ޝަރުތެއް ބަހަނާއެއް ނެތި ޔުކްރޭނުން ފޭބުމަށެވެ. މި ގޮވާލުމަށް ތާއީދުކޮށް ގަރާރު ފާސްވެފައި ވަނީ 141 ގައުމެއްގެ ތާއީދާ އެކު އެވެ.

ރަޝިއާ، ބެލަރުސް، ސީރިއާ، ނޯތު ކޮރެއާ، އެރިތުރިއާ، ނިކަރާގުއާ އަދި މާލީ ހިމެނޭ ގޮތުން ހަތް ގައުމަކުން ވަނީ މި ގަރާރަށް ދެކޮޅު ހަދާފަ އެވެ. ބާކީ އޮތް 32 ގައުމު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.

މި ގަރާރަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި އަހަރެމެންގެ އަވައްޓެރި އިންޑިއާ އާއި ޗައިނާ، ލަންކާ އަދި ޕާކިސްތާން ވެސް ހިމެނެ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އދ. އިން ވަނީ ރަޝިއާ ކުށްވެރިކޮށް އިތުރު ބަޔާންތައް ވެސް ނެރެފަ އެވެ. އެހެން ނަމަވެސް، އދ. އިން ނެރުނު ބަޔާނަކުން ޔުކްރޭން ހަނގުރާމައަށް އެއްވެސް ކަހަލަ މެދުކެނޑުމެއް ނާދެ އެވެ.

ޔުކްރޭން ހަނގުރާމައަށް އެއް އަހަރު ފުރުމާ ދިމާކޮށް އދ. އިން ގަރާރެއް ފާސްކުރި ނަމަވެސް ޖަމަލު ފޮޑި ނޫން އެއްޗަކަށް ނުވާނެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނުން ފައިބައިގެނެއް ނުދާނެ އެވެ.

ޔުކްރޭންގެ މަދަނީ ބިނާތަކަށް ހަމަލާ ނުދިނުމަށް އދ. ގެ ބަޔާނުގައި ގޮވާލާފައިވެ އެވެ. ޑިމޮކްރެޓިކް އުސޫލުތަކުން ހަނގުރާމަ ހުއްޓުވުމަށް ދުނިޔެއަށް ގޮވާލައި އދ. އިން ވަނީ ސުލްހައަށް ލޯބިކުރުމަށް ނުފޫޒުގަދަ ގައުމުތަކަށް ގޮވާލާފަ އެވެ.

މިނިވަން ދައުލަތެއްގެ ބިންތައް ހިސޯރުކޮށްގެން ތިބުމަކީ ކުށެއް ކަމަށް އދ. ގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑަރުތައް ހުރަސްކޮށް އަސްކަރީ ބާރުވެރިކަން ނުދެއްކުމަށް ވެސް އޮތީ ގޮވާލާފަ އެވެ.