ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފް ބެލެހެއްޓުން މިނިސްޓަރަށް ދޭން މަޖިލީހުން ފާސްކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: މަޖިލިސް
0%
0%
0%

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަހުސްކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ 43 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

އެސްޑީއެފް މިހާރު ބަލަހައްޓަމުން ގެންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގައި މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އެވެ.

މި އިސްލާހުގައިވާ ގޮތުން އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑެކެވެ. އަދި އެސްޑީއެފް އިންވެސްޓް ކުރާނެ ގޮތްތައް ނިންމަން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ އެވެ.

އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ވެސް ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުގައި ވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ ގާނޫނުގައި ކުރިންވެސް އޮތް ގޮތަށް ބޭއްވުމަށް ކަނޑައަޅާފަ އެވެ.

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި ފިނޭންސް މިނިސްޓަރަށް ލިބިދޭ ގޮތަށް ބަދަލުކުރުމަށް ކޮމިޓީގެ މެންބަރުން ދެކޮޅު ހެއްދެވީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އެރުމާ ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910