ލައިފްސްޓައިލް

ޒުވާން އަންހެން ކެބިން ކުރޫއެއް ކުއްލިއަކަށް މަރުވެއްޖެ

އެއާ އަލްބޭނިއާ ފްލައިޓެއްގައި ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރި ޒުވާން އަންހެނަކު ހާޓް އެޓޭކެއް ޖެހި ކުއްލިއަކަށް މަރުވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ގްރޭޓާ ޑިރްމިޝީ ފާއިތުވީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހުރީ އަލްބޭނިޔާގެ ވެރިރަށް ޓްރިއާނާ އިން ޔޫކޭގެ އެސެކްސް އަށް ދަތުރުކުރި އަލްބޭނިއާ އެއާގެ ބޯޓެއްގަ އެވެ.

އެ ބޯޓު ޖައްސައި ފަސިންޖަރުން ފޭބުމުން ގްރޭޓާ ވެސް ފައިބައިގެން ދަނިކޮށް ކުއްލިއަކަށް އަނބުރައިގަނެގެން ރަންވޭގައި ތާރުއަޅާފައި އޮންނަ ތަނަށް ވެއްޓުނީ އެވެ.

ވަގުތުން ޕަރަމެޑިކްސް އައިސް އޭނާއަށް ސީޕީއާރް ދެމުން ދަނިކޮށް ގްރޭޓާ ވަނީ މަރުވެފަ އެވެ.

ޕޯސްޓް-މޯޓަމް ރިޕޯޓުގައި ލިޔެފައިވާ ގޮތުގައި ގްރޭޓާ އަށް ދިމާވި ކަމަކީ "ސަޑްން އެޑަލްޓް ޑެތު ސިންޑްރޯމް" އެވެ.

މި ބައްޔަށް "ސަޑްން އެރިތިމިކް ޑެތު ސިންޑްރޯމް (ސާޑްސް) ވެސް ކިޔަ އެވެ.

ހިތް ހުއްޓެންވީ ސަބަބެއް ނޭނގި ކުއްލިއަކަށް މީހަކު ހިތް ހުއްޓިގެން މަރުވެއްޖެނަމަ އެއީ މި ބަލި ކަމަށް ނިންމާ ކަމަށް ބްރިޓިޝް ހާޓް ފައުންޑޭޝަނުން ބުނެފައި ވެއެވެ.

އޮސްޓްރޭލިއާގެ 'ދަ ބޭކާ ހާޓް އެންޑް ޑައިބެޓީސް އިންސްޓިޓިއުޓް' އިން ބުނެފައިވާ ގޮތުގައި އެ ގައުމުގައި މަރުވާ 50 އަހަރުން ދަށުގެ އެންމެ ގިނަ މީހުން މަރުވަނީ މިގޮތަށް ދިމާވެގެންނެވެ. އަދި މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އަންހެނުންނަށް ވުރެ ފިރިހެނުންނަށް ފަސް ގުނަ އިތުރެވެ.

ގްރޭޓާގެ އެކުވެރިން ބުނި ގޮތުގައި އޭނާއަކީ ވަރަށް ހިތްހެޔޮ އަދި އެހާމެ މީހުންނަށް އެހީތެރިވާ އޯގާތެރި މީހެކެވެ. އަދި މަރުވުމުގެ ކުރިން އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް އުޅޭކަން އެއްވެސް މީހަކަށް ފާހަގަކުރެވިފައި ނެތް ކަމަށްވެސް އެމީހުން ބުންޏެވެ.