ފޮރިން މިނިސްޓްރީ

ދިވެހި ސަފީރު ފަލަސްތީނުގެ ރައީސަށް ފަތްކޮޅު އަރުވައިފި

Mar 2, 2023

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުހައްމަދު ޚަލީލް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

މިރަސްމިއްޔާތު އިއްޔެގެ ވަގުތެއްގައި ކުރިއަށްދިޔައީ އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގަ އެވެ.

ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް، މަހްމޫދު އައްބާސް ވަނީ ސަފީރު ޚަލީލަށް މަރުހަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

ސަފީރު ހަލީލުގެ ވާހަކަފުޅުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ރައީސް އައްބާސްއަށާއި ފަލަސްތީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކޮށް ޝުކުރު އަދާކުރައްވާފަ އެވެ.

ސަފީރު ހަލީލް ވިދާޅުވީ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންގެ ދިފާއުގައި ރައީސް ސޯލިހްގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަަށެވެ. ފަލަސްތީނުގެ ހާލަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް ހާއްސަ ކަމެއް ދެވިފައިވާ ހާލަތެއްކަން ފާހަގަކުރައްވައި، 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އައްބާސްގެ ވާހަކަފުޅުގައި ރައީސް ސޯލިހް، ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ހާއްސަ ގާތްގުޅުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވައި، ރައީސް ސޯލިހަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިހްތިރާމާއި އެކު ވެދުން އަރިސްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި، މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީ ސަރަހައްދުގެ އަމަންއަމާންކަން ގާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް އައްބާސް ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ ކަމަށްޓަކައި ތައުރީފުކުރައްވާ، ދިވެހި ސަރުކާރަށް ޝުކުރުވެސް އަދާކުރެއްވި އެވެ.

ސަފީރު ހަލީލު، ރައީސް މަހްމޫދު އައްބާސްއަށް ފަތްކޮޅުއެރުވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ އޭޕްރިލް 4، 1982 ގައެވެ.