ބޮލީވުޑް

ނުރަ އިސްތަށިގަނޑު ފެނިފައި ސުނިލް ދަތަށް ޝޮކެއް ލިބުނު: ވަހީދާ ރަހްމާން

ކުރީގެ މަޝްހޫރު ބަތަލާ ވަހީދާ ރަހްމާނަކީ މިހާރު ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީހެކެވެ. މިހާރު 85 އަހަރު ފުރިފައިވާ ވަހީދާ ދާދިފަހުން ވަނީ އަރްބާޒް ޚާންގެ ޕޮޑްކާސްޓް ޝޯ އަށް ޚާއްސަ އިންޓަވިއު އެއް ދީފަ އެވެ.

މި އިންޓަވިއުގައި ވަހީދާ ކިޔައިދިން ގޮތުގައި ސުނިލް ދަތު އައިސީޔޫގައި އޮއްވާ އޭނާއަށް ގޮވާލަން އެއް ދުވަހު ވަހީދާ ދިޔަ އެވެ. އޭނަގެ ބޮލުގެ އިސްތަށިގަނޑު އޭރުވެސް ހުރީ ވަރަށް ބޮޑަށް ނުރަވެފައި ކަމުން އޭނާ ފެނިފައި ސުނިލް އަށް ޝޮކެއް ލިބުނު ކަމަށް ވަހީދާ ބުންޏެވެ.

"އަހަރެން ދިޔައީ އޭނަ ބަލިވެ އައިސީޔޫގައި އޮތީމަ ގޮވާލަން. އެތަނަށް ވަދެވެނީ ފަހަރަކު އެންމެ މީހަކަށް. އަހަރެން ވަދެގެން ގޮސް އޭނަގެ އެނދު ކައިރީ ހުއްޓުމުން އޭނާއަށް ބޮޑު ޝޮކެއް ލިބުނު. އަދި ބުނި ކީއް ކޮށްފަހޭ ތިހިރީ؟ އަހަރެން ހީކުރީ އޭނަ އެބުނީ ކީއްކުރަންހޭ އެތަނަށް އައީ ކަމަށް. އެހެންވެ އަހަރެން ބުނިން ހުއްދަ ހޯދައިގެންނޭ މި ވަނީ. ބުނީމަ ބުނި އަހަރެން މިދައްކަނީ ކަލޭގެ އިސްތަށިގަނޑުގެ ވާހަކައޭ. ކީއްކުރަންހޭ އިސްތަށިގަނޑުގައި ހުދުކުލަ ޖައްސައިގެން ތިއުޅެނީ. އަހަރެން ބުނިން ސުނިލް އޭ އަހަރެން އިސްތަށިގަނޑުގައި ހުދުކުލައެއް ނުޖައްސަމޭ. ކުރިން އުޅުނީ ކަޅުކުލަ ޖައްސައިގެންނޭ. އަސްލު އަހަރެންގެ އިސްތަށިގަނޑު ހުންނަނީ މިގޮތަށޭ،" ވަހީދާ ކިޔައިދިނެވެ.

ވަހީދާ އާއި ސުނިލް ވަރަށް ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "އޭކް ޕޫރް ޗާރް ކާންޓޭ" (1960) އާއި، "މުޖޭ ޖީނޭ ދޯ (1963)، "މޭރީ ބާބީ" (1969)، "ދަރްޕަން" (1970)، "ރޭޝްމާ އައުރް ޝޭރާ" (1971) އަދި "ޒިންދަގީ ޒިންދަގީ (1972) ހިމެނެ އެވެ.

ފިލްމްފެއާ އަށް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ވެސް ވަހީދާ ވަނީ އޭނާގެ ނުރަ އިސްތަށިގަނޑުގެ ވާހަކަ ދައްކާފަ އެވެ.

ވަހީދާ ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑުގައި ވަރަށް އަވަހަށް ނުރަ ޖަހަން ފެށި އެވެ. އަދި ކޮންމެ 10 ދުވަހަކުން އިސްތަށިގަނޑު ކަޅުކުރަން ޖެހުނެވެ. އަދި އެއީ ވަރަށް ބުރަ އަދި އެހާމެ ވަރުބަލިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އެހެން އުޅެނިކޮށް އަހަރެންގެ ފިރިމީހާ މާބޮޑަށް ބަލިވީ. އެއާއެކު އިސްތަށިގަނޑު ކަޅުކުރަން އަހަރެން ހަނދާން ނެތުނު. ދެން އޭގެ ފަހުން ފަންކްޝަންތަކަށް ވެސް ދަނީ ނުރަ އިސްތަށިގަނޑާއެކު،" މިހާރު އެއްކޮށް ހުދުވެފައި އޮންނަ އިސްތަށިގަނޑެއްގެ ވެރި ވަހީދާ ބުންޏެވެ.