ދުނިޔެ

ޗައިނާގެ ސުލްހައިގެ ކަރުދާހުގައި ރަނގަޅު ނުކުތާތަކެއް ވެސް އެބަހުރި: ބްލިންކެން

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި ހަމައެކަނި ގެއްލުން ލިބެނީ އެ ގައުމަކަށް ނޫނެވެ. ޔުކްރޭންގެ ރައްދު ހަމަލާތަކުގައި ރަޝިއާގެ އަސްކަރިއްޔާއަށް ވެސް ނުހަނު ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ޔުކްރޭންގެ އިންޓެލިޖެންސުން ރަޝިއާއަށް ގެއްލުން ދިނުމަށް ކްރައިމިއާ ބްރިޖު ގޮއްވާލުމަކީ ވެސް ރަޝިއާއަށް ކުޑަކަކުލަށް ތިރިކުރުވަން ދިން ހަމަލާއެކެވެ.

ޔުކްރޭން ހަނގުރާމާގައި ރަޝިއާ އަށާއި ޔުކްރޭނަށް ވެސް ބޮޑެތި އަދި އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން ދާއިރުވެސް ހަނގުރާމަ ހުއްޓުވުމުގެ ނިޔަތުގައި އެއްވެސް ބަޔަކު އެއްވެސް ކަމެއް ނުކުރެ އެވެ.

މިހެން ކަން އޮއްވައި ޗައިނާއިން ހުށަހެޅި ސުލްހައިގެ ކަރުދާހުގައި ހެވެއް ނެތް ކަމަށް ބުނެ އެމެރިކާއިން ވަނީ ދެކޮޅު ހަދާފަ އެވެ. އެހެންނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން -- ޗައިނާގެ ސުލްހައިގެ ކަރުދާހަށް ރަނގަޅަށް ބައްލަވައިލެއްވުމަށްފަހު ދެކެވަޑައިގަންނަވާ ގޮތް ވަނީ ވިދާޅުވެފަ އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި ޗައިނާއިން ހުށަހެޅި ސުލްހައިގެ ކަރުދާހުގައި މުހިއްމު ވާހަކަތައް ވެސް އެބަހުއްޓެވެ.

ޗައިނާއިން މީގެ ކުރިންވެސް މިފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ ބްލިންކެން ވިދާޅުވީ ޔުކްރޭންގެ ރައީސް ޒެލެންކީވެސް މި ވާހަކަތައް ދެއްކެވި ކަމަށެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައެއްގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ބްލިންކެން ވިދާޅުވީ ޗައިނާއަށްވެސް އޮތް ކަންބޮޑުވުމަކީ ޔުކްރޭންގެ މިނިވަންކަމާއި އިސްތިގުލާލް ކަމަށެވެ. އެމެރިކާ އާއި ބައިވެރިން ދުވާލުދާ ހަތަރުދަމު ކުރާ ކަމަކީވެސް ޔުކްރޭނަށް މިނިވަންކަން ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ބުނުމަކީ މަޝްވަރާކޮށްގެން ނޫން ގޮތަކަށް އަދި ސިޔާސީ ހައްލެއް ނޫން ގޮތަކަށް ޔުކްރޭނަށް ސުލްހަ ނުގެނެވޭނެ ކަމަށެވެ. ޗައިނާގެ ހުށަހެޅުމަކީ ވެސް މަޝްވަރާ މޭޒުދޮށަށް ޖަމާވުމެވެ.