ދިރާގު

އެންމެ ހަލުވި މޮބައިލް ނެޓްވާކް އެވޯޑު ދިރާގަށް ހަވާލުކޮށްފި

ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާކް އެވޯޑް އޫކްލާއިން ދިރާގަށް ހަވާލުކޮށްފި އެވެ.

މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށް ކުރިއަށްދާ މޯބައިލް ވާލްޑް ކޮންގްރެސް 2023 ގައެވެ. އެ ކުންފުނީގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

އޫކްލާއިން މިއަހަރު ކުރީކޮޅު ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފަ އެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.

ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އޮޕަރޭޓަރުގެ މަގާމު އޫކްލާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ ލިބޭ އުފަލެއް ކަމަށް ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.

"ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްކަން ޔަގީންކޮށްއަރުވަން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވި ގޮތުގައި އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަސްއަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ހާއްސަ އެވޯޑަކާއި ލަގަބެކެވެ.

"މި އެވޯޑަކީ 2022 ގައި ދިރާގުން ދެއްކި އާދަޔާހިލާފު ޕާފޯމަންސްގެ އަލިގަދަ ހެއްކެއް،" ޑަގް ސަޓްލްސް ވިދާޅުވި އެވެ.

އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވާކް ޓެސްޓްކުރާ އެކި އެޕްލިކޭޝަން، ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގެ މާހިރުންނެވެ. މިގޮތުން އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވާކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މަޢުލޫމާތު އެއްކުރެއެވެ.

މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސަންޓް މޮބައިލް 4ޖީ ކަވަރޭޖު ދިރާގުން ފޯރުކޮށްދެ އެވެ.