ޑިފެންސް މިނިސްޓްރީ

އަސްކަރީ ގުޅުންތައް ވަރުގަދަކުރަން ޔޫއޭއީއާ މަޝްވަރާކޮށްފި

Feb 24, 2023

ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އާއި ރާއްޖެއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށްފި އެެވެ.

މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޔޫއޭއީގެ އަބޫދާބީގައި ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބޭއްވި ބައްދަލުވުމުގަ އެވެ.

މިނިސްޓަރު މާރިޔާ އަބޫދާބީއަށް ވަޑައިގެންނެވީ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއަދުގެ ކުރިއަށް ނިޔަލަށްދާ މި އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު މާރިޔާގެ އަރިހުގައި ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފްގެ އިސް ބައެއް ބޭފުޅުން ވެސް އަބޫދާބީއަށް ވަޑައިގެންނެވި އެވެ.

މިބައްދަލުވުމަށްފަހު މިނސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްއާ އެކު ކުރެވުނު މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. މިމަޝްވަރާ ބައްދަލުވުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދެކެވުނު ކަމުގައިވެސް ވިދާޅުވި އެވެ.