ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ

Mar 1, 2023

ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންކުރާނެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތެއްވާނަމަ އެކަމެއް ނިންމުމަށްފަހު ކުރިއަށް އޮތް އޭޕްރީލް 25 ވަނަ ދުވަހު އިންތިހާބާ ގުޅޭ މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށްވެސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެއްވެސް މަރާމާތެއް ކުރަންހުރިތޯ ބަލަމުން. އަންނަ މަހު މަސައްކަތް ފަށައިގަނެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި މައި މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށްވެސް ސަރުކާރުން ކުރިން މަސައްކަތް ކުރި އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.