މޯލްޑިވްސް ޕޮލިސް ސާވިސް

ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި އަށް މީހުން ދޫކޮށްލައިފި

މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާލޭގައި ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތަކާއި ގުޅިގެން މި އަށް މީހުން ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހުކަމަށެވެ.

އެމީހުންގެ ބަންދަށް ކޯޓުން ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ދެވަނަ ފަހަރަށް އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހުން ބަންދުން ދޫކޮށްލަށް ކޯޓުން ދިން އަމުރުގައި ބުނެފައިވަނީ އެ އަށް މީހުން ފުރަތަމަ ބަންދުކުރީ އެމީހުންނާއި ދެކޮޅަށް ކޮންމެވެސް ވަރެއްގެ ހެކި ހުރެގެން ނަމަވެސް، އެ މުއްދަތު ފާއިތުވީއިރު ފުލުހުން އިތުރު ހެއްކެއް ހުށަހަޅާފައި ނުވާކަމަށެވެ.

ކޯޓަށް ހަމައެކަނި ހުށަހަޅާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުތަކެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ޖޫސް ޓައިމް" ކެފޭ ފަޅާލައި، އެތަނަށް ގެއްލުން ދީފަ އެވެ.