ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަކާއި ނުލާ އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކޮށްފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ މިއަދުގެ ފުރަތަމަ ދަންފަޅީގައި މަގާމުތަކަށް ހޮވުނު ބޭފުޅުންގެ ނަންތައް އިއުލާން ކުރެއްވީ ކޮންފަރެންސްގެ އިންތިހާބު ކޮމިޓީންނެވެ.
ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ އިންތިހާބީ މަގާމަކަށް އެންމެ ކެންޑިޑޭޓެއް ކުރިމަތި ލައިފިނަމަ ވޯޓުލުމަކާއި ނުލާ އެ ކެންޑިޑޭޓަކު މަގާމަށް އިންތިހާބުވާނެ އެވެ.
މިއަދުގެ ފުރަތަމަ ދަންފަޅީގައި އިންތިހާބު ކޮމިޓީން އިއުލާން ކޮށްފައިވަނީ ހަތަރު މަގާމަކަށް އިންތިހާބުވި ބޭފުޅުންގެ ނަންތަކެވެ.
ޖޭޕީގެ ކޮންފަރެސްގައި މިއަދުގެ ފުރަތަމަ ދަންފަޅީގައި އިންތިހާބު ކުރި މަގާމުތައް
- ޕާޓީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް
- ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން
- ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް
- އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދު
މީގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނާއި ޒުވާނުންގެ ލީގުގެ ސެކެރެޓަރީއާއި ޒުވާނުންގެ ލީގުގެ މެންބަރުންނާއި އަންހެނުންގެ ލީގުގެ ރައީސްއާއި އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ ނައިބު ރައީސްވެސް މިއަދު އިންތިހާބު ކުރާނެ އެވެ. އަދި މި މަގާމުތަކުގެ އިތުރުން ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެންބަރުން އިންތިހާބު ކުރުމުގެ މަސައްކަތްވެސް މިއަދު ކުރިއަށް ދާނެ އެވެ.
އިއްޔެ ފެށިގެންދިޔަ ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ދެ ދަންފަޅީގެ ރަސްމީ ބައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވި ތިންވަނަ ދަންފަޅިއަށް ފެށިފައިވާއިރު މިއީ ޖުމްހޫރީ ޕާޓީގެ ހަޔާތުގައިވެސް ބޭއްވިގެންދާ އެންމެ ވަރުގަދަ ގައުމީ ކޮންފަރެންސް ކަމަށް އެ ޕާޓީން ބުނެ އެވެ.