ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރުގެ މަގާމަށް ފަސް ބޭފުޅަކު އިންތިހާބުކޮށްފި އެވެ.
ޖޭޕީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން އެ ޕާޓީގެ ނައިބް ލީޑަރުންގެ މަގާމަށް ހޮވާފައިވަނީ ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް އަދި ޖޭޕީގެ ކުރީގެ ނައިބް ރައީސް އަހްމަދު ސައުދު އެވެ.
ޖޭޕީގެ ނައިބު ލީޑަރުކަމުގެ މަގާމަށް މި ފަސް ބޭފުޅުން ހޮވީ އެ މަގާމަށް ކުރިމަތިލެއްވި 12 ކެންޑިޑޭޓުންގެ ތެރެއިންނެވެ. ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ތެރެއިން ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ހޮވުނީ ނަހުލާ އެކަންޏެވެ. ނައިބު ލީޑަރު ހޮވުމުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ވެސް ނަހުލާ އަށެވެ.
މި މަގާމަށް ވާދަކުރެއްވި ފިޝާރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އަދި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ވަނީ ފެއިލްވެފަ އެވެ.
ނައިބު ލީޑަރަކު ހޮވުމަށް ޖޭޕީގެ ގައުމީ ކޮންފަރެންސްގެ 680 ބައިވެރިން ވޯޓު ދިނެވެ.
ޖޭޕީގެ ނައިބު ލީޑަރު އިންތިހާބުގެ ނަތީޖާ
- ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: 558 ވޯޓު
- ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް: 327 ވޯޓު
- ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު: 277 ވޯޓު
- ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް: 263 ވޯޓު
- ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު: 275 ވޯޓު
- ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ): 258 ވޯޓު
- އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ: 255 ވޯޓު
- އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު: 198 ވޯޓު
- ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން: 147 ވޯޓު
- އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު ހުސެއިން (ހަނަފީ): 143 ވޯޓު
- ޔަޝްފާ އަބްދުލްޣަނީ: 138 ވޯޓު
- ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު: 102 ވޯޓު
މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ނައިބު ލީޑަރުގެ މަގާމުގެ އިތުރުން ޖޭޕީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް، ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދު ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނަ ޖޭޕީގެ ކައުންސިލަށް 25 މެންބަރުން ވެސް ކޮންގްރެސްއިން އިންތިހާބު ކުރި އެވެ.
ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ އަހްމަދު، ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހުގައި ވަނީ އެ ޕާޓީން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މިނިންމުމާ ގުޅިގެން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާނީ ޖޭޕީގެ ކައުންސިލްގަ އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީން މިއަދު ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.