ފިނިޕޭޖް

އެޑް ޝީރަންގެ އާ އަލްބަމް "ސަބްޓްރެކްޓް" ނެރެނީ

އުމުރުން 32 އަހަރުގެ އެޑް ޝީރަން އަނެއްކާވެސް ހިސާބާ ގުޅުވާފައި އާ އަލްބަމެއް ނެރެނީ އެވެ. މިއީ އެޑްގެ ހަވަނަ އަލްބަމެވެ.

"ސަބްޓްރެކްޓް"ގެ ނަން ދީފައިވާ މި އަލްބަމަކީ 2022 ފެށުނު ތަނާހެން އެޑްގެ ހަޔާތުގައި ދިމާވި އަނދިރި ދުވަސްވަރެއް ދޭހަކޮށްދޭ އަލްބަމެކެވެ.

އެޑް ބުނީ އޭނާގެ ޅަ ދުވަހުއްސުރެ ލޯބީގެ ގޮތުން ގުޅުނު ލޯބިވާ އަނބިމީހާ ޗެރީ ސީބޯން ދެވަނަ ދަރިއަކަށް ބަލިވެއިން ދުވަސްވަރުގައި ޓިއުމާއެއް އުފެދިފައިވާކަން ޑޮކްޓަރުން ބުންޏެވެ. އަދި ވިހަންދެން އެއްވެސް ބޭސްފަރުވާއެއް ނުކުރެވޭނެ ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.

މި ދުވަސްވަރު ދިމާވީ އެޑްގެ އެންމެ މަޝްހޫރު އެއްލަވަ ކަމުގައިވާ "ޝޭޕް އޮފް ޔޫ" ގެ ލިރިކްސް ޕްލޭޖަރައިޒްކޮށްފައިވާކަމުގެ ދައުވާއެއްގައި ކޯޓުގައި ލަވަލިޔުންތެރިއެއްގެ ގޮތުން އޭނާގެ ނަޒާހަތްތެރިކަން ދިފާއުކުރަމުންދިޔަ ދުވަސްވަރާ އެވެ. މީގެ އިތުރުން އެޑް އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި ދުށް ގާތް ރަހްމެތްތެރިޔާ ޖަމާލް އެޑްވަޑްސް ކުއްލިއަކަށް މަރުވިއެވެ.

"ޝޭޕް އޮފް ޔޫ"އާ ބެހޭ ކޯޓްކޭސް އެޑް މޮޅުވީނަމަވެސް، އެޑް ބުނީ މިހުރިހާ ކަމެއްގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ދަށަށްގޮސް، އޭނާއަށް އިހްސާސްވީ މޫދުގެ އަޑީގައި އޮވި މަތި ފެނި އެކަމަކު މައްޗަށް ނޭވާލާން އަރައި ނުގަނެވި ގެނބޭ ކަމަށެވެ. މި ކަންތަކުގެ ސަބަބުން އެޑް ލިޔެފައިވާ އެތައް ސަތޭކަ ލަވަތަކެއްގެ ބަދަލުގައި އޭނާގެ އެ އިހްސާސްތައް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ފަދަ އަލްބަމެއް ހެދީ އެވެ.

"ސަބްޓްރެކްޓް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި ފަސްވަނަ ދުވަހު އެވެ. މި މަހުގެ ފަހުކޮޅު ލަންޑަން، ޑަބްލިން، ގްލާސްގޯ، މެންޗެސްޓާ އަދި ޕެރިސްގައި ކުޅެން ހަމަޖެހިފައިވާ ޝޯތަކުގައި އަލްބަމްގައި ނުހިމެނޭ ސިންގަލްއެއްވެސް ޑެބިއުކުރާނެ އެވެ.

އެޑް ޝީރަން އަކީ ހަތަރު ފަހަރަށް ގްރެމީ އެވޯޑް ލިބި، އެހެނިހެން ބައިވަރު އެވޯޑް ލިބިފައިވާ ކާމިޔާބު ލަވަކިޔުންތެރިއެކެވެ.