ހައިކޯޓް

އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ އަދަބު ލުއިކޮށްދީފި

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވި ފުލުސް މީހާ -- އަބްދުއްރަހްމާން ރަފީއުގެ އަދަބު ހައިކޯޓުން ލުއި ކޮށްދީފި އެވެ.

އަބްދުއްރަހްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރަމުން ދިޔަ ފުލުހެކެވެ. އަބްދުއްރަހްމާން އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22ގައެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އޭނާ އެދުނީ އަދަބު ލުއިކޮށްދިނުމަށެވެ.

މިގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ އަބްދުއްރަހްމާންގެ ޖަލު ހުކުމުން ދެ މަހާއި 12 ދުވަސް އުނިކޮށްފަ އެވެ. އޭނާ ދެން ޖަލުގައި ހޭދަކުރަންޖެހޭނީ އެއް އަހަރުގެ މުއްދަތެކެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހު އިއްވުމާ އެކު އޭނާ ދައުވާއަށް އެއްބަސްވެފައިވެ އެވެ.

ދައުލަތުން އަބްދުއްރަހްމާންގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ.