ގްރޫޕް އޮފް ސެވަން

ޖީ20ގެ މަޝްވަރާތަކަށް ކުއްލި ހުއްޓުމެއް

ޖީ20 ގެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިވަގުތު ކުރިއަށް ދާ ޖީ20 މިބައްދަލުވުމަށް ހުއްޓުން އެރީ ރަޝިއާ ޔޫކްރޭނުގެ މައްސަލައިގައި ޗައިނާ އިން ރަޝިއާ ކުށްވެރިކުރަން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ އެންމެ އިގްތިސޯދު ވަރުގަދަ 20 ގައުމުގެ މާލީ ވަޒީރުންނަށް އެއްބަސްވުމަކަށް ނާދެވި މިބައްދުލުވުމުގެ ބަޔާން ކަނޑައެޅުން ވަނީ ފެއިލް ވެފަ އެވެ.

ޖީ20ގެ ބަޔާނަށް ޗައިނާ އިން އެއްބަސް ނުވީ އެ ބަޔާނުގައި -- ރަޝިއާގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް -- ލިޔެފެއިވާތީ އެކަމާ އެއްބަސް ނުވެވިގެން ނެވެ.

މޮސްކޯ އިން ބުނެފައިވަނީ ރަޝިއާ އާއި އިދިކޮޅު ހުޅަނގުގެ ގައުމުތަކުން ޖީ20ގައި ހަމެޖެހުން ނަގާލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ މި ހަފްތާގައި ޗައިނާ އިން ރަޝިއާ ޔޫކްރޭނު މައްސަލަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމުގެ ޕްލޭނެއްވެސް ކަނޑައަޅާފައި ވަނިކޮށެވެ.

ޖީ20ގެ ވާހަކަތައް ބާއްވާ އިންޑިއާ އިން ވަނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް ޗެއާގެ ހައިސިއްޔަތުން ސަމަރީއެއް ތައްޔާރުކޮށް ހުށަހަޅާފަ އެވެ. އޭގައިވާގޮތުން އެކި މެންބަރުންނަށް ރަޝިއާ ޔޫކްރޭން މައްސަލަ އާއި ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު ތަހުލީލު ކުރެވިފައިވާ ގޮތް ތަފާތު ކަމަށެވެ.

ބަޔާނުގެ ފުޓްނޯޓެއްގައި ލިޔެފައިވަނީ ރަޝިއާ ޔޫކްރޭނު ހަނގުރާމައާއި ގުޅޭ ދެޕެރެގްރާފަށް މެންބަރު ހުރިހާ ގައުމުތަކުން، ޗައިނާ އަދި ރަޝިއާ ފިޔަވައި އެއްބަސްވެފައިވާ ކަމަށެވެ. މި ޕެރެގްރާފް ނަގާފައިވަނީ މިދިޔަ ޖީ20ގެ ބާލީ ސަމިޓްގައި ގައުމުތަކުގެ ވެރިން ކަނޑައެޅުއްވި ގަރާރުގައި އެ އޮތް ގޮތަށެވެ. އޭގައި ވަރަށް ހަރުކަށިކޮށް ރަޝިއާގެ އަމަލު ކުށްވެރިކޮށްފައިވެ އެވެ.

ޗައިނާ އިން ގެންދަނީ މިދިޔަ އެއް އަހަރާއި ހިލާފަށް މިމައްސަލާގައި ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް މިވަގުތު ކުރަމުންނެވެ. އެގޮތުން ޗައިނާގެ ކުރީގެ ފޮރިން މިނިސްޓަރު ވަން ޔީ ވަނީ ޔޫރަޕަށް ދަތުރުފުޅު ކުރައްވައި ރަޝިއާ ރައިސް ޕުޓިން އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ޗައިނާ އިން ވަނީ މިހަފްތާގައި 12 ނުކުތާގެ ޕްލޭނެއް މިމައްސަލަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފަ އެވެ. އޭގައި ސުލްހައިގެ ވާހަކަ ދެއްކުމަށާއި ގައުމުތަކުގެ އިސްތިގްލާލަށް އިހުތިރާމް ކުރުމަށް ބަޔާންކޮށްފައިވެ އެވެ. ޗައިނާގެ މި ޕްލޭން އަށް ރަޝިއާ އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

އިންޑިއާގެ ޑިޕްލޮމެޓް އަޖޭ ސެތް ވިދާޅުވެފައިވަނީ ރަޝިއާ އަދި ޗައިނާގެ މަންދޫބުން މި ބަޔާނަށް އެއްބަސް ނުވީ އެމީހުންގެ ޒިންމާއަކީ އިގްތިސޯދީ އަދި މާލީ ކަންކަމާ ގުޅިގެން ކަންކަން ނިންމުމަށް ގަވައިދުގައި އޮންނާތީ ކަމަށް ވިދާޅުވެފަ އެވެ. އަނެއް 18 ގައުމުން ދެކުނީ ރަޝިއާ ޔޫކްރޭނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އަސަރުކޮށްފައިވާތީ އެކަން ބަޔާނުގައި ހިމެނުމަށެވެ.

މި ބަޔާނުގައި ދާދިފަހުން ތުރުކީ އަށް އައި ބިންހެލުމާއި ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބެމުންދާ ގައުމުތަކުގެ ދަރަނީގެ މައްސަލައާއި ދުނިޔޭގެ ޓެކްސް ސިޔާސަތާއި ކާބޯތަކެއްޗަށް ޖެހުމުގެ ބިރު ފަދަ މައްސަލަތައް ހިމަނާފައިވެ އެވެ.

ރަޝިއާ އިން ވަނީ ޖީ20ގެ ހަރަކާތްތަކުގައި ތަކުރާރުކޮށް ހުޅަނގުގެ ގައުމުތަކުން ހަމަޖެހުން ނަގާލައި ރަޝިއާ އާއި އިދިކޮޅު އަމަލުތަކެއް ހިންގާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރަޝިއާ އިން ވަނީ އެމެރިކާ އާއި އީޔޫ އަދި ޖީ7ގެ ގައުމުތަކުން ރަޝިއާ އަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް އަދި އެފަރާތްތަކުން މިއަދުގެ ދުނިޔޭގެ ހަގީގަތްކަމުގައިވާ ގިނަ ބާރުގަދަ އެހެން ގައުމުތައް ވާކަން ދަނެގެން އެކު އުޅެން ދަސްކުރުމަށް ގޮވާލާފަ އެވެ.