މޯލްޑިވްސް ޕޮލިސް ސާވިސް

ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

Feb 28, 2023
1

ރާއްޖެއިން ބޭރުގެ ކުންފުނިތަކަކަށް އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކޮށް މަކަރާއި ހީލަތުން މަންފާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަންވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ އަދަދު އިތުރުކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.