އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން "އެމްވީ ރަން" ސްޕޮންސާކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން "އެމްވީ ރަން" ސްޕޮންސާ ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން "އެމްވީ ރަން" ސްޕޮންސާ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއި އެކު ސޮއި ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ޓީއެފްޖީގެ ޗީފް އެގްޒެކެޓިވް އޮފިސަ ހުސެން ޒިނާން އެވެ.

އެމްޑަބްލިއުއެސްސީން ބުނީ "އެމްވީ ރަން" ސްޕޮންސާ ކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުމަށް ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމްޑަބްލިޔުއެސްސީއަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި އުފަލެއް" އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްވީ ރަންގެ ބްރޭންޑިން، އެމްޑަބްލިޔުއެސްސީން އަލަށް ތައާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި "އާރޯ އެމްވީ ރަން" ގެ ނަމުގައި ޓައިޓެލް ސްޕޮންސާޝިޕް ވަނީ ދީފަ އެވެ.

މީގެ އިތުރުން ޓީއެފްޖީގެ ފަރާތުން ބާއްވާ ބޮޑު ފަސް ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ ސްޕޮންސާވެސް އެމްޑަބްލިއުއެސްސީން ވަނީ ނަގާފަ އެވެ.

އެމްވީ ރަން އަކީ ޓީއެފްޖީގެ ފަރާތުން 2022 ވަނަ އަހަރުން ފެށިގެން ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ދުވުމެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ދުވުމުގެ ހަރަކާތެކެވެ.

މިއަހަރުގެ އެމްވީ ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ހުޅުމާލެއިންނެވެ.