ޖުމްހޫރީ ޕާޓީ

ބޮޑެތި ނިންމުންތަކެއް ނިންމަން ޖޭޕީގެ ކޮންގްރެސް ފަށައިފި

Feb 24, 2023
1

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މުހިއްމު ނިންމުންތަކެއް ނިންމުމަށްޓަކައި އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފަށައިފި އެވެ. މި ކޮންފަރެންސްގައި 900 އެއްހާ މެންބަރުން ބައިވެރިވެ އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ޖޭޕީގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޖެޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ސަރުކާރު ހިންގާ ކޯލިޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން މި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް އަހްމަދު ފާރިސް މައުމޫން އާއި ބައެއް ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖުމްހޫރީ ޕާޓީގެ 22،607 މެންބަރުންގެ ފަރާތުން މި ކޮންފަރެންސްގައި ނިންމާނެ އެންމެ މުހިއްމު ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެކެވެ. އެއީ ޖޭޕީން އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އަދި ކޯލިޝަން ހެދުމާ މެދުވެސް ގޮތްތަކެއް ނިންމުމެވެ. މީގެއިތުރުން ޖޭޕީގެ އަސާސީ ގަވައިދަށް ވެސް މި ކޮންފަރެންސްގައި އިސްލާހުތަކެއް ގެންނާނެ އެވެ.

ޖޭޕީގެ ލީޑަޝިޕް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިސްބަތްވާ އެމްޑީޕިއާ އެކު ކޯލިޝަން ހަދައިގެން އިންތިހާބަށް ނިކުތުމާ ގުޅޭ ގޮތުން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޖޭޕީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން އިންތިހާބުގައި ވާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނަވާ ކޯލިޝަނަކުން 2008 ވަނަ އަހަރުން ފެށިގެން އަންނަނީ އިންތިހާބުތައް ކާމިޔާބު ކުރަމުންނެވެ. އެހެންކަމުން ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ތަކުގައި ގޮތް ނިންމުމަށް ގާސިމް އިބްރާހީމް ހުންނަވާ ކޯލިޝަން މުހިއްމުވެ އެވެ. އެހެންވެ ރިޔާސީ ކެންޑިޑޭޓުން ގާސިމްއާ އަބަދުވެސް މަޝްވަރާކުރައްވާކަން ފާހަގަކުރެވެ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީ އުފެއްދި ފަހުން އެޕާޓީގެ ލީޑަރަކަށް ހުންނަވަނީ ގާސިމް އެވެ.