ރައީސް އަބްދުﷲ ޔާމީން

ތިނަދޫއަށް އިތުރު 1000 ކިލޯވޮޓްގެ އިންޖީނެއް ފޮނުވަން ރައީސް އަންގަވައިފި

Jan 29, 2016

އިންޖީނުގެ އަނދާ ހުލިވުމުމުގެ ސަބަބުން ކަރަންޓް ނެތި އަނދީރީގެ ތެރޭގައި އޮތް ގދ. ތިނަދުއަށް ވަގުތީ ކަރަންޓް ދިނުމަށް ބޭނުންވާ ދެ އިންޖީނު މިއަދު އެ ރަށަށް ގެންގޮސް ކަރަންޓް ދޭން ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާއިރު 1000 ކިލޯވޯޓްގެ އިތުރު ޖަނަރޭޓަރެއް ތިނަދޫއަށް ފޮނުވަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެނަކައަށް އަންގަވައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ތިނަދޫއަށް ގެންދިޔަ، 1.2 މެގަވޮޓްގެ ދެ އިންޖީނު މިއަދު ގޮސްފައިވާއިރު އެ ދެ އިންޖީނު ރަށަށް ބާލައިގެން އިންޖީނު ގެއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް އެރަށަށް ފޮނުވަން ރައީސް އެންގެވުމާއެކު މިއަދު އިރު އޮއްސޭ ވަގުތު އެ އިންޖީނާއެކު އުޅަނދެއް ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ކުރިން ފޮނުވި ދެ އިންޖީނު ވެސް އެއީ ސީދާ ރައީސްގެ އިރުޝާދާއެކު އެމަނިކުފާނުގެ އެންގެވުމާ އެއްގޮތަށް ގެންދިޔަ މަސައްކަތެއް، ނަމަވެސް ރައީސް ބޭނުންފުޅުވޭ ވީހާވެސް ފުރިހަމައަށް މިކަން ކުރަން އެހެންވެ އިތުރު ޖަނަރޭޓަރެއް މިއަދު މި ފޮނުވަނީ މި ޖަނަރޭޓަރު ވެސް ތިނަދޫއަށް ދާނެ މާދަމާ ރެއަށް، އަދި ހޯމަ ދުވަހުގެ ރެއަށް ބޭނުން ކުރެވޭނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދޫއަށް މިހާރު ގެންދިޔަ ދެ އިންޖީނު އެ ރަށުގެ އިންޖީނުގެއަށް ގެންގޮސް ގޯތި ތެރޭގައި ބަހައްޓައިގެން މައި ޕެނަލް ބޯޑާ ގުޅާލުމުގެ މަސައްކަތް ފެށޭނީ މިރޭގެ ވަގުތެއްގަ އެވެ.

ގާތްގަނޑަކަށް 10،000 އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ އެ ރަށަށް ކަރަންޓް ދެމުން އައި ހަމައެކަނި އިންޖީނު ގޭގައި ރޯވި އަލިފާނުގައި ހުރިހާ އިންޖީނެއް އެކީ ވަނީ އަނދާހުލިވެފަ އެވެ. އެ ރަށަށް ދޭ ވަގުތީ ކަރަންޓު ވެސް ފުރިހަމަވެފައި ރަނގަޅުވާނެ ކަމަށް ފެނަކަ އިން ޔަގީންކަންދެ އެެވެ. މުޅި ރަށަށް ދާއިމީ ކަރަންޓް ދޭން ދެ މަސްވަރު ނަގާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.

ތިން އިންޖީނާއެކު ތިނަދޫގެ ޑިމާންޑާ އެއްވަރަށް ފުރިހަމަ އަށް ކަރަންޓް ދެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.