އެޗްޑީސީ

ރޯދަ މަހަށް އެޗްޑީސީން ވަގުތީ މާރުކޭޓެއް ހަދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޯދަ މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި 18 ގޮޅި ހުންނަ މާރުކޭޓުން ނުވަ ގޮޅި ހާއްސަ ކުރާނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށެވެ. ބާކީ ނުވަ ގޮޅި އާންމުކޮށް ހުޅުވާލެވި އިއުލާނުކުރުމަށް ވަނީ ނިންމާފަ އެވެ.

ވަގުތީ މާރުކޭޓެއް ހަދަން ނިންމީ ހިޔާގައި ދިރިއުޅޭ މީހުންނަށް ރޯދަ މަހު ފަސޭހައިން ކާބޯތަކެތި ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް ބޮޑު މަހަކަށްވާއިރު އެޗްޑީސީން ވަނީ ވަގުތީ މާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހަމަޖައްސައިދީފަ އެވެ.

މީގެ އިތުރުން ވިނަރެސް އިމާރާތުގެ ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައެޅި މިދިޔަ މަހު ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ބަލައިގަނެ އެފަދަ ކަންކަމަށް ކޯޕަރޭޝަންގެ އެއްބާރުލުން ހުރިހާ މުއައްސަސާތަކަށް ލިބޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.