( 28 ފެބްރުއަރީ 2023 އާ ގުޅޭ )
"ކީއްވެހޭ؟. ނޭނގުނުތަ ކީއްވެކަން؟. އާ ޔޫ ސްޓުޕިޑް... ބަލަ އަހަރެން އޭނާދެކެ ލައިކްވާތީއޭ. ދަރަކްދެކެ ފުރަތަމަ ލޯބިވީ އަހަރެން. އެކަމަކު އަހަރެންގެ އަތުން އޭނާ ޖަހައިގަތް މީހަކީ ތީ." ރުޅިވެރިކަމާއެކު ސިޔާ ބޭރުކޮށްލި އެންމެފަހު ޖުމްލައާއެކީ ޝަހާދަތް އިނގިލި ލައިލީއަށް ދިއްކޮށްލިއެވެ.
"ސިޔާ... ލޯބިވަނީއޭ... އެވެސް ދަރަކްދެކެ." އަޑުއިވުނު ވާހަކައިން ލައިލީއަށް ލިބުނު ސިހުމުގައި ހިތާހިތާ ކިޔާލެވުނެވެ. އެއާއެކު ވަގުތުން ލައިލީ ހަނދާންވީ އޭނާއާ ދަރަކް ރައްޓެހިވީކަން އެންމެންނަށް އެނގުމުން ސިޔާ ދައްކާފައި ހުރި ވާހަކަތަކެވެ. ސިޔާގެ ނަޒަރުގައި ލައިލީއާ ދަރަކް ގުޅުމަކީ އިންސާފެއްނޫންކަމުގައި އޭރު ވެސް ބުންޏެވެ. އޭރު ސިޔާ ވާހަކަދެއްކި ގޮތުން އެއީ ހަޤީޤަތުގައި ވެސް އޭނާގެ ހިތުގެ އިޙްސާސްތައްކަމެއް ދެނެގަންނަން ލައިލީއަށް ނޭނގުނީއެވެ. ހީކުރެވުނީ އެހެން އެކުވެރީން ފަދައިން ތަހުނިޔާ ކީއިރު ސިޔާ ވެސް އޭނާއަށް ޓަކައި ހުރީ އުފަލުންކަމަށެވެ.
"ސްކޫލު ދުވަސްވަރު ވެސް ކަލޭ އުޅުނީ ހަމައެހެން. މާ މަޑުމަޑުން ހުންނަ ލަދުރަކި އަންހެނަކަށް ވެގެން ހުރިހާ ފިރިހެނުންގެ ސަމާލުކަން ހޯދާނެ. ދެން ކަމެއްނުކުރާ މީހަކަށް ހެދި އަމިއްލައަށް ވިކްޓިމްއަކަށް ހެދެން އުޅޭނީ. ތިމަންނަ އެއްވެސް ކަމެއްނުކުރަމޭ. އެމީހުން އެހެން އުޅެނީއޭ... ވަރަށް ފޫހިވޭ. އެހާ ރުޅި ވެސް އާދޭ ކަލެއާ ހެދި." ސިޔާ އަޑަށް ބާރުލައި ވާހަކަދެއްކިއެވެ.
ފެންނަމުން މިދަނީ ހަޤީޤަތެއްބާއޭ ލައިލީއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެ ހުރިހާ އެއްޗެއް އެކީ ހަމަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހެއްޔެވެ. ބޮލަށް ބަރުވެ ކޮޓަރިތެރެ އެނބުރިގަތްހެން ލައިލީއަށް ހީވިއެވެ. ފާރުގައި އަތް ޖައްސާލަން އަތް ހިއްލާލި ހިނދު އޭނާ އަރި އަޅައިލައިފިއެވެ.
"ލައިލީ." ދަރަކްއާއި އަކިޔަލްގެ އަޑު އައީ އެއްފަހަރާއެވެ. ނަމަވެސް ދަރަކްއަށް ވުރެ ކުރީން ލައިލީގެ ގައިގާ އަކިޔަލް ހިފަހައްޓާލައިފިއެވެ. ދަރަކްގެ ނަޒަރު އަކިޔަލްއަށް ހުއްޓިފައިވިއެވެ.
"ސޮރީ... އަހަރެން އޯކޭ." ލައިލީ މަޑުމަޑުން އަކިޔަލްގެ އަތް އޭނާގެ ގައިން ނައްޓުވާލައި ދުރަށް ޖެހިލިއެވެ.
"ސިޔާ... ސިޔާ އަހަރެންދެކެ އެހާ ރުޅި އާދޭތަ. އެކަމަކު އަހަރެމެން އެކީގައި އުޅޭތާ ކިތައް އަހަރުވެއްޖެ... އޭގެ މާނައަކީ... މިހާ ދުވަހު އޭނާ ހުރީ އެ ރުޅިވެރިކަން ފޮރުވައިގެންނޭ. އަހަރެން ހިތަށް ވެސް ނާރާ. ކުޑަކޮށް ވެސް އެކަމުގެ ހިލަމެއްނުވޭ. ކިހާ ގާތްކޮށް އަހަރެމެން އުޅުނީ. ކިހާ ވާހަކައެއް އަހަރެމެންގެ ދެމެދުގައި ޚިއްޞާކުރީން." މިވަރުގެ ސިހުމެއް ލައިލީގެ ހަޔާތުގައި ވެސް ކުރިމައްޗެއް ނުވެއެވެ.
"ކޮބާ މަބުނީމެންނު... މިހާރު ވެސް އޭނާ އެއުޅެނީ މިތާ ތިބި ފިރިހެނުންނަށް ތުއިނުދެއްކިގެން. މާ ވީކް މީހަކަށް ހެދިގެން އެކްޓު ޖައްސަނީ. ޝީޒް އަ ސްނީކީ ބިޗް. ފިރިހެނުންނަށް އޭނާގެ ހަޤީޤަތް އެނގޭނަމަތާ." ސިޔާގެ ބުންޏެވެ.
"ލައިއާ ދިމާއަށް އެއްވެސް އެއްޗެއް ކިޔައިގެން ނުވާނެ. ފަސް އަހަރު ކުރީން އަހަރެމެން ބައްދަލުވީއިރު، އަހަންނަށް ލައިލީދެކެ ލޯބިވެވުނީ. ފުރަތަމަ ލޯބި ހުށަހެޅީ ވެސް އަހަރެން. އޭރު ވެސް އަހަރެން އޮންނާނީ ސިޔާއަށް ޖަވާބު ދީފައި. ކަލެއަކީ އެއްވެސް ގޮތެއްފޮތެއްނެތް އަންހެނެއް. އެއްވެސް އަގެއްނެތް މީހެއް." ދަރަކްގެ އަޑުގައިވީ ފޫހިކަމެވެ.
"އަހަރެން ހީކުރީ މިކަމުގައި ބޮޑު ސިއްރެއް އޮތިއްޔޭ. އެކަމަކު މީނަ މިހެން މިއުޅެނީ ފިރިހެނަކު ނުވެގެން. ކަލޭގެ ތި އެޓިޓިއުޑްއާ ބަލާފައި އަސްލު ކަލޭގެ ގަޓެއްނެތް. ނޫންތަ؟." މަލާމާތުގެ ރާގެއްގައި އަކިޔަލް ބުންޏެވެ. ސިޔާގެ މޫނުން އޭނާ އިތުރަށް ރުޅިގަދަވީކަން ފާޅުވެލިއެވެ.
"ހުއް!... ކަލޭ ވަކި ދެރަތަ. ކަލޭ ވެސް ތިއުޅެނީ މި ހުރި ލައިލީއާ އަޅައިގަނެގެން. އެހެނެއްނޫންތަ؟. އަހަންނަށް އެނގޭ މިކަމުގައި ކަލޭ ލައިލީއަށް ތިހާ ހެވެއް އެދިގެން ތިއުޅެނީ އެހެންވެކަން. އެ ދެމީހުން ދުރުވީމާ ކަލެއަށް ފުރުޞަތު ބޮޑުވީ. އަހަންނާ ކަލެއާ ވަކި ތަފާތެއްކޮބާ. އެހެންވީމަ މަށާ ދިމާއަށް އެއްޗެހި ކިޔެން ކަލެޔަށް އެބައޮތްތަ؟." ސިޔާ ބުންޏެވެ. އަކިޔަލް ކުޑަކޮށް ހީނލީއެވެ. ދެން އަނެއްކާ ވެސް އޭނާގެ މޫނަށް ސީރިއަސްކަން ވެރިވެއްޖެއެވެ. އަކިޔަލް ބަލާލީ ދަރަކްއަށެވެ.
"އަދިވެސް އޭރު ކުރި ސުވާލަށް ދަރަކް ޖަވާބެއް ނުދެމެންނު. މިތަނަށް މީނާއާ ބައްދަލުކުރާން ދަރަކް އައީ ކޮންބޭނުމެއްގައި." އަކިޔަލް ވާހަކަދެއްކިއެވެ.
"އެއްބަސްވުމެއް ހަދަން." ދަރަކް އިސްޖަހާލަމުން ބުނެލިއެވެ.
"ކީއްކުރާ އެއްބަސްވުމެއް." އަކިޔަލް ސުވާލުކުރިއެވެ.
ދަރަކްގެ ނަޒަރު ވަގުތުން ހުއްޓުނީ ލައިލީއަށެވެ. އޭނާ އެ ވާހަކަދައްކަން ފަސްޖެހޭކަން ދަރަކްގެ ދެ ލޮލުން ހާމަވެއެވެ. އެކަމަކު ނުބުނެ ސިއްރުކުރުމުގެ ބޭނުން ކެނޑިއްޖެކަން ދަރަކްއަށް ވިސްނެއެވެ. ލައިލީއަށް ހަޤީޤަތް ހާމަކުރަންވީ ވަގުތު އަތުވެއްޖެކަން އެނގޭތީއެވެ. މިހާރު ވެސް މާބޮޑަށް ލަސްވެއްޖެކަން އޭނާއަށް އެނގެއެވެ.
"އެއީ... ކުއްޖެއް..." ލައިލީގެ ކުރިމަތީ ވާހަކަދައްކަން ދަރަކްއަށް އިންތިހާއަށް އުނދަގޫވިއެވެ. އެ ފުރުޞަތުގެ ބޭނުން ހިފީ ސިޔާއެވެ. ނިކަން ހެވިލާފައި އޭނާ ލައިލީއަށް ބަލާލިއެވެ.
"އެއީ އަހަރެން ދަރަކްގެ ދަރިއަކަށް ބަލިވެ އިނީމަ." ސިޔާ ބުންޏެވެ.
ކުރިޔަށްވުރެ ބޮޑު ސިހުމެއް ލައިލީއަށް ލިބިގެންދިޔައެވެ. އޭނާ ދަރިއަކު ހޯދަން ބޭނުންވެފައިވީއިރު ދަރަކްގެ ފަރާތުން އެއްބާރުލުން ނުލިބުނެވެ. އެކަމަކު މިހާރު މި އަޑުއިވުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާގެ ފިރިމީހާގެ ދަރިއަކަށް ބަލިއިންކަމުގެ ޚަބަރެވެ. މިއަށްވުރެވުރެ ބޮޑު ހިތްދަތިކަމެއް އަނތްބަކަށް ލިބިދާނެ ހެއްޔެވެ.
"އޯ ވާއު!... ކުޅަދާނަ އިނގޭ. ކަލޭ ތިހާ މޮޔަވާނެއޭ ހިޔެއްނުކުރަން. ކަލެއަށް ޔަގީންތަ އެއީ ކަލޭގެ ދަރިއެއްކަން. އެވަރު އެޓްލީސްޓު ބަލަންވާނެއެއްނު." އަފްރާހު ހިނިގަނޑެއް ޖަހާލުމާއެކު އައިސް ދަރަކްގެ ކަރުގައި އަތް އަޅުވާލައި ވާހަކަދެއްކިއެވެ.
"ކީކޭ ކިޔަން އަފްރާހު ތިއުޅެނީ. އެހެން ކިހިނެއްތަ ވާނީ." ސިޔާ ހަޅޭލަވައިގަތެވެ.
"މައިތިރިވެބަލަ ސިޔާ. އަހަރެން މިބުނީ ހަމަ ވެދާނެ ގޮތެއްގެ ވާހަކަ. ޔަގީން ކުރުމަކުން ގޯހެއްނެތެއްނު." އަފްރާހު ބުންޏެވެ.
"މަށަކަށް ނޭނގެ." ކައިރީ ހުރި އެނދުގެ ފައިލާކޮޅުގައި ދަރަކް އިށީނދެ ބޮލުގައި ހިފަހައްޓާލިއެވެ.
"ނޭނގެޔޭ. ތީގެ މާނައަކީ ކޮބާ؟. އޭނާ ފްރެގްވެގެން ނުވާނެއޭތަ؟." އަފްރާހު ސުވާލުކުރިއެވެ.
"އެޔެއްނޫން. ފުރަތަމަ ކަމަކަށް އަހަރެން އެވަރުގެ ބޮޑުކަމެއް ކުރިއިރު އެކަންވީ ކިހިނެއްކަން ކުޑަކޮށް ވެސް ހަނދާނެއްނުވޭ. ކިހިނެއް ހިނގައިދިޔަ ކަމެއްކަން ބުނާކަށް އެއްގޮތަކަށް ވެސް އަހަންނަކަށް ނޭނގޭ." ބޮލުގައި ހިފަހައްޓާލައިގެން އިނދެ ދަރަކް ބުންޏެވެ. އޭނާ މިވަގުތު ވެސް އެ އިނީ އެ ވިސްނުމުގައި ކަހަލައެވެ.
"ވަޓް. ދެން ކޮންއެއްބަސްވުމެއް..." އަފްރާހުގެ ވާހަކަ ހުއްޓުވާލީ ސިޔާގެ ބާރު އަޑެވެ.
"މަށާއެއްކޮށް އެހެން ނޫޅެމޭ ބުނަންތަ ތިއުޅެނީ. މި އެންމެންގެ ކުރިމަތީ އަވަހަށް ބޯދަމައިގަންނަން ދޯ ތިވިސްނީ. ނަސީބެއް އަހަރެން އަތުގައި ފޮޓޯތައް ހުރިކަން. ގައިމުވެސް އެ ފޮޓޯތައް އެއީ އެކަން ހިނގިކަމުގެ ހެއްކެއް. އަހަންނަށް ކުރީން ވެސް ހީވިޔޭ ދަރަކް ސަލާމަތްވާން އުޅެދާނޭ." ސިޔާ ބުންޏެވެ.
"ތި އަނގަމަޑުން ލައިގެން ހުރެބަލަ. ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އަނގަބާނައޭ. ކަލޭ ވާހަކަދައްކަން ފުރުޞަތު ދޭނަމޭ." އަކިޔަލް ނުރުހުމާއެކު ބުނެލިއެވެ.
"ފުރަތަމަ ކަލޭ އަނގަމަޑުކޮށްބަލަ. މިކަމުގެ ތެރެއަށް ވަންނާކަށް މީ ކަލެޔާ ބެހޭ ވެސް ކަމެއްނޫނޭ... އޯ! މަށަށް އެނގިއްޖެ." ސިޔާ ހިނިގަނޑެއް ޖަހާލިއެވެ.
"ކޯއްޗެއް އެނގުނީ." އަފްރާހަށް ނާހާ ނުހުރެވުނެވެ. ސިޔާ ދެއަތް އުރާލަމުން ހެވިފައި ހުރެ ވާހަކަދެއްކިއެވެ.
"މިތިބަ ދެމީހުންނަށް ބަލާބަލަ. ކަލޭ ވެސް އެކަން ނިންމާލައިގެން ދޯ ތިހުންނަނީ. ކަލެއާ ލައިލީ ދެމީހުން." ސިޔާ ބުނި އެއްޗަކުން އަކިޔަލް އަންތަރީސްވިއެވެ. ހަމައެހާ އަވަހަށް އޭނާގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ.
"ސިޔާ... ކީއްވެފަތަ ތިހުރީ. އަހަންނާއި އަކިޔަލްއޭ ކިޔައިގެން ތިފަދަ ހުތުރުކަން ބޮޑު އެއްޗެއް ބުނިއިރު އަހަންނާއި އޭނާއާ ދެމެދު އޮތީ އެކަހަލަ ގުޅުމެއްނޫން. އަހަންނޭ ކިޔައިގެން ތިހެން ވާހަކަދައްކާއިރު ހަމަ ސިޔާގެ ހިތަށް އެކައްޗެއް ވެސް ނާރާތަ." ލައިލީގެ ހިތަށް ކުޅަދާނައެއްނުވިއެވެ. އޭނާ ސިޔާއާ ދިމާއަށް އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު ދަރަކް ވާހަކަދެއްކިއެވެ.
"އަހަރެން ބުނީމެންނު ލައިއާ ދިމާއަށް އެއްޗެހި ނުކިޔާށޭ. އޭނާގެ ނަފްސުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް އެއްޗެއް ބުނެގެންނުވާނެ. އިޙްތިރާމާއެކު ވާހަކަނުދެއްކެންޏާ ކަލޭގެ ދުލުން އޭނާގެ ނަން ވެސް ގަނެގެންނުވާނެ." ދަރަކް ބުންޏެވެ.
"އެހެންތަ... އިޙްތިރާމޭ... އަހަރެން ބޭނުން އެއްޗެއް ގޮވާނީ. ކީއްކުރެވޭނީ." ސިޔާ ބުންޏެވެ.
"އޭތް! އޭތް!... ހަމަޖެހިބަލަ. ސިޔާ.... ދަރަކް ކަލޭ ވެސް އިހަށް ހަމަޖެހޭ." މާބޮޑަށް ކަންކަން ހޫނުވަނީއޭ ހީވެ އަފްރާހު ނިކަން އަވަހަށް ވާހަކަދެއްކިއެވެ.
"އިހަށް ދަރަކް ވާހަކަދެއްކިޔަ ދެމާ. އޭނާ ދޮގު ހެދިޔަސް ތެދުހެދިޔަސް އޭނާ ބުނާ އެއްޗެއް އިހަށް އަޑު އެހިދާނެއެއްނު. އޭގެ ފަހުގައި ގޮތް ނިންމާނީ." ސިޔާއަށް ވިސްނައިދޭން އުޅޭ ފަދައަކުން އަފްރާހު ބުންޏެވެ.
"ބަލަ ހެކި އެބަހުއްޓޭ. ހަޤީޤަތް ފެންނަން އޮއްވާ ކޮންހާ ބޭކާރު ވާހަކަތަކެއް ދައްކާކަށް. މުހިންމީ މިހުރިހާ ކަމެއްގެ ޒިންމާ ދަރަކް ނަގަން ޖެހޭނެކަން. އެކަން އޭނާ ކުރަން ގަސްދުކުރާގޮތް." ސިޔާ ބުންޏެވެ.
"ކަންވީގޮތް އަހަރެމެންނަށް ދަރަކް ކިޔައިދޭން ކަލޭ ބޭނުންނުވަނީހެން ވަރަށް ހީވޭ. ކަލޭ ކަންބޮޑުވާ ކަމެއް އޮތީތަ؟." އަކިޔަލް ކުއްލިއަކަށް ވާހަކަދެއްކިއެވެ. ސިޔާ ހުއްޓުން އަރާގޮތްވިއެވެ. ނަމަވެސް އެހެން ބުނެލާ ވާހަކައަކުން އަސަރެއްނުކުރާނޭކަން ދައްކަން ސިޔާ ހިނިތުންވެލީއެވެ.
"އަހަރެން ކޮންކަމަކާ ހާސްވާންވީ." ސިޔާ ބުނެލިއެވެ.
"އެހެންވީރު ކިޔާދީ. ދަރަކް. ހުރިހާކަމެއް ކިޔާދީ. އަހަރެން އެނގެން ބޭނުން." ލައިލީ ވާހަކަދެއްކީ ދަރަކްއާއެވެ. ނުތަނަވަސްކަމާއެކު ވެސް ލައިލީއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ދަރަކް މަޑުމަޑުން ބޯޖަހާލިއެވެ. އަދި އޭނާ ކިޔައިދޭންފެށިއެވެ.
އެއީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ މެދުތެރެއެވެ. އެކުގައި މަސައްކަތް ކުރާތާ ގިނަދުވަސްވެފައިވާ އަފްރާހުއާއި ނަޒާންގެ އެދުމަށް އޮފީސް ނިންމާފައި ސަޔަށް ދާން ދަރަކް އެއްބަސްވީއިރު އެމީހުންނާ ސިޔާ ބައިވެރިވާނޭކަމެއް ކުރިއަކުން ނޭނގެއެވެ. އެމީހުންނާ ސިޔާ ބައްދަލުވީ ސައިބޯން ދިޔަ މަގުމަތިންނެވެ. އިރުއޮއްސެން ކައިރިވެފައި ހުރީތީ އެހާ ގަދައަށް ކެއުމުގެ ވިސްނުމެއް ދަރަކްގެ ނެތެވެ. އެހެންވެ އޭނާ ނެގީ ދެ ހެދިކާއާއި ކަޅުސައިތަށްޓެކެވެ. އެންމެންނަށްވުރެ ކުރީން އޭނާ ސައިބޮއެ ނިމުނެވެ. މަޑުކޮށްގެން އިނީ ދެންތިބި އެންމެން ނިމެންދެނެވެ. ނަމަވެސް ދަރަކްއަށް އެހެން ގޮތެއްހެން އިޙްސާސް ކުރެވެންފެށީއެވެ. އެހެންޏާ ނުވާގޮތަށްއ ހޫނުވެ ދާހިތްލާހެން ހީވަންފެށީއެވެ. އަދި ބޮލަށް ބަރުވާކަމުގެ އިޙްސާސް ކުރެވެންފެށިއެވެ. އަވަހަށް ގެއަށްދާން ބޭނުންވީ އެހެންވެއެވެ. އެންމެން ކައިރީ އޭނާއަށް އިނދެވެންނެތްކަން ބުނެ ސަޔަށްވީ ފައިސާ މޭޒުމަތީ ބަހައްޓާފައި ދަރަކް ނުކުތީއެވެ. އެކަކު ކައިރީ ވެސް އޭނާއަށް ގޮތެއްވާކަމެއް ނުބުނެއެވެ. ސައިކަލާ ހަމައަށް ގޮސްފައި ވެސް ދަރަކް ހުއްޓުނީ ހިނގަން އުނދަގޫވެގެންނެވެ. އެހާލުގައި ސައިކަލު ދުއްވުން ރައްކާތެރިނުވާނޭ ހިތަށް އެރީއެވެ. ރެސްޓޯރެންޓުން ސިޔާ ނުކުމެގެން އައިސް ދަރަކްގެ ކައިރީ ހުއްޓުނީ އެވަގުތެވެ. ކިހިނެއްތޯވީ ސިޔާ އެހުމުން ދަރަކް ބުނިހާ ވެސް އެއްޗަކީ ޓެކްސީއެއްގައި ދާން މަޑުކޮށްލައިގެން ހުރީކަމުގައެވެ. ޓެކްސީއެއް ހުއްޓުވައި އެއަށް ދަރަކް އެރިއެވެ. ނަމަވެސް ދެންވީ ކިހިނެއްކަން އޭނާއަކަށް ވެސް ނޭނގެއެވެ. ހަމަހޭވެރިކަންވީއިރު ދަރަކްއަށް އޮވެވުނީ ހޮޓަލެއްގެ ކޮޓަރިއެއްގައެވެ. ހަށިގަނޑުގައި ފޭރާމެއް ނެތެވެ. ލޮލުގައި އަޅައިގަތީ ހަމަ އެހާލުގައި ދަރަކްގެ އަތުތެރޭ އޮތް ސިޔާއެވެ.
ދަރަކްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ލައިލީގެ އަނގައިން މަޑު އާހެއް ނުކުތެވެ. އެހާމެ އަވަހަށް އޭނާ އަނގަމަތީ އަތްއަޅައި ބާރުކޮށްލިއެވެ. ހިތަށް ކުޅަދާނަނުވެގެން ބޭއިޚްތިޔާރުގައި ނުކުތް އާހެކެވެ. ލައިލީގެ މޭ ފިތެމުންދިޔައެވެ. ހިނގައިފި ކޮންމެކަމެއް އެވަނީ މާޒީއާ ގުޅިފައެވެ. ޤަބޫލުކުރަން އުނދަގޫ ހިތި ހަޤީޤަތަކީ މާޒީވާ އެއްވެސް ކަމެއް ފުހެލައި ނުވާކަމަށް ހެދުމުގެ އިޚްތިޔާރާއި ބާރު ލިބިފައިނުވާކަމެވެ.
"ލައި... އައި އޭމް ސޮރީ." ދަރަކް ބުންޏެވެ.
"ދެން ކިހިނެއްވީ؟." އަކިޔަލް ސުވާލުކުރިއެވެ. އެއާއެކު ދަރަކް ދައްކަމުން ދިޔަ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައި. ވާނުވާ ނޭނގިފައި. ކިހިނެއްވީކަމެއްކަން ނޭނގޭތީ. ހޭލެވުމާއެކީ އަހަރެން ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯ. ގެއަށް އާދެވުމުން އަމިއްލަ ނަފްސު ފުރަތަމަ ހަމައަކަށް އެޅުވޭތޯ އުޅުނީ. ދެން އަހަރެން ވަރަށް ވިސްނިން. އެއްވެސް ކަމެއް ކުރިކަމުގެ ހަނދާނެއް އަހަރެންގެ ނެތް. ރޫމަށް ދިޔައީ ކިހިނެއްކަމެއް. އަހަރެންގެ ކައިރީ ސިޔާ އޮތީ ކީއްވެކަމެއް ބުނާކަށް އަހަންނަކަށް ނޭނގޭ. ސިޔާއާއެކު އެފަދަ ގާތްކަމެއް ނުބާއްވަމޭ ބުންޏަސް އެކަން ސާބިތުކުރާނޭ ހެއްކެއް އަހަރެންގެ އަތަކުނެތް." ދަރަކް ފުންނޭވާއެއް ދޫކޮށްލުމާއެކު މޫނުގައި ދެއަތް އަޅާ ފޮރުވާލިއެވެ.
"އެހެން ކަންތައްވީމާ ލައިއާ ކުރިމަތިލާން ނުކެރުނީ. މަސައްކަތުގައި އެހާ ބުރަކޮށް އުޅޭން ބޭނުންވީ އެހެންވެ. އިތުރުގަޑީތަކުގައި ވެސް މަސައްކަތްތައް ކުރާން އޮފީހުގައި އިންނަންފެށީ އެހެންވެ. ލައިއާ ކުރިމަތިލާނެ ހިތްވަރު ނެތީމަ." ނިތްކުރީގައި ހިފަހައްޓާލައިގެން އިސްޖެހިފައި އިނދެ ދަރަކް ބުންޏެވެ.
"އެ ދުވަސްކޮޅު ދަރަކް އެހާ ލަހުން ގެއަށް އަންނާތީ އަހަރެން ޝައްކުކުރީ އޭނާ ސަމައިރާއާ ގުޅުމެއްބާވާތީއޭ އެހެން އެވަނީ. އެކަމާ ކަންބޮޑުވެ ދެރަވެގެން އަހަރެން އެ ވާހަކަތައް ޚިއްޞާކުރިއިރު ސިޔާ ވެސް އިން. ގައިމު އޭރު ވެސް އޭނާއަށް މިހުރިހާ ކަމެއް އެނގޭނެ. އަހަރެންނަށް ލިބެމުންދިޔަ ހިތްދަތިކަމުގެ މައްޗަށް އޭނާ އޭރު ވެސް އެހެންވީމަ އިނީ ހީނލަހީނލާތާ." ލައިލީގެ ހިތަށް އެރިއެވެ. އޭނާ ދެން ދަރަކްއަށް ގޮވާލިއެވެ. އިސްޖެހިފައި އިން ދަރަކް ލައިލީއަށް ބަލާލިއެވެ.
"އެހެންވީރު އަހަރެމެންގެ އެނިވަރސަރީ ނައިޓްގައިވީ ކިހިނެއް؟. އެރޭ އަންނާނަމޭ ބުނެފައި ވެސް ކުއްލިއަކަށް އާދެވޭކަށް ނެތޭ ބުނީ. އެރޭ ހަތަރުދަމު ދަރަކް ކޮބާ؟. އޮފީހުގައިތަ؟." ލައިލީ ސުވާލުކުރިއެވެ.
"އެރޭ..." ދަރަކް ބުނަން އުޅެފައި ފަސްޖެހުނެވެ.
"އެ ދުވަހަށްފަހު ސިޔާއާ ދަރަކް ބައްދަލުކުރީ އެރޭ ދޯ. އަހަރެން ދުށީން ތި ދެމީހުން އަތުގުޅާލައިގެން ދަނިކޮށް." އަފްރާހު ބުންޏެވެ. ލިބިފައިވާ ނުތަނަވަސްކަމެއްގެ ބޮޑުކަމުން ދެ ކަކުލުގައި އަތްއަޅުވާލައި ގުދުވެލި ދަރަކް ނިތްކުރީގައި ވައަތުން ފިރުމާލިއެވެ.
"އާން. އެރޭ އަހަރެމެން މީޓުކުރިން. އެރޭ އަހަރެމެން އަނެއްކާވެސް ދިޔައީ ހޮޓެލަކަށް." ސިޔާ ބުނެލިއެވެ.
(ނުނިމޭ)