ގާސިމް އިބްރާހިމް

ނަޝީދު ނެތި އެމްޑީޕީ ނޯންނާނެ: ގާސިމު

Feb 27, 2023
1

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައި ރައީސް މުހައްމަދު ނަޝީދު ނެތް ދުވަހަކުން އެމްޑީޕީން ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓިގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމު ވަނީ ރައީސް ނަޝީދަށް ތައުރީފް ކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އަދި މިރޭގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ގާސިމް ވިދާޅުވީ ކުރިން ރައީސް ނަޝީދަށް ބައެއް ގޯސްތައް ހެއްދެވިފައިވީ ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާއާ އެކު ކަންކަން ރަނގަޅު ކުރައްވާފައިވާ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

"މަނިކުފާނާ ނުލައި [އެމްޑީޕީ] އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ގާސިމު ވިދާޅުވި އެވެ.

މިޖަލްސާގައި ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ ފަސް އެޑްވައިޒަރުންނަށް އެކަމުގެ ލިޔުންވެސް ހަވާލުކުރައްވާފަ އެވެ. އެޑްވައިޒަަރުންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ.

ގާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީގެ ސަފުތައް އަލުން އެކުލަވާލައި ރައީސް ނަޝީދަށް ތައުރީފް ކުރައްވަން ފައްޓަވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ވަގުތެއްގަ އެވެ. އަދި ރައީސް ނަޝީދު ވަނީ ގާސިމް އިބްރާހީމް ވެސް ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ވާދަކުރައްވައިފިނަމަ ރައީސް ނަޝީދު، ގާސިމު އިބްރާހީމަށް ތާއީދުކުރައްވާނެ އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނާ އެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ޖޭޕީގެ ލީޑަރު ގާސިމަށް ދައުވަތު ދެއްވާފައި ވަނިކޮށް ޖޭޕީން އިއްޔެ ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފަ އެވެ.