ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންކަން މަޝްހޫރު ޑޮނާޑް އިންވެސްޓްމަންޓްސް އިސް ބޭފުޅެއް ކަމަށްވާ ޑޮނާޑް ޔާމީން އާދަމަށް ދީފި އެވެ.
ރޭ ބޭއްވި އެކުލަބުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިއުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށް ވެސް މެމްބަރެކެވެ. މި ގޮތުން ޗެއާމަންގެ މަގާމަށް ޔާމީން ހޮވުނުއިރު ބޯޑުގައި ދެން ތިއްބަވަނީ ވައިސް ޗެއާމަންކަމަށް ކުރިމަތިލެއްވި ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދުގެ ދަރިފުޅު އިބްރާހީމް ޒިޔާމް އާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި މުހައްމަދު ލިއުޝާދު އާއި އިސްމާއީލް ރަޝީދާއި އަހުމަދު ހުސައިނާއި އަބުދުﷲ އަޒުމީނާއި ރެޒްމީން އަދި މަދހް ޖަމާލެވެ.
ނިއުގެ ބޯޑުގެ އުމުރަކީ ހަތަރު އަހަރު ދުވަހެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު ނިއު އަށް އާ ޗެއާމަނަކު މިހޮވީ މިދިޔަ ހަތަރު އަހަރު ނިއުގެ ޗެއާމަން ކުރެއްވި އަލީ ވަހީދު (ބަލަކް)ގެ ދައުރު ހަމަވުމުންނެވެ.
ނިއު ވަނީ މިދިޔަ ހަތަރު އަހަރުތެރޭގައި ގައުމީ ތަށި ތިން ފަހަރު ހޯދައި މިލްކުކޮށް، ދިވެހި ލީގު ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައިފަ އެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރާ އަޅާބަލާއިރު ކުޅުންތެރިންގެ ގޮތުން ނިއު ވަނީ މި އަހަރު ވަރަށް ބޮޑަށް ނިކަމެތިވެފަ އެވެ.