ގާސިމް އިބްރާހިމް

ޔާމީން އަނިޔާވެރިވީ ވަގުތު އެންމެ ބޮޑަށް އެހީވީ ނަޝީދު: ގާސިމް

Feb 24, 2023
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނަށް އަނިޔާވެރި ހިތްދަތި އެތައް ކަމެއް ކުރިމަތިކުރިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އޭރު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންކަން ފާހަގަކުރައްވާ ރައީސް ނަޝީދަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޝުކުރު އަދާކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެމަނިކުފާނު އުޅުއްވާތީ އެކި ސަރުކާރުތަކުގައި "ބޮޑެތި ކޮޅިގަނޑުތަކާއި" ދިމާވި ކަމަށެވެ. އަނިޔާވެރިކަމުގެ އެފަދަ ވާހަކަތައް ތާރީހަށްޓަކައި ދައްކަންޖެހޭ ފާހަގަކުރައްވަމުން ގާސިމް މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިލާންޖެހިވަޑައިގެންނެވި ކަންކަމުގެ މައްޗަށެވެ.

އެގޮތުން ގާސިމް ވިދާޅުވީ ތަހުގީގަކަށް ކަމަށް ބުނެ ދޫނިދޫއަށް ގެންގޮސް ހައްޔަރުކުރުމާ ގުޅިގެން ސިއްހީ ގޮތުން ތަހައްމަލް ކުރަންޖެހުނު ކަންތައްތަކެއްގެ ސަބަބުން ރާއްޖެއިން ބޭރަށް ފުރަންޖެހުނު ކަމަށެވެ. ނަަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެކަމުގެ ތެރެއިންވެސް ކުރިމަތިވީ އަނިޔާވެރި ހިތްދަތި ކަންތައްތަކެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނަށް ނުހައްގު ހުކުމެއްކޮށް ޕާސްޕޯޓް ކެންސަލް ކުރުމުން އުޅެންޖެހިވަޑައިގަތީ "ރަށްމެދަސް އުފަންވި މީހެއް" ފަދައިން ކަމަށެވެ.

"ތިން މަހާ އެތައް ދުވަހެއް ވަންދެން ސިންގަޕޫރާއި ލަންޑަނުގައާއި ޖަރުމަނުގައި އެތައް ދުވަހެއް އަޅުގަނޑަށް ހޭދަކުރަން ޖެހުނު އެއްވެސް ހުއްދައެއް ނެތި. ޕާސްޕޯޓެއް ނެތި، ކީކޭތޯ ދަންނަވާނީ "ނޯ ކަންޓްރީ މޭން" އެއް ގޮތަށް [އުޅެންޖެހުނީ،" ލޮލުން ކަރުނަ ފޮހެލަމުން ގާސިމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ އެ ދުވަހު ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކީ ނަޝީދު ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ޕާސްޕޯޓް ކެންސަލް ކޮށްފައި ވަނިކޮށް، ސިންގަޕޫރުގައި ހުންނެވޭ ގޮތް އަދި ސިންގަޕޫރުން ފަހުން ޖަރުމަނަށް ވަޑައިގެންނެވުނީވެސް ނަޝީދުގެ އެހީތެރިކަން ލިބިގެން ކަމުގައި ވިދާޅުވި އެވެ.

ނަޝީދަށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވީ ރާއްޖެ އިސްލާހަށް ކުރި މަސައްކަތުގައި "ބުރުމާ ގާސިމް" އާއި "ނަޝީދު" މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"މިކަމުގައި ވަރަށް ބޮޑެތި އަނިޔާތަކާއި ވޭން ވަރަށް ބޮޑަށް ލިބި އިހުސާސްތައް ކުރެވުނު ދެ ބޭފުޅުންނަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ތައުރީފާއި ޝުކުރު ރައީސް ނަޝީދަށް ލިބިވަޑައިގެންފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެ. ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު، ގާސިމަށް ތާއީދުކުރެއްވުމަކީ ވެސްް ސިޔާސީ މަސްރަހް މިހާރު އޮތް ގޮތުން ވަރަށް ކައިރި ކަމެެއް ކަމަށެވެ.

ގާސިމުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ކޮންމެ ބަޔަކު އަނިޔާއާއި ގެއްލުން ދިން ނަމަވެސް އެ ހުރިހާ ބޭޅުންނަށްވެސް ހިތުގެ ހާލިސްކަމާއި، ހެޔޮކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ޖޭޕީ އުފެއްދި ފަހުން އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއް ދެ އިންތިހާބުގައި -- 2008 އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައިވެސް ގާސިމް ވާދަކުރެއްވި އެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވި ހުކުމެއްގައި ހުންނެވުމުންނެވެ.