އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހުކުރަށް ފަށާފައި އޮތް ޕްރޮގްރާމަކީ ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށް ބުނެ މުޒާހަރާ ކުރަމުން ދިޔަ އާންމުގެ ތެރެއަށް ފުލުހުން ވަނުމުން ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ގާނޫނަކަށް ބަދަލުކުރަން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް އަނބުރާ ނުނަންގަވާނެ ކަމަށްވެސް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.
ޝަރުއީ ދާއިރާ ބަދަލުކުރަން ހުށަހެޅި ބިލަށް ބަހުސްކުރަން މަޖިލީސް އެއްވި ވަގުތާ ދިމާކޮށް އިޒްރޭލުގެ އަވަށްތަކުގައި އާންމުން މަގުތަކަށް ނުކުމެ ބަސްނޭހުމުގެ އެއްވުންތަކެއް ދަނީ ބާއްވަމުންނެވެ.
އާންމުން މަގުތަކަށް ނުކުމެ ހައިވޭތައް ވަކިކުރަން ދަމާފައި ހުރި ނަރުދާތައް ކޮށައި އެއްގަމު އުޅަނދުފަހަރަށް ޖެއްސުންކޮށް ވަނީ ފުލުހުންނަށް ހުރަސްއަޅާފަ އެވެ.
އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގެ އެކި ތަންތަނުގައި އިޒްރޭލުގެ ދިދަތައް އުފުލައި، ބެނާ ހިފައިގެން މަގުތަކަށް ނުކުމެ އާންމު ދިރިއުޅުމަށް ވަނީ ޖެއްސުންކޮށްފަ އެވެ.
އާންމު ރައްޔިތުންގެ ބަސްނޭހުން މައިތިރިކުރަން ވަދެގަތް ފުލުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިނަގައި ވަނީ ގަޔަށް އަތްލައި މާރާމާރީ ހިންގާފަ އެވެ.
މަޖިލީސް ދޮށަށް އެއްވި މީހުން ވަނީ މެމްބަރުންނަށް ހުރަސްއަޅައި -- މަޖިލީހުގައި ތިބި މެމްބަރުންނަށް މަގުބަންދުކޮށް ނުކުތުމަށް ދަތިކޮށްފަ އެވެ. އަދި މަޖިލީހަށް ވަންނަން މެމްބަރުންވެސް ވަނީ ބޭރުގައި ހިފަހައްޓާފަ އެވެ.
އާންމު ރައްޔިތުންގެ މި އަމަލުތަކާ ބެހޭ ގޮތުން ބޮޑުވަޒީރު ވަނީ ކުރިން ވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ މިފަދަ އެއްވެސް ކަމަކީ އޭނާއަށް އޮތް ކަންބޮޑުވުމެއް ނޫނެވެ.
ޑިމޮކްރެޓިކް މާހައުލެއްގައި އާންމުންގެ އުދާސްތަކާއިގެން މަގުތަކަށް ނުކުންނާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ސަރުކާރުން ކުރާނެ ކަންތައްތަކާއި ނުކުރާނެ ކަންތައްތައް އާންމުންނަށް އެނގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.