ރިޔާސީ އިންތިހާބު 2023

ރައީސްއާއި ގާސިމް ބައްދަލުކުރައްވައިފި

Mar 1, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފި އެވެ.

ރައީސްއާ ބައްދަލުކުރެއްވުމަށް މީގެކުޑައިރުކޮޅެއް ކުރިން ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހާއި ގާސިމްއާ ދެމެދު ކުރިއަށްދާ ބައްދަލުވުމަކީ ރައީސް ސޯލިހްގެ އިސްނެންގެވުމަކަށް ކުރިއަށްދާ ބައްދަލުވުމެކެވެ.

ދެ ބޭފުޅުން އެކަނި ތިއްބަވައިގެން ކުރިއަށް ގެންދާ މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެނގިފައެއް ނުވެ އެވެ.

ރައީސް ސޯލިހް ވަނީ އެކުގައި އިންތިހާބަށް ނިކުތުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ސިޓީ ފޮނުއްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހްއާ ރަސްމީކޮށް ހަވާލުކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީއާއި އެމްޑީއޭ އިން ވަނީ ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މިނިންމުމާ ގުޅިގެން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާނީ ޖޭޕީގެ ކައުންސިލްގަ އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީން މިހާރު ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.