ބޭރު ކުޅިވަރު

އެޑާ އިންޓަމިލާނަށް

ސެމްޕްޑޯރިއާގެ ފޯވަޑް އެޑާ ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަމިލާނަށް ގެންގޮސްފި އެވެ.

އިޓަލީގެ 29 އަހަރުގެ ފޯވަޑް އިންޓަމިލާނަށް މި ގެންދިޔައީ މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ. އެޑާއަކީ ލީގުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 12 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖަހާފައިވަނީ 21 ގޯލު ޖަހާފައިވާ ނަޕޯލީގެ ފޯވަޑް ގޮންޒާލޯ ހިގުއައިންނެވެ.

އިންޓަމިލާނަށް އޭނާ ގެންދިއުމުން އެޑާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެން އަހަރުތަކެއް ވެއްޖެ ވަރަށް ބޮޑަށް މަސައްކަތްކުރާތާ ބޮޑު ކުލަބަކަށް ކުޅެން. އެކަން ހަގީގަތަކަށްވުމުން ވަރަށް އުފާވެއްޖެ،" ބްރެޒިލަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.

އެޑާ ވަނީ ސެމްޕްޑޯރިއާ އަށް މިހާތަނަށް ކުޅެދިން 135 މެޗުގައި 49 ގޯލު ޖަހާފަ އެވެ. އޭނާ އިންޓަމިލާނަށް ލޯނު އުސޫލުން ގެންދިޔަ ނަމަވެސް އެކުލަބުން ވަނީ ކުޅުންތެރިޔާ ދައްކާ ކުޅުމަށް ބަލާފައި ކޮންޓްރެކްޓް ދާއިމީ ކުރެވިދާނެ ކަމަށެވެ.

އިންޓަމިލާން މި ވަގުތު އޮތީ ޓޭބަލުގެ ހަތަރު ވަނާގަ އެވެ. އެކުލަބަށް ދެން ކުރިއަށް އޮތީ އެންމެ ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި ކޯޗު ރޮބާޓޯ މަންޗިނީ އެޑާ ލައްވައި ކުޅުވާނެ އެވެ. އެއީ ޓީމުގެ އެންމެ އިސް ފޯވަޑް މައުރޯ އިކާޑީ މި ދުވަސްވަރު ފޯމު ކަޓާފައި ހުރުމުންނެވެ.

އެޑާ އިންޓަމިލާނަށް މިގެންދިޔައީ އޭނާ ހޯދުމަށް އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް ލެސްޓަ ސިޓީން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ.