އަދާލަތު ޕާޓީ

އަދާލަތުގެ ލަނޑުދަނޑިތައް ހާސިލްކުރަން މަޝްވަރާއަށް ކްރޮސްރޯޑްސްއަށް

އަދާލަތު ޕާޓީން "ހޭރިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕާޓީގެ އިސްވެރިން މިއަދު ކްރޮސް ރޯޑްސްގައި ބައްދަލުކުރައްވާ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނިންގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ކްރޮސް ރޯޑްސްގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ ހޭރިޔާގެ މައިގަނޑު މަގުސަދަކީ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ. މީގެ ތެރޭގައި މެމްބަރުންނާ ބައްދަލުކުރުންވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

މިވަގުތު މަސައްކަތް ފެށީ ކްރޮސް ރޯޑްސް އިން ކަމުގައި ވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.

"މިއަދު މި ފެށީ ކްރޮސް ރޯޑުން، އަދި މިނޫނަސް ރަށްތަކަށް ދާނަން. އެރައްރަށަށް ދަމުންދާ ވަރަކަށް މައުލޫމާތު އާންމު ކުރަމުންވެސް ގެންދާނަން" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޭރިޔާގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނަވަނީ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.

ހޭރިޔާގެ ނަމުގައި މީގެކުރިންވެސް އަދާލަތު ޕާޓީން ވަނީ ބައެއް ބައްދަލުވުންތައް ބާއްވާފަ އެވެ. އެގޮތުން ހުޅުލެ އައިލޭންޑް ހޮޓެލްގައާއި ރ. އަތޮޅު ކިނޮޅަހުގައި ދެ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

"މީގެ ކުރިން ކޮވިޑް ދުވަސްވަރު އޮންލައިންކޮށް ވެސް މީގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުނު،" ނަޒީރު ވިދާޅުވި އެވެ.

ހޭރިޔާގެ ނަމުގައި އަދާލަތު ޕާޓީން ކުއްލިއަކަށް "އެކްޓިވް"ވެގެން ދިޔައިރު އެ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް ނިންމާފަ އެވެ.