( 26 ފެބްރުއަރީ 2023 އާ ގުޅޭ )
"ދޮންރިހަގަނޑެކޭ... އާކި. ދައްކަބާ އަހަންނަށް." ލައިލީ ބުންޏެވެ. އެހިނދު އަފްރާހުގެ އަތުގައި އޮތް އަކިޔަލްގެ ފޯނު ލައިލީއަށް އޭނާ ދިއްކޮށްލައިފިއެވެ. ފޯނުގައިވާ ފޮޓޯގައި ފެންނަން ހުރި ޒުވާނާ ފެނުމާއެކު ލައިލީއަށް ލިބުނީ ސިހުމެކެވެ.
"ކޮންތާކުން އާކިއަށް މީނަ ފެނުނީ." ލައިލީ އަހާލިއެވެ.
"ސިޔާއަށް ފާރަލަނިކޮށް. އޭނާއާއެކީ ފެނުނީ. ލައި ދަންނަންތަ އޭނާ." އަކިޔަލް އަހާލިއެވެ.
"އަހަރެން އެބަ އަންނަން. ފޯނެއް ކޮށްފައި." ލައިލީ މޭޒުދޮށުން ތެދުވިއެވެ. އަކިޔަލްއާއި އަފްރާހުއާ ދުރަށް އޭނާ ދިޔައެވެ. އަކިޔަލްގެ ފޯނުން ފެނުނު ފޮޓޯގައިވާ ޒުވާނާއަކީ ކާކުކަން ވަރަށް ރަނގަޅަށް ލައިލީއަށް އެނގެއެވެ. ނޭނގެނީ އޭނާ ސިޔާއާއެކު ފެންނަން ޖެހޭ ސަބަބެކެވެ.
"އޭނާ ގޮސް އެވަނީ ގާޑަންވިއު ހޮޓެލްއަށް." ފޯނަށް ބަލަން އިނދެ އަކިޔަލް ބުންޏެވެ. އަދި މޭޒުދޮށުން އޭނާ ތެދުވިއެވެ. އަކިޔަލްއާއެކު އަންނަން އަފްރާހު ގާތު ބުންޏެވެ.
"ސީރިއަސްލީ. ކޮންމެހެން އަހަރެން ނުގެންދިޔަސް ވެދާނެއެއްނު." އަފްރާހު ބުނެލިއެވެ. އެހިނދު އަކިޔަލް ފޯނު ދައްކާލިއެވެ. އެއާއެކު ކައްޓެއްހެން އަފްރާހު ތެދުވެއްޖެއެވެ. ފޯނުން ފެންނަން ހުރީ ރޫހީގެ ފޭސްބުކް މެސެންޖާއެވެ. އަކިޔަލް މީ އުމުރުން ހަގަސް ހާދަ ނުރައްކާތެރި ޒުވާނެކޭ އަފްރާހު ހިތަށް އެރިއެވެ.
ގާޑަންވިއު ހޮޓެލްއަށް ދަރަކް ވަންކަން އަކިޔަލްއަށް ޔަގީންވުމާއެކު އެ ޚަބަރު ލައިލީއަށް ދިނެވެ. އޭނާއާއެކު އެ ހޮޓެލަށް ލައިލީ އައީ ދަރަކްއާ ކުރިމަތިލުމަށް ނިންމައިގެންނެވެ. އަކިޔަލްގެ ވިސްނުން ހުރީ ކޮންމެ ގޮތަކުންވިޔަސް ލައިލީއަށް އޭނާގެ ފިރިމީހާގެ ހަޤީޤަތް ހާމަކޮށްދިނުމެވެ. ހޮޓެލްގެ ލޮބީގައި މަޑުކުރާން ލައިލީ ގާތު ބުނެފައި ފްރަންޓް ޑެސްކާ ދިމާއަށް އަކިޔަލް ހިނގައިގަތީ އަފްރާހު ގޮވައިގެންނެވެ.
"މިތަނަށް ކީއްކުރަން ތިގެނައީ؟." އަފްރާހުގެ އަޑުގައިވަނީ ޝަކުވާއެވެ. އަކިޔަލްގެ ރޭވުމުގައި އެއްގޮތަކަށް ވެސް އޭނާ ބައިވެރިވުމުގެ ޝައުގެއްނެތެވެ. އޭނާ ދައްކާ ވާހަކައަކަށް އަކިޔަލް ސަމާލުކަމެއް ނުދިނެވެ. ފްރަންޓް ޑެސްކުގައި އެވަގުތު އިން ކުއްޖާއާ އަކިޔަލް ވާހަކަދެއްކިއެވެ. ގާޑަންވިއުއަކީ އާދައިގެ ހޮޓަލެއްނޫންކަން އަކިޔަލްއަށް އެނގެއެވެ. ކޮޓަރިއެއް ނަގަން އަކިޔަލް ބޭނުންވާކަން ބުންޏެވެ. ނަސީބު ރަނގަޅުކަމުން ރިޒަވޭޝަންއަކާއި ނުލާ ކޮޓަރިއެއް ހަމަޖެހުނެވެ.
"އަފްރާހު. ޗެކިންވާ ފޯމު ފުރާލާ." ކައުންޓަރުގައި ހުރި ކުއްޖާ ދިއްކޮށްލި ފޯމަށް އިޝާރާތްކޮށް އަކިޔަލް ހެވިލާފައި ބުންޏެވެ.
"އަހަރެން... އެ ކީއްކުރަން. މަށެއް ޕޭއެއް ނުކުރާނަން." އަފްރާހު ވަގުތުން ދެކޮޅު ހެދިއެވެ. އެ ހޮޓެލްގެ އާދައިގެ ކޮޓަރިއެއްގެ އަގުވެސް އުޅެނީ ކިހާވަރެއްގައިކަން ލަފާކޮށްލަން އަފްރާހަށް އުނދަގުލެއްނުވިއެވެ.
"ލައުންޖުގައި ތިބެ ބޭނުންވާހަކައެއް ނުދެއްކޭނެ. ކޮޓަރިއެއް ބޭނުންވާނެ. ހީވޭތަ ސުލްހަވެރިކޮށް މިކަން ހިނގައިދާނެހެން. މިތަނުން ނުކުންނަން ޖެހޭނީ މިއަދު ހުރިހާކަމެއް އޭނާ ކިޔާދީފައި." އަކިޔަލް ބުންޏެވެ.
"ބުނަން. ތީ އަހަންނާ ބެހޭ ކަމެއްނޫން. ހުރިހާކަމެއްގައި ތިއުޅެނީ ކަލޭ. އެހެންވީމަ ތިކަމުގެ ތެރެއަށް އަހަރެން ވައްދަން ނޫޅޭ." އަފްރާހު ނިކަން އަވަހަށް ބުންޏެވެ.
"ޔޫ އާ އޯލްރެޑީ އިންވޯލްވްޑް." ޗޮކެއް ކަނޑާލުމާއެކު އަކިޔަލް ބުނެލިއެވެ.
އަފްރާހާއި އަކިޔަލް ވާހަކައިގައި ތިއްބާ ލައިލީ އައިސް ޗެކިންވާ ފޯމު ފުރައިފިއެވެ. އަދި ދައްކަންޖެހޭ ފައިސާ ވެސް ދައްކައިފިއެވެ. ކޮޓަރީގެ ކީކާޑު ލިބުމުން އޭނާ އަކިޔަލްއާއި އަފްރާހާއަށް ގޮވާލައި ކާޑުދައްކާލަމުން ދާންވީ ކަމުގައި ބުންޏެވެ.
"ޔެސް މޭމް." އަކިޔަލް ކިޔާލިއެވެ. އަދި އަފްރާހުއާ ދެ މީހުން ލައިލީގެ ފަހަތުން އައެވެ. ލިފްޓު ހުރި ދިމާއަށް އަންނަމުން ލައިލީއަށް އަކިޔަލް ގޮވާލިއެވެ. އަކިޔަލް އައިސް ލައިލީއާ އެއްވަރު ކުރިއެވެ.
"ރޫމަށް ދެއްކި ފައިސާ އަހަރެން ދޭނަން." އަކިޔަލް ބުންޏެވެ.
"އަޅާނުލާ. އާކިއާ ގުޅުން ހުރި ކަމެއް ނޫން މީ. އާކި އަހަންނަށް ޓަކައި ވަރަށް ގިނަ ކަންތައްތައް ކޮށްދީފި... އަހަންނަށް ހީވަނީ އާކިއަށްހެން މިކަމުގައި އަހަރެން ޝުކުރު އަދާކުރަން ޖެހޭނީ... ޔޫ ހޭވް ޑަން އިނަފް ފޯ މީ. އާކިއާ ނުލާ މިހިސާބަށް އަހަރެންނަކަށް ނާދެވުނީސް. މިކަންކަމާ ކުރިމަތިލާނޭ ހިތްވަރެއް ވެސް ނުލިބުނީސް." ލައިލީ މިހެން ބުނެ ބަދަލުކޮށްލީ ފަނޑު ހިނިތުންވުމެކެވެ.
"ލައި... އަހަރެން..." އަކިޔަލް އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ. އޭނާ ކަރުއެލުވާލިއެވެ. އަދި ހުޅުވުނު ލިފްޓަށް ލައިލީއާއެކު އަކިޔަލް ވަންނަން އައެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ހުރި އަފްރާހު ހީނގަތެވެ.
"އަހަރެން ހިތަށް އެރިޔޭ ކަލޭ ކީއްވެބާއޭ ލައިލީއަށް ޓަކައި މިހުރިހާކަމެއް ތިކުރަނީ... ސޯ... މީ ދޯ މިވީ ގޮތަކީ." ހެވިފައި ހުރެ ދިމާކުރާ ރާގުގައި އަކިޔަލްއާ ކައިރިވެލާ އަފްރާހު ސިއްރުން ވާހަކަދެއްކިއެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރެ ލޯ ހިމަކޮށް އަފްރާހަށް ބަލާލި ގޮތަށް އުޅަންބޮށިކޮޅުން އަފްރާހުގެ ގައިގާ އަކިޔަލް ޖެހިއެވެ.
"ޔޫ އާ ޓްރައިން ސޯ ހާޑް... އެކަމަކު އެއްފަހަރު ވެސް އޭނާ ކަލެއާ މެދު ސީރިއަސްކޮށް ނުދެކޭ." އަރިކަށީގައި ފިރުމަމުން ދެން ވެސް އަފްރާހު ހީނހީނފައި ވާހަކަދެއްކިއެވެ.
"ސޯ... އަހަރެން ކޮޓަރީގައި މަޑުކުރާނަން. ބޭރުގައި ފައިޓެއް ނުހިންގާތި." ލިފްޓު ތެރޭ ތިބި އަކިޔަލްއާއި ލައިލީއަށް އަފްރާހު ބުންޏެވެ.
"މަތީ ރެސްޓޯރެންޓްގައި ދަރަކް އިނީ." ފޯނަށް ބަލަން ހުރެ އަކިޔަލް ބުންޏެވެ.
ހުއްޓުނު ލިފްޓުގެ ދޮރުފަތް ހުޅުވުމާއެކު އަކިޔަލްއާއި ލައިލީ ނުކުތެވެ. އެމީހުން އައިސް ރެސްޓޯރެންޓް ބަޔަށް ވަދެވެން ހުރި ދޮރު ކައިރީ މަޑުކޮށްލިއެވެ. އޭރު ރެސްޓޯރެންޓަށް ވަންނަން ހުންނަ ބިއްލޫރި ދޮރުވަނީ އެންމެން ވަދެނުކުމެ ހެދުމަށް ފަސޭހައަކަށް ހުޅުވާލައިފައެވެ.
"އަހަރެން ލައިއާއެކީ އެމީހުން ތިބި ހިސާބަށް ދާނަން. އޯކޭތަ." ރެސްޓޯރެންޓް ތެރެއަށް ވަނުމުގެ ކުރީން އަކިޔަލް ބުންޏެވެ. އެއާއެކު ލައިލީ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
"އައި އޭމް ރެޑީ." އަމިއްލަ ނަފްސަށް ދިން ހިތްވަރެއްގެ ގޮތުން ހިތާހިތުން ލައިލީ ކިޔާލިއެވެ. ކަންއޮތް ގޮތް އޮޅުންނުފިލުވައި ހަޤީޤަތްދެކެ ބިރުން ފިލަން ދުވުމުގެ ވިސްނުން ލައިލީ ދޫކޮށްލީއެވެ. އޭނާ ބޭނުންވަނީ އެކަމާ ކުރިމަތިލާށެވެ. ދިރިއުޅުމުގެ ވަކި ހިސާބެއްގައި ތާށިވެފައި ނުހުރެ ކުރިޔަށްދާށެވެ. ދެމީހުން ވަކިވާން ޖެހިދާނެތީ އެކަމާ ބިރުން ރޮއެހިތާމަކުރުމަކުން ލުޔެއްނެތެވެ. ހަޔާތުގައި ކުރިޔަށް ދެވެން އޮތީ ހަޤީޤަތް އެނގި އޮޅުންފިލައިގެންނެވެ. ކެރިގެން ދަރަކްއާ ކުރިމަތި ލައިގެންނެވެ.
"ވެލްކަމް." އެތެރެއަށް ވަން ދެ ޒުވާނުން ފެނުމާއެކު ވެއިޓަރަކު ޚިދުމަތް ފޯރުކޮށްދިނުމަށް އަވަސްވެލިއެވެ. ދެމީހުންނަށް ތިބެވޭނެ މޭޒެއްތޯ ބޭނުންވަނީ އޭނާ އަކިޔަލްއަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ނިކަން އަވަހަށް އަކިޔަލް ނޫނެކޭ ބުނެލިއެވެ. ލައިލީގެ ސަމާލުކަންވީ ތަނަށް ވަދެ ތިބި މީހުންނަށް ހުއްޓިފައެވެ. މޭޒުތަކުގެ އެއްކޮޅުން ފެށިގެން ލައިލީގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ތިބި ދަރަކްއާއި ސިޔާ ފެނުމާއެކު ލައިލީ ގަނޑުވިއެވެ. ކިތަންމެ ވަރަކަށް ނަފްސު ތައްޔާރުކުރި ނަމަވެސް އޭނާ ފަސްޖެހޭގޮތްވީއެވެ. މުޅިގަޔަށް ނުބައި ފިނިގަނޑެއް އަރައިގެން ދިޔަ ކަހަލައެވެ. ގައިގާ ހިފަހައްޓާލާ ފަދައިން ދެއަތް އުރާލުމާއެކު ފަހަތަށް ލައިލީއަށް ފިޔަވަޅު އަޅާލެވުނެވެ. އެހިނދު އަކިޔަލް ގޮވާލި އަޑު އިވުނެވެ. އެމީހުންގެ ފަހަތުން ވިއްދާފައި ހުރި ވެއިޓަރު ވެސް ދުރަކަށް ނުދިޔައެވެ. އޭރު އަކިޔަލްއަށް ވެސް ދަރަކްއާއި ސިޔާ ފެނިއްޖެއެވެ. އެހެންވެ ނިކަން އަވަހަށް ވެއިޓަރު ކައިރީ އެމީހުން އައީ ދަރަކްއާއި ސިޔާމެން ތިބި މޭޒާ ޖޮއިންވާންކަމުގައި ބުނެ އެ މޭޒެ ވެއިޓަރަށް ދައްކާލިއެވެ. އޭނާގެ ކިބައިން ސަލާމަތްވެވުނީ ދެނެވެ. ލައިލީގެ ގާތަށް ޖެހިލައި އަކިޔަލް މަޑުކޮށްލުމާއެކު އޭނާގެ ބުރަކަށީގައި އަތްޖައްސާލިއެވެ. އަދި އަކިޔަލްގެ ބާރުގައި ލައިލީ ކުރިޔަށް ފިޔަވަޅު އެޅިއެވެ. މޭޒާ ކައިރިވެފައި ލައިލީގެ ބުރަކަށީގައި އަޅައި އަކިޔަލް މަޑުމަޑުން ކޮށްޕާލިއެވެ.
މޭޒުގެ ކައިރިއަށް މީހަކު އައުމުން ދަރަކްއާއި ސިޔާ ބަލާލީ އެއްފަހަރާއެވެ. ލައިލީ ފެނުމުން ޔަގީންނުވެފައި އިންހެން އަނބިމީހާގެ ނަން ދަރަކް ކިޔާލިއެވެ. ރެއަކާލީ ދެނެވެ. ކައިރީގައި ފެންނަން މިހުރީ ހަޤީޤަތުގައި ވެސް ލައިލީކަން އެނގުނުހިނދު ދަރަކް ނުހަނު ބޮޑަށް ސިހިއްޖެއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހުރެ އޭނާ ފުންމައިގެން ކޮޅަށް ވެސް ތެދުވެއްޖެއެވެ. ސިޔާގެ މޫނުން ވެސް އެވަގުތު ފެންނަމުން ދިޔައީ ސިހުމުގެ އަސަރެވެ. އެ ދެމީހުންކުރެ އެކަކުވެސް އެވަގުތު އެތަނުން ލައިލީ ފެނިދާނޭ ހީނުކުރާކަން އެ މޫނުތަކުން ފާޅުވާ އަސަރުން އެނގޭހާވެއެވެ. ހާސްކަމާއި ކަންބޮޑުވުން ދަރަކްގެ މޫނުން ފިލައިގެން ނުދިޔައެވެ. ނަމަވެސް ކުލަބަދަލުކޮށްލާ ބޯވާއެއްހެން ސިޔާއަށް ވެރިވި އަސަރުތައް ބަދަލުކޮށްލައިފިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"އަހަރެން ހިތަށް އެރީ އަނެއްކާ ކާކުބާއޭ. ލައިލީއަށް މިވީ. ދަރަކްއަށް ފާރަލީތަ؟. އަދި ޒުވާންކުއްޖަކު ފަހަތުލައިގެންނޭ މިއައީ. ކީއްކުރާނަމޭ ހިތާ؟" ހެވިފައި އިނދެ ސިޔަ ވާހަކަދެއްކިއިރު އެ ދެ ލޮލުގައިވީ ނުރައްކާތެރި ބެލުމެކެވެ.
ލައިލީއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް ފެންނަ ހުވަފެން މަތިން ހަނދާންވިއެވެ. ކާކުކަން ނޭނގޭނޭހެން އަނދިރިގަނޑުގައި ހުރެ ލައިލީއާ ދިމާކުރާ އަންހެނާގެ މޫނެއް ދުވަހަކުވެސް ނުފެނެއެވެ. ސަމައިރާއޭ ހީކުރެވުނަސް އެއީ ސަމައިރާއެއްނޫނެވެ. ހުވަފެނަކީ އޭނާގެ ޟަމީރު ދިން އިންޒާރެކެވެ. ލައިލީ ބިރުގަންނަނީ ސިޔާގެ ވާ މީހުންނަށް ނުފެންނަ ފަރާތްދެކެވެ. މިހުރިހާ ދުވަހު އޭނާގެ އެންމެ ގާތުގައި އުޅެމުން ހުރިހާކަމެއް އެނގި ޚިއްޞާކުރެވުނު އަންހެނާއަށް ސިޔާވީމައެވެ. އަބަދުވެސް ސިޔާދެކެ ލައިލީއައީ ޖެހިލުންވަމުންކަން އޭނާގެ ހިތާއި ޟަމީރު އެއްބަސްވެއެވެ.
"ހިތްހަލާކުވީތަ. މިތަނަށް އާދެވުނު މޮޔަ ހީވެފަ ދޯ ތިހުންނަނީ." ދަތްދޮޅީގައި އަތްވިއްދާލަމުން ސިޔާ ބުނެލިއެވެ.
"ހޫމް... އެހެންވީމަ..." ލައިލީއަށް ވާހަކައެއް ނުދެއްކުނެވެ.
"ކީކޭ. ކިހިނެއްވީ؟. ހިތްހަލާކުވީވަރުން ވާހަކަ ނުދެއްކުނީތަ؟. އަޑު ވެސް ނުނިކުތީ. މިވަގުތު ވެސް ތީ ކިހާ ރަނގަޅު މީހެއްކަން ދައްކަން އެއްޗެކޭ ނުބުނީތަ." ސިޔާ ބުންޏެވެ.
އަޖައިބުވެ އަންތަރީސްވެފައި ސިޔާއަށް ބަލަން ލައިލީ ހުއްޓެވެ. ދެ ލޮލަށް ކަރުނަ ބޮނޑިވިގަނެ ކޯތާފަތުން ތިރިއަށް ރޮނގެއްހެން ފައިބައިގަތީ ލައިލީގެ އިޚްތިޔާރަކުނޫނެވެ. ކަރުނުން ބަންޑުންވަމުން ދިޔަ ލައިލީގެ ދެ ލޯ ދަރަކްއާ އަމާޒުވެލިއެވެ. ހާސްވެ ކަންބޮޑުވީވަރުން ލައިލީގެ ނަމުން ގޮވާލުމާއެކު އަނބިމީހާއާ ކައިރިވެލަން ދަރަކް އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ލައިލީގެ ކުރިމައްޗަށް ނުކުތީ އަކިޔަލްއެވެ. ދަރަކްގެ ދެބުމަ ކައިރިވެލިއިރު ދަތްކުނޑީވިކާލެވުނެވެ. ނަމަވެސް އަކިޔަލްގެ ލޮލުގައިވީ އިންޒާރު ފެނުމާއެކު ދަރަކްގެ އިޙްސާސްތައް ފިނިވީ ވަގުތުންނެވެ.
"މިތާކުނޫން ވާހަކަދައްކާނީ. މިހުރި ވިޔާނުދާ އަންހެނާ ލަދެއްނުގަންނާނެ ޒުވާބުކުރާކަށް. ކަލޭމެން ދެމީހުން ވެސް އާދޭ. މިތަނުން ރޫމެއް ހަމަޖައްސާފައިވާނީ. އެތަނުގެ އެތެރޭގައި ކަލޭމެން ކިޔާނެ އެއްޗެއް ކިޔަންވީ... އާދޭ." ލައިލީ ގޮވައިގެން އެނބުރިލަމުން ހިނގައިގަތުމުން ދަރަކްއަށް ބަލާލާފައި އަންނާށޭ އަކިޔަލް ބުންޏެވެ.
"ވަރަށް ރެޑީވެގެން ދޯ ތިއައީ." ސިޔާ ހިތްހަމަނުޖެހުނެވެ. އެހެންވިޔަސް އޭނާއަށް ޖެހުނީ ދަރަކްއާއެކީ އަކިޔަލް އެބުނާ ކޮޓަރިއަށް އަންނާށެވެ.
"އަހަރެން ހީކުރީ ވަރަށް ގިނައިރުވާނެކަމަށް." ކޮޓަރީގެ ދޮރުހުޅުވުނުކަން އެނގި އަފްރާހު އިން ގޮނޑިން ތެދުވަމުން ބުންޏެވެ.
"އަފްރާހު. މިތާ ކީއްކުރަނީ." އަކިޔަލްއާއި ލައިލީގެ ފަހަތުންވަން ދަރަކްއަށް އަފްރާހު ފެނުމުން ހައިރާންވިއެވެ.
"އަހަރެން. ލައިލީއަށް އެއްބާރުލުންދޭން." ފަރުވާކުޑަ ރާގެއްގައި އަފްރާހު ބުނެލިއެވެ.
"އޭގެ ކުރީން އެ ހުރި އަންހެންމީހާ މީނަގެ ބޮލަށް އެރިގެން ލައިލީއާ ދިމާކުރުވީ. މަގުމަތިން ލައިލީއާ ފޮށި އޭނާއަށް ފުރުޞަތެއްދޭން ކިޔާ." އަކިޔަލް ބުންޏެވެ.
"އަފްރާހު... ކަލޭ..." ދަރަކް ހުއްޓުވީ އަކިޔަލްއެވެ.
"އޭނާއަށް ކަމެއްނުކުރެވެނީސް އަހަރެން އޭނާ ހުއްޓުވިން." އަކިޔަލް ބުންޏެވެ. އެ ވާހަކައިން ދަރަކްގެ ނިތަށް ރޫތައް ގިނަވެލިއެވެ.
"ދެން އެހެންވީރު އަފްރާހު މިތަނުގައި ކީއްކުރަނީ." ދަރަކް ސުވާލުކުރިއެވެ.
"އޭނާ ގިލްޓީވާންޖެހޭ އެހެންކަމެއް އޮތީކަމަށް ވެދާނެއެއްނު. އެހެންނޫނަސް އޭނާ އަހަރެމެންނަށް އެއްބާރުލުންދޭން އެއްބަސްވީ އަމިއްލައަށް." އަކިޔަލް ހެވިފައި ހުރެ ބުނެލިއެވެ.
"އެއީ ދޮގެއް. ދަރަކް އެއީ ދޮގެއް... އޭނާ މަށަށް ބިރުދެއްކީ. އިންޒާރުދިނީ." އަފްރާހު ނިކަން އަވަހަށް ވާހަކަދެއްކިއެވެ. އަކިޔަލް ކައިރިޔަށް ވަކިން ބޮޑަށް ހިނިއައެވެ.
"އަހަރެން ކަލެއަށް މަޖުބޫރުކުރީންތަ؟. އެކަހަލަ ކަމެއްކުރި ހަނދާނެއްނުވޭ." އަކިޔަލް ބުންޏެވެ.
"ބަލާ. މިހާރު ވެސް އެ ބިރުދައްކަނީ... މިހުރިހާކަމެއް މިވީ ދަރަކްއާ ހެދި. މީ އަހަންނާ ބެހޭ ވެސް ކަމެއްނޫން." ބޮލުގައި ރިއްސައިގަނެފައި ހުރި މީހަކުހެން ނިތްކުރީގައި އަފްރާހު ފިރުމާލިއެވެ.
"އަހަރެންގެ އަންހެނުންނާ ފޮށުނީ އަހަރެންނާ ހެދިތަ؟." ދަރަކް ރުޅިގަދަވިއެވެ.
"ދަރަކް. ކާމްޑައުން... އަހަރެން ކަމެއް ނުކުރަމޭ. އޭނާ ވެސް ބުންޏެއްނު ކަމެއްނުވެޔޭ." އަމިއްލަ ދިފާއުގައި އަފްރާހު ވާހަކަދެއްކިއެވެ.
"އޭނާ އެހާ ގިލްޓީވަނީ ސަމައިރާއާ އޮތް ގުޅުން ފަޅާ އެރީމަ." އަކިޔަލް އެ ވާހަކަ ވެސް ގޮވާލީއެވެ.
"ސަމައިރާއާއެކީ... އެހެންވީމަ މަށަށް ހީވީ ރަނގަޅައްތާ." ދަރަކްއަށް ބުނެވުނެވެ.
"ކަލޭ... ހުރިހާ ވެސް ނުބަޔަކީ ކަލޭ... މިކަމާ ސަމައިރާއާ އޮތީ ކޮންގުޅުމެއް." އަފްރާހު ބުނެލީ ތަންކޮޅެއް ބާރަށެވެ.
"އަހަންނަށް ވަރިހަމަ އަފްރާހު ކޮންމެކަމެއް ކުރިޔަސް. މިތަނަށް އަހަރެމެން ގެނައީ އޭނާގެ ވާހަކަދައްކަންތަ؟." ސިޔާ ހަޅޭލަވައިގަތެވެ. ކޮޓަރީގައި ހުރި މޭޒުގެ މަތިން ކުޑަފެންފުޅިއެއް ނަގައިގެން އައިސް ފާރުގައި ޖައްސާފައި ހުރި ސޯފާގޮނޑިއަށް އޭނާ ވެއްޓިގަތެވެ. އަދި ފެންފުޅިން ކަރުތެރެ ތެތްމާލިއެވެ.
"ތީ ސިޔާތަ؟. ހީވަނީ މުޅީން އެހެން މީހެއްހެން." ސިޔާއަށް ބަލާލަމުން އަފްރާހު ބުންޏެވެ.
"އަފްރާހު. ކަލެއާ ޑީލްކުރާނީ ފަހުން. ސޯ ދަރަކް... މި އަންހެން މީހާއާ ބައްދަލުކުރާން މި ހޮޓެލަށް އައީ ކީއްކުރަން." އަކިޔަލް ބުންޏެވެ. ދެއަތް އުރާލައިގެން ދަރަކްއަށް ބަލަން ހުރި ގޮތުން ހީވަނީ ތަހުގީގުކުރާން ތައްޔާރުވެލައިގެން ހުރީހެންނެވެ. އޭނާގެ ސުވާލާއެކު ދަރަކްގެ ނަޒަރު މަޑުމަޑުން އަމާޒުވެލީ ލައިލީއަށެވެ. އަނބިމީހާގެ ދެ ލޮލުން ފާޅުވާންހުރި އަސަރުތަކުން ދަރަކް ނަޒަރުވަކިކޮށްލިއެވެ.
"ދަރަކްއަށް ދެ އަންހެނުން ގެންގުޅޭން ނޭނގުނީމަ ލައިލީ ޓާގެޓަށްވީ" އަފްރާހު ބުންޏެވެ. އެއާއެކު އަކިޔަލް ދެފަރާތަށް ބޯހޫރާލިއެވެ. އަފްރާހު ނުވާނޭ އިސްލާހެއް އަކިޔަލްގެ ހިތަށް އެވަގުތު އެރިއެވެ.
"ކަލޭ އަނގަމަޑުންލައިގެން ހުރެބަލަ. އަދިވެސް މިކަމުން ކަލެއަށް އެއްޗެއް ނުވިސްނުނު ދޯ... ދަރަކް. ވާހަކަދައްކާ. ލައިލީ އެ ހުންނަނީ އެނގެން ބޭނުންވެފައި." އަކިޔަލް ބުންޏެވެ.
"އަހަންނާ ސިޔާ ބައްދަލުވީ..." ދަރަކް ފަށަން އުޅުނު ވާހަކަ މެދުކަނޑާލީ ސިޔާއެވެ.
"އަހަރެމެން އެފެއާއެއް ހިންގަނީތޯ އެއްނު އަހަން ތިއުޅެނީ. އާން. އަހަރެމެން އުޅެނީ ރައްޓެހިވެގެން. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން." ހެވިލާފައި އިނދެ ސިޔާ ބުނެލިއެވެ.
"ކީއްވެ." ލައިލީއަށް ބުނެވުނެވެ. އޭނާއަށް ދެއަތް މުއްކަވާލެވުނެވެ. ކުރެވެމުންދިޔަ އިޙްސާސްތަކުގައިވަނީ ރުޅީގެ އަސަރުކަމެއް ނޫނީ ހިތްދަތިކަމާއި ވޭންކަމެއް ބުނާކަށް ލައިލީއަކަށް ނޭނގެއެވެ. ސިޔާއާއި ލައިލީގެ ރަޙުމަތްތެރިކަމަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ދެ މީހުންގެ މިޒާޖާއި އުޅުމުގައި ބޮޑު ފަރަގެއް ހުއްޓަސް އެ އެކުވެރިކަމުގައި ފޮނި އެތައް ހަނދާންތަކެއް މާޒީއަށް ދޫކުރެވިފައި ވެއެވެ. އުފަލާއި މަޖަލުގައި އެކުވެރިކަމުގެ ދުވަސްތައް ފާއިތުވަމުން ދިޔައެވެ.
"ސިޔާ... ދަރަކްއަށް އެޕްރޯޗް ކުރީ ޔޫ ދޯ. އަހަރެން އަޑުއެހިން އެމީހުން ސަޔަށްދާން އުޅޭކަން އެނގި މަތިންބައިން އެމީހުންގެ ފަހަތުން އެ ދުވަހު ސިޔާ ދިޔަކަން. ސިޔާއަށް ރަނގަޅަށް އެނގޭނެ ދަރަކްއަކީ އަހަރެންގެ ފިރިމީހާކަން. ދެން ކީއްވެ؟." ލައިލީގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.
"ކީއްވެހޭ؟. ނޭނގުނުތަ ކީއްވެކަން؟. އާ ޔޫ ސްޓުޕިޑް... ބަލަ އަހަރެން އޭނާދެކެ ލައިކްވާތީއޭ. ދަރަކްދެކެ ފުރަތަމަ ލޯބިވީ އަހަރެން. އެކަމަކު އަހަރެންގެ އަތުން އޭނާ ޖަހައިގަތް މީހަކީ ތީ." ރުޅިވެރިކަމާއެކު ސިޔާ ބޭރުކޮށްލި އެންމެފަހު ޖުމްލައާއެކީ ޝަހާދަތް އިނގިލި ލައިލީއަށް ދިއްކޮށްލިއެވެ.
(ނުނިމޭ)