އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އައްޑޫ ހޮސްޕިޓަލަށް 29 ސްޕެޝަލިސްޓުން ހޯދަނީ

އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 29 ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ގިނަ އަދަދެއްގެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުން ވަނީ ބިދޭސީ މުވައްޒަފުން މަދުކޮށް ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ހުޅުވާލައިފައިވާ މަގާމުތަކަކީ އެސޯސިއޭޓް ސްޕެޝަލިސްޓް / ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން، އިމަޖެންސީ ފިޒިޝަން، އެނެސްތީސިއޮލޮޖީ، ސަރޖަރީ، އީ.އެން.ޓީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ސައިކޭޓްރީ، އޯތޯޕީޑިކްސް، ރޭޑިއޮލޮޖީ، ޑަރމަޓޮލޮޖީ، ޕެތޮލޮޖީ، ޔޫރޮލޮޖީ، އޮފްތަލްމޮލޮޖީ، އޯތޯޑޮންޓިކްސް އެވެ.

މި މަގާމު ތަކަކީ ދާއިމީ ވަޒީފާތަކެއް ކަމަށްވެސް އިއުލާންގައި ފާހަގަކޮށްފައިވެ އެވެ.

ޑޮކްޓަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ މުސާރައަކީ 25،000 އާއި 55،000 ރުފިޔާއާ ދެމެދުގެ މުސާރައެކެވެ. މީގެ އިތުރުން 12،000 އަށް ވުރެ ބޮޑު ސާވިސް އެލަވަންސެއް ދޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ. އަދި ހުށަހަޅާ ލިޔެކިޔުންތައް އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އީމެއިލްއަށް ފޮނުވުމުން ބަލައިގަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.