( 23 ފެބްރުއަރީ 2023 އާ ގުޅޭ )
ނިތްކުރިއާއި ދެ ލޯ ނިވާވާނޭހެން މޫނުގައި ދެ އަތް އަޅުވާލައިގެން އޭނާ އޮތެވެ. އެހެންއޮވެ އޭނާ ވިސްނިއެވެ. ރޭވުންތެރިކަމާއެކު ކަންކަން ކުރާށެވެ. އުނދަގޫކުރަމުންދިޔަ ފިކުރުތަކުން ނަފްސު ހަމައަކަށް އެޅިއްޖެހެން ހީވުމުން ލައިލީ ސޯފާއިން ތެދުވިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަނެވެ. ފޮރުވާފައި އޮތް ރިކޯޑިން ޑިވައިސް ނެގިއެވެ. ދެން އަތްދަބަސް ހިފައިގެން އައިސް އޭގެ ތެރެއަށް އެ ރިކޯޑާ ލައިފިއެވެ. އަދި ފޯނުން އަކިޔަލްއަށް މެސެޖުކޮށްލިއެވެ. ބައްދަލުވެދާނޭތޯ އަހާފައެވެ. އަކިޔަލްގެ ޖަވާބެއް ވަގުތުން ލައިލީއަށް ލިބުނެވެ.
ހަވީރުގެ ވަގުތެވެ. އަކިޔަލް ބުނި ރެސްޓޯރެންޓް ކައިރިއަށް ލައިލީއަށް އާދެވުނުއިރު އޭނާ ހުރީ އެދިމާ ދުވާރުމަތީ މަޑުކޮށްލައިގެންނެވެ. ލައިލީ ފެންނައިރަށް އަތް ހިއްލާލައި ހަނާ އަޅާލިއެވެ.
"ޔޫ ޑޯންޓް ލުކް ސޯ ގުޑް. އާ ޔޫ އޯކޭ." ކައިރިޔަށް ލައިލީ އައިސް ހުއްޓިލުމުން އަކިޔަލް ބުންޏެވެ.
"މި ހުރިހާ ކަމަކަށްފަހު ކިހިނެއް އޯކޭވާނީ." ލައިލީއަށް ބުނެވުނެވެ.
އަކިޔަލް އިތުރު އެއްޗެއް ނުބުންޏެވެ. ރެސްޓޯރެންޓްގެ ދޮރު ހުޅުވާލުމާއެކު ލައިލީ ވަނުމަށް އަކިޔަލް ތަންދެއްކިއެވެ. ދެ މީހުން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. އެމީހުންނަށް ބަލަބަލާ ހުރި ވެއިޓަރު ފެންފުޅިއަކާއި ދެ ތަށި ތަބަކުގައި ބަހައްޓައިގެން އައިސް މޭޒާ ކައިރިވެލިއެވެ. ލައިލީ އިނީ އެއްޗެއް ކާން ބޭނުންނުވެފައެވެ. ފްރެޝް ޖޫހެއް ގެނެސްދިނުމަށް ލައިލީ އެދުނެވެ. އަކިޔަލް ނެގީ އައިސް ކޮފީއެކެވެ. ދެމެދުގައި ވާހަކަ ފެށުނީ އެމީހުންގެ އޯޑަރު ނަގައިގެން ވެއިޓަރު ހިނގައިގަތުމުންނެވެ.
"އަފްރާހު ބުނި އޭނާއާއި ދަރަކް މިއަދު ވޯކްޝޮޕަކަށް ދާންޖެހޭ ވާހަކަ. ހައެއް ޖަހާއިރު ކަމަށްވަނީ ނިމޭނީ." ފޯނު ނަގައިގެން އިނދެ އެއަށް ބަލަމުން އަކިޔަލް ވާހަކަދެއްކިއެވެ.
އެހެން ދުވަސްދުވަހަށްވުރެ ދަރަކް ލަސްވާނެކަން އޭނާ އޮފީހަށް ދާން ނުކުންނަމުން ބުނިކަން ލައިލީ ހަނދާން ހުއްޓެވެ. ހައެއް ޖަހާއިރު ދަރަކް ނިމެންޏާ އޭނާ ގެއަށް އަންނާނީ ސިޔާއާ ބައްދަލުކޮށްފައިބާއޭ ލައިލީ ހިތަށް އެރިއެވެ.
"އާކި ރަނގަޅަށް ވެސް އަފްރާހުއަށް ބިރުދައްކަނީ ދޯ." ވިސްނަން އިނދެފައި ލައިލީ މިހެންބުނެ ކުޑަކޮށް ހީނލިއެވެ.
"ބިރެއްނުދައްކަން. އަހަރެން އޭނާގެ ވައިފްއަށް އެފްބީގަ ހާއި ޖަހާލީ. އަފްރާހު އަމިއްލައަށް ބުނީ އަހަރެން ބުނިކަމެއް އޭނާ ކޮށްދޭނަމޭ. އެންމެ ކައިރިން ޚަބަރު އޮޅުންފިލާނީ އަފްރާހަށް ދޯ." ހަވިފައި އިނދެ އަކިޔަލް ބުންޏެވެ.
"އެއީ ބިރުދެއްކުމޭ. އޭނާގެ ވައިފް ޝާމިލްކުރުމަކީ އޭނާއަށް ދެވޭ އިންޒާރެއް." ލައިލީ ބުންޏެވެ.
"އިޒް ދެޓް ސޯ." އަކިޔަލް ހީނލިއެވެ.
"އެނީވޭ... ރޭގަ ކިހިނެއް ކޮފީ ދިޔައީ؟. އެއްލި ބުޅީގައި ހިފިތަ؟." އަކިޔަލް އަހާލީ ނިކަން ސީރިއަސްކޮށެވެ.
"އާން. އަހަރެން ހީކުރިވަރަށްވުރެ ފަސޭހައިން ސިޔާ ހައްލާލެވިއްޖެ. ދަރަކްއާ ދެމެދު އޮތް ގުޅުން ރަނގަޅުކަމަށް ބުނިން. އަދި ދަރަކްއާއެކީ ޗުއްޓީއަށް ދާން އުޅޭ ވާހަކައާއި ކުއްޖަކު ހޯދުމުގެ ޚިޔާލު އަދިވެސް ދޫކޮށްނުލާކަން ބުނިން. އަހަރެން އިންގޮތެއް ވެސް ނޭނގެއޭ ބުނިން. ސިޔާ ވަގުތުން ހިމޭންވީ. ދެން އަހަރެން ފާޚާނާއަށް ގޮސްފައި ނުކުމެއް ބޯއަނބުރާކަމަށް ބުނެ އެކްޓްޖައްސަން ފެށީ. ސިޔާ ނިކަން އަވަހަށް އެއްބަސްވި އަހަރެންނާއެކީ ގެއަށްދާން. ދަރަކް ހުރީ ޝޮކެއް ލިބިފައި އަހަންނާއެކީ ސިޔާ އައީމަ. އަހަރެން އަނބުރައިގަނެ ޚަބަރު ހުސްވީކަމަށް ހެދިގެން އޮތިން. އެ ދެމީހުން ވާހަކަދެއްކި." ލައިލީ އަތްދަބަހުގެ ތެރެއިން ރިކޯޑާ ނަގައި މޭޒުމަތީ ބާއްވާލިއެވެ. އަކިޔަލް އެ ރިކޯޑާއަށް ހެޑްސެޓް ގުޅާލުމާއެކު އަޑުއަހަން ފެށިއެވެ.
"ހާދަ ބޮލަށް ތުރާ އަންހެނެކޭ ދޯ." ޗަސްޖަހާލުމާއެކު އަކިޔަލް ބުންޏެވެ. އޭނާ ހެޑްސެޓް ކަންފަތުން ނައްޓާލިއެވެ.
"ރިކޯޑުވެފައި ހުރި ވާހަކަތަކުން ހީވަނީ ސިޔާދެކެ ދަރަކް ހުރީ ވަރަށް ހިތްހަމަނުޖެހިފައިހެން. ނޫނީ ވެދާނެ ލައިލީއަށް އެނގުމުގެ ކުރީން އެ ދެމެދުގައި އޮތް ގުޅުން ނިންމާލަން ދަރަކް ވިސްނާފައި އޮތީކަމަށް. އެހެންވެއްޖެއްޔާ ލައި ކިހިނެއް ހަދަން ވިސްނަނީ." އަކިޔަލް އަހާލިއެވެ.
"ވަޓް ޑޫ ޔޫ މީން." ލައިލީއަށް ލިބުނީ ހައިރާންކަމެވެ.
"އެ ދެމީހުން ދުރުވާން އުޅޭނަމަ އެހެން އެކަންވަންދެން މިއިން އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން ލައިލީ ހުންނާނީތޯ. ނޫނީ ދަރަކްއާ ކުރިމަތިލާ އެ ދެމީހުން މިހާރުން މިހާރަށް ދުރުކުރާނީތޯ." އަކިޔަލް ބުންޏެވެ.
"އަހަރެން ވެސް ތިކަމާ ވަރަށް ވިސްނައިފިން." ލައިލީ މަޑުމަޑުން ބުނެލިއެވެ.
"އަދި އެބައޮތް އެހެންގޮތެއް." އަކިޔަލް ބުންޏެވެ. އެއާއެކު އެއީ ކޮންގޮތެއްތޯ ލައިލީ ނިކަން އަވަހަށް އަހާލައިފިއެވެ.
"ވަރިވުން. ސިޔާއާއި ދަރަކްއަށް މިކަމުން ފިލާވަޅެއް ލިބެންޖެހޭނެ." އަކިޔަލް ބުންޏެވެ.
ލައިލީއަށް ވިސްނާލެވުނެވެ. އަކިޔަލް ނުބުންޏަސް އޭނާގެ ހިތާއި ޟަމީރު ވެސް ބުނަނީ ދެން އެންމެ ރަނގަޅުވާނީ ދަރަކްގެ ކައިރިން ވަރިވިއްޔާއެވެ. ކޮންމެ ސަބަބަކާ ހެދި ވިޔަސް އޮޅުވާލައި މަކަރު ހެދުމުން ދެން އިތުބާރު ކުރުން ފަސޭހައެއް ނުވާނެއެވެ. އަނެއްކޮޅުން ތިމާގެ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާއާ ތިމާގެ ފިރިމީހާ ގުޅުމެއް ބޭއްވުމަކީ ލައިލީއަށް ބަލައިގަނެވޭނެކަމެއް ނޫނެވެ. އެކުގައި އުޅޭން މަސައްކަތް ކުރިޔަސް ދަރަކްއަށް ފުރިހަމައަށް މަޢާފް ކުރެވިދާނޭ ލައިލީގެ ހިތެއް ނުބުނެއެވެ. އަބަދުވެސް ދަރަކް ކުށްވެރި ކުރެވޭނެއެވެ. އަބަދު ކުށްވެރިކަމުގެ އިޙްސާސްގައި ބަނދެވިފައި ހުންނަންވެއްޖެނަމަ އެކަންވާނީ ނިމުމެއްނުވާ އަޒާބަކަށެވެ. މަޢާފްނުކުރެވި އަބަދު ދަރަކްއަކީ ކުށްވެރިއެއްކަން ހަނދާންކޮށްދޭ އަނތްބަކާއެކު އުޅޭން ދަރަކް ފޫހިވާނެކަން ޔަގީނެވެ.
"ވަކިވާން ބޭނުމީ." ޖޫސްތަށްޓަށް ނަޒަރު އަމާޒުކޮށްލައިގެން އިނދެ ލައިލީ ބުންޏެވެ.
"ޔަގީންތަ؟." އަކިޔަލް އަހާލިއެވެ.
"އެއީ އެންމެ ރަނގަޅުވާނޭ ގޮތް." ލައިލީ ބުންޏެވެ.
"އެހެންވީރު ހިނގާ... ލައިގެ ފިރިމީހާއާއި އެކުވެރިޔާއާ ކުރިމަތިލާން." އަކިޔަލް ބުނެލިއެވެ.
"ކޮންތާކަށް." ހައިރާންކަމާއެކު ލައިލީއަށް އަހާލެވުނެވެ.
"ވަރިވާން ތައްޔާރަށް ހުރިއްޔާ މިހުރިހާ ސަކަރާތެއް ޖަހައި ވަގުތުތަކެއް ބޭކާރުކުރުމުގެ މާނައެއްނެތް. މިހާރުން މިހާރަށް މިކަން ނިންމާލީމަ ނިމުނީ." އަކިޔަލް ބުންޏެވެ.
"ވަޓް." ލައިލީއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް އަކިޔަލްގެ ރާގު ބަދަލުވެއްޖެކަން ފާހަގިވިއެވެ.
"ހެކިތަކެއް ބޭނުމެއްނުވޭ. ދަރަކްއަށް ޖެހޭނީ ޤަބޫލުކުރަން. އަހަރެން ކަނޑައަޅާ ޝަރުތުތަކާ އެއްބަސްވާން. ލައިލީ ހާސްވާނެކަމެއްނެތް. އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ." އަކިޔަލް ފޯނުން މީހަކަށް މެސެޖު ކުރަމުން ވާހަކަދެއްކިއެވެ. އޭނާގެ ސިކުނޑީގައި އެވަގުތު ހިނގަމުންދަނީ ކޮންކަހަލަ ޝުޢޫރުތަކެއްކަން ދެނެގަންނާކަށް ލައިލީއަކަށް ނޭނގެއެވެ.
"އާކި..." ލައިލީ ގޮވާލިއެވެ.
"ފިރިމީހާ ކައިރިން ވަރިއަށް އެދުމަށްފަހު ލައިލީ އެނބުރި އެގެއަށް ދާން ބޭނުމެއްނުވާނެ ދޯ. ލައިލީ އިންނާނޭ ތަނެއް އެބަހުރިތަ؟. އަހަންނަށް އެކަން ހަމަޖައްސާ ދެވިދާނެ. ލައިލީ ޕޭކުރާކަށް ނުޖެހޭނެ..."
"އަކިޔަލް." ލައިލީ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއެކު އަކިޔަލް ވާހަކަދެއްކުން ހުއްޓާލިއެވެ.
"ފުރަތަމަ މިކަމާ ގުޅިގެން އަހަރެން ދަރަކްއާ ވާހަކަދައްކަން ބޭނުން. އޭގެ ފަހުގައި އަހަރެމެން ދެ މީހުން ގޮތެއް ނިންމާނީ." ލައިލީ ބުންޏެވެ. އޭނާއަށް އަމާޒުވެފައިވި އަކިޔަލްގެ ނަޒަރު ވަކިކޮށްލިއެވެ. މޭޒުގައި ވައަތުގެ އުޅަންބޮށި ޖައްސާލުމާއެކު މޫނުގެ އެއްފަޅީގައި އަތްވިދެލައި މީހާ އަރިވެލައިގެން އިނދެ ލައިލީއަށް ބަލާލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"އައި އޭމް ސޮރީ. އައި ވޯޒް ޖަސްޓް ޓްރައިން ޓު ބީ މީން." އަކިޔަލް ބުންޏެވެ.
"ކީއްވެ؟." ލައިލީއަށް އަދިވެސް އަކިޔަލްގެ މަޤްޞަދަކީ ކޮބާކަން ނަގައެއް ނުގަނެވުނެވެ.
"ލައިލީ ފަސްޖެހޭނަމަ އަވަސް އަރުވާލުމުގެ ބޭނުމެއްނެތް. މީ ލައިލީގެ ދިރިއުޅުން. ކޮންމެ ގޮތަކަށް ލައިލީ ނިންމި ނަމަވެސް އެކަކަށް ވެސް އެ ނިންމުމަކަށް ފާޑުކިޔުމުގެ ހައްޤެއް ނޯންނާނެ. އެހެންވީމަ ފަހު ނޭވާ ދޫކޮށްލަން ބޭނުންވެފައި އިން މީހަކުހެން ހިތާއި ދެކޮޅަށް ފިރިމީހާއާ ވަކިވާންށޭ ބޭނުމީ ބުނެ ނިންމާނުލާ. ފުރަތަމަ މިކަން ހިނގަން މެދުވެރި ގޮތެއް ހޯދަމާ. އަފްރާހު ވެސް އެބާދޭ." އަކިޔަލްގެ އާންމު ރާގުގައި އޭނާ ވާހަކަދެއްކިއެވެ. މިފަހަރު ލައިލީ އަޖައިބުވީ އޭނާގެ ހަޤީޤީ އިޙްސާސްތައް ދެނަގަތުމުގައި އަކިޔަލް ކުޅަދާނަވީމައެވެ.
ލައިލީއާ ވާހަކަދައްކަމުން އަކިޔަލް ފޯނުން މެސެޖު ކުރަމުން ދިޔައީ އަފްރާހަށެވެ. އޭނާ އެމީހުން ތިބި ރެސްޓޯރެންޓަށް ވަދެގެން އައެވެ. އެ އައީ އޮފީސް ނިންމި ގޮތަށްކަން އަޅައިގެން ހުރި ރަސްމީ ހެދުން އެކިދެއެވެ. އަފްރާހު އައިސް މޭޒު ކައިރީ ހުއްޓުނު ގޮތަށް އަކިޔަލްއާ ވާހަކަދެއްކިއެވެ.
"ކަލޭ ބުނިހެން އެ އެތި ދަރަކްގެ ދަބަސްތެރެއަށް އަހަރެން ލިން." އަފްރާހު ބުނެލިއެވެ.
"ތަންކިޔު ފޯ ޔޯ ހާޑްވޯކް." ފަރުވާކުޑަ ރާގެއްގައި އަކިޔަލް ބުންޏެވެ. މޭޒުދޮށުގައި އިށީނީއްސުރެ އަކިޔަލްގެ އަތުން ފޯނު ދުލެއްނުވެއެވެ. އޭނާގެ ސަމާލުކަން އަނެއްކާވެސް ދެވިފައި ހުރީ ފޯނަށެވެ.
"އެއޮއް ކުޑަ އެތި ހާދަ އަގުބޮޑޭ. އޭގެ ރުފިޔާ ކޮންއިރަކުން ލިބޭނީ." އަފްރާހު ބުންޏެވެ.
"އަހަރެން ބުނިންތަ ދޭނަމޭ." އަކިޔަލް ބުނެލިއެވެ.
"ކަލޭ ދޯ ބުނީ އެ ގަންނަން. ގަނެފައި ދަރަކްގެ ދަބަސްތެރެއަށް ލާށޭ." އަފްރާހު މިހެން ބުނެ ލައިލީ އިން ފަރާތުގައި ހުރި ގޮނޑީގައި އިށީންނަން އުޅުނެވެ. އެހިނދު އަކިޔަލް ވަގުތުން އެކަން ހުއްޓުވިއެވެ.
"ކަލޭ ކައިރީ އިށީންނާކަށް އަހަރެން ބޭނުމެއްނޫން." އަފްރާހު ބުނެލިއެވެ.
"އެހެންވީރު ގޮނޑިއެއް ގެނެސްގެން އިށީނދޭ." އަކިޔަލް ބުންޏެވެ. އެންމެފަހުން އަފްރާހު އިށީނީ މޭޒުކޮޅަށް ގޮނޑިއެއް ކައިރިކޮށްލައިގެންނެވެ.
"ސޯ... އަހަރެންގެ ބޭނުމެއް ދެން ނެތެއްނު." އަކިޔަލް ކައިރިން ސަލާމަތްވާން ބޭނުންވެފައި އިނދެ އަފްރާހު ބުންޏެވެ.
"އަދި ނުނިމޭ. ކުރީން ދުވަހު އަހަރެމެންގެ މެދުގައި ދެއްކި ހުރިހާ ވާހަކައެއް ލައިލީއަށް ކިޔާދީ. ކޮންއިރަކު ކިހިނެއްކަން ކަލެއަށް އެނގުނީ ދަރަކްއާއި ސިޔާ އެފެއާއެއް ހިންގާކަން." އަކިޔަލް ބުންޏެވެ. އަފްރާހުގެ މޫނަށް ޖެއްސި ވައްތަރު އޭނާ އެ ވާހަކަތައް ދައްކަން ބޭނުންނުވާވަރު ލައިލީއަށް ވެސް ފާހަގަވިއެވެ. ހަމައެއާއެކު އަފްރާހުއާއި އަކިޔަލްގެ މެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވާކަން ލައިލީއަށް ޔަގީނެވެ. އަކިޔަލްދެކެ އަފްރާހު އެ ގަންނަ ބިރު އެކަމަށް ހެކިދެއެވެ.
"މިދިޔަ އަހަރު ފަހުކޮޅު އެއީ. ސިޔާ މަށަށް ގުޅީ. ކުރީގަހެން އަހަރެމެން އެންމެން އެއްކޮށް ކޮފީއެއް ނުބާއްވަންތޯ އެހީ. އެ ދުވަހު އަހަރެން ބުނިން އޮފީސް ނިންމާފައި އަހަންނާއި ދަރަކްއާއި ނަޒާން ސަޔަށްދާން ރާވާފައި އޮތްކަން. ސިޔާ ބޭނުންވީ އަހަރެމެންނާ ބައިވެރިވާން. އަހަރެން ހީކުރީ ސިޔާ އުޅެނީ އަހަންނާ އަޅައިގަނެގެން ކަމަށް. އެކަމަކު އޭނާ ހަމައެކަނި ސަމާލުކަން ދިނީ ދަރަކްއަށް އެކަނި. އެ ދުވަހު ދަރަކް ސައިބޮއެ ނިންމާލީ މާކުރިން. އޭނާ އުޅުނީ އަވަހަށް ގެއަށްދެވޭތޯ. އޭނާ ނުކުތުމާއެކު އޭނާގެ ފަހަތުން ސިޔާ ވެސް ނުކުތީ. އެދެމީހުން ކަމެކޭ އޭރުވެސް ހިތަށްއެރި. އެ ދުވަހު އަހަރެން ނުބަލަން އެމީހުން ދިޔައީ އެކީގައިތޯ. ނޫނީ ދިޔައީ ކޮންތާކަށްތޯ. ނަޒާނާ ދެމީހުން ސައިބޮއެގެން ނުކުތްއިރު އެމީހުން ފެންނާކަށް ނެތް. އަހަރެން ދެން ދިޔައީ ގެއަށް." އަފްރާހު ބުންޏެވެ.
"އޭގެ ފަހުން އެ ދެމީހުންނާ ބެހޭގޮތުން އެނގުނު ކަމެއްވިއްޔާ ވެސް ކިޔާދީ." އަކިޔަލް ބުންޏެވެ.
"ނިއުއިޔާ ނައިޓްގައި އޮފީސް ޑިނާނައިޓް ނިންމާފައި އަހަރެން ނުކުތީ ސަމާ... ސަމައިރާއާއެކީ. އަހަރެމެން އެރޭ ޑިނާޑޭޓް ނިންމާފައި ހޮޓެލަށް ދަނިކޮށް ދަރަކް ދުށީން. އޭނާގެ އަތުގައި ހިފާލައިގެން ސިޔާ ހުރިއިރު ފެންނަ ކޮންމެ މީހަކަށް ހީވާނީ އެއީ ދެ ލޯބިވެރީންނޭ. އިޓް ވޯޒް ސްޓްރޭންޖް. އެހެންވިޔަސް އަހަންނަށް ޔަގީންވި އެ ދެމީހުން ކަމެއްކުރަނީކަން." އަފްރާހު ބުންޏެވެ.
ބަހެއްނުކިޔާ ހިމޭންކަމުގައި އިން ލައިލީއަށް ދަތްކުނޑިވިކާލެވުނެވެ. އާ އަހަރުގެ ރޭ އޭނާ ދަރަކްއަށް ކިހާ އިންތިޒާރެއް ކުރި ހެއްޔެވެ. އެކަމަކު ދަރަކް އެރޭ ހޭދަ އެކުރީ އެހެން އަނބިމީހާގެ ބަދަލުގައި ހިލޭ އަންހެނެއް އުފާކޮށްދިނުމުގައި މިހާރު ޔަގީންވެއްޖެއެވެ. ދަރަކްގެ ބޭވަފާތެރިކަން ހާމަވެއްޖެއެވެ.
"އޭގެ ފަހުން ސިޔާގެ ކޯލެއް އަހަންނަށް އައީ. އޭނާ ބުނީ ލައިއާއި ދަރަކް ދުރުވާނެ ގޮތެއް ނުވިޔޭ. އެކަމުގައި އޭނާއަށް އެހީވެދީބަލާށޭ. އަހަރެން ހިތަށް އެރީ ދަރަކްގެ ބޭވަފާތެރިކަން އެނގި ލައި އަހަންނަށް ސެޓުވެދާނޭ. ޝީ އިޒް ޓޯޓަލީ މައި ޓައިޕް. ލައި ހުންނަލެއް ލޯބިކަމުން. އަސްލުވެސް... ލައި ޤަބޫލުވެއްޖެއްޔާ..." ކުއްލިއަކަށް އަފްރާހުގެ ވާހަކަ އެހެން ދިމާއަކަށް އެނބުރެން އުޅުމުން އަކިޔަލް ވާހަކަދައްކަން ފެށިއެވެ.
"އަހަރެން ރޫހީގެ މެސެންޖަރއަށް މެސެޖެއްކޮށްފިން." ފޯނަށް ބަލަން އިނދެ އަކިޔަލް ބުންޏެވެ. އެއާއެކު އަފްރާހު ދިޔައީ ސިހިގެންނެވެ.
"ކިހާދެރަކަމެއްތަ؟. ކަލޭ ދޯ ބުނީ ކިޔާދޭށޭ ހުރިހާ އެއްޗެއް." އަފްރާހު ތަންކޮޅެއް ބާރަށް ބުންޏެވެ.
"އަނބިމީހާއަށް އެނގިދާނޭތީ ތިހާ ބިރުގަންނަންޏާ އަނބިމީހާއަށް ވަގަށް ކަންކަން ކުރުން ހުއްޓާލަންވެއްޖެއެއްނު." އަކިޔަލްގެ އަޑުގައި މިފަހަރު ވީ ނުރުހުމެވެ.
"ދިރިއުޅުމެއް ފަށައިގެން ވަކި ހިސާބަކަށް ދިޔައީމަ ކަލެއަށް ވެސް ވިސްނޭނެ މިކަހަލަ ކަންކަން. އަދި މިއިންކަމެއް އެނގޭވަރަށްވުރެ ކަލޭ މާ ޒުވާން." އަކިޔަލްއާ ޒުވާބު ކުރާކަށް އަފްރާހު ބޭނުމެއްނޫނެވެ.
"ތިވާހަކަތައްވުރެ މުހިންމު ކަންތައް އެބަހުރި. ކަލޭ ދަންނަންތަ މީނަ." އަކިޔަލްގެ ފޯނު އަފްރާހަށް ދައްކާލިއެވެ. އޭނާ ފޯނުގައިވީ ފޯޓޯއަށް ފަރުވާތެރިކަމާއެކު ބެލިއެވެ.
"ނުދަންނަން. ދޮންރިހަގަނޑެއްނު މީ. ޒުވާން ވެސް ގޮލައެކޭ." ފޮޓޯއަށް ބަލަން ހުރެ އަފްރާހު ބުނެލިއެވެ.
"ދޮންރިހަގަނޑެކޭ... އާކި. ދައްކަބާ އަހަންނަށް." ލައިލީ ބުންޏެވެ. އެހިނދު އަފްރާހުގެ އަތުގައި އޮތް އަކިޔަލްގެ ފޯނު ލައިލީއަށް އޭނާ ދިއްކޮށްލައިފިއެވެ. ފޯނުގައިވާ ފޮޓޯގައި ފެންނަން ހުރި ޒުވާނާ ފެނުމާއެކު ލައިލީއަށް ލިބުނީ ސިހުމެކެވެ.
"ކޮންތާކުން އާކިއަށް މީނަ ފެނުނީ." ލައިލީ އަހާލިއެވެ.
"ސިޔާއަށް ފާރަލަނިކޮށް. އޭނާއާއެކީ ފެނުނީ. ލައި ދަންނަންތަ އޭނާ." އަކިޔަލް އަހާލިއެވެ.
(ނުނިމޭ)