މިސްކިތް

ސައުދީގެ މިސްކިތަކަށް ހަމަލާދީ، ދެ މީހުން މަރާލައިފި

ސައުދި އަރަބިއްޔާގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހަމާލާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ސައުދި އަރަބިއްޔާގެ އިރުމަތީ އަލްއަސާގެ ޝީއާ މިސްކިތެއް ކަމަށްވާ، އިމާމް ރިދާ މިސްކިތަށް ދިން ހަމަލާގައި ދެ މީހުން މަރުވެފައިވާ ކަމަށް ސައުދީގެ ނޫސްތަކުން ބުނާއިރު މި ހަމަލާގައި ޒަހަމްވެ ހަތް މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިއަދު ހުކުރު ނަމާދު ވަގުތު އެ މިސްކިތަށް މި ހަމަލާ ދީފައިވަނީ މިސްކިތަށް ވަނތް މީހަކު ގައިގާ ބޮމެއް ހަރުކޮށްގެން ވަދެ، އެ ބޮން ގޮއްވާލައިގެންނެވެ. އެމީހާ އެ ބޮން ގޮއްވާލީ މިސްކިތުގެ ސެކިއުރިޓީންނަށް އެމީހާ ފެނި ޝައްކުވުމުން، މިސްކިތުގެ ދޮރުމަތީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މިސްކިތަށް ހަމަލާ ދިނުމަށް ވަދެފައިވަނީ ދެމީހުންނެވެ. އެމީހުން ހަމަލާއެއް ދޭން އުޅޭކަން ސެކިއުރިޓީންނަށް ޝައްކުވުމުން އެކަކު ގައިގާ ހަރުކޮށްފައިވާ ބެލްޓްގައިވާ ބޮން ގޮއްވާލާފައިވާއިރު އަނެއް މީހާ ވަނީ ބަޑިން ސެކިއުރިޓީންނަށް ހަމަލާދީފަ އެވެ. ނަމަވެސް އެމީހާ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރު ވެސް ސައުދީގެ މިސްކިތަކަށް ދެ ފަހަރެއްގެ މަތިން ދެވުނު ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލާފައިވެ އެވެ.