ޖުމްހޫރީ ޕާޓީ

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީ ކޮންފަރެންސްގައި ފާސްކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސްގައި މިރޭ ނިންމައިފި އެވެ.

ޖޭޕީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ކޮންފަރެންސްގައި މިރޭ ނިންމި ނަމަވެސް މިނިންމުމާ ގުޅިގެން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާނީ ޖޭޕީގެ ކައުންސިލްގަ އެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ އަހްމަދު، މިހާރު ހިނގާމުންދާ ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހު އެެވެ. މި ގަރާރަށް ތާއީދުކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ ޝާހް އެވެ.

އަބްދުﷲ ހުށަހެޅި ގަރާރުގައި އެދިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށެވެ. ގަރާރުގައި ބުނެފައިވަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު އެކަން ކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަން ލިބިވަޑައިގަތުމުން ޖޭޕީއާ މެދު އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

"މިއީ ވެރިކަމަށް އަންނަން ޖޭޕީއަށް އެންމެ ފަހި ފުރުސަތު އޮތް ވަގުތު،" ޖޭޕީ އިސްވެ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނިކުތުމަށް ގޮވާލައި ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ބަހުސްކުރެއްވި ހުރިހާ ބޭފުޅުންހެން ވަނީ ޖުމްހޫރީ ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާ ވާހަކަދައްކަވާފަ އެވެ. އަދި މިގަރާރު މިރޭ ފާސްކުރީ ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުންނެވެ.

ޖޭޕީ މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކޮންފަރެންސްގައި ނިންމާފައި މިވަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީން މިއަދު ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާަސިމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއްް ދެ އިންތިހާބުގައި -- 2008 އަކާއި 2013 ގައި ގާސިމް ވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުތަކުގައި ކާމިޔާބު ލިބިވަޑައިނުގަތުމުން ކޯލިޝަން ހައްދަވައިގެން ވެރިކަން ލިބިވަޑައިގަންނަވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވާ ބޭފުޅެކަށެވެ.