އުރީދޫ

އުރީދޫ ސްޓެމް ފެއާ ފަށައިފި

Mar 3, 2023

ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އެންޖިނީރިންގ އަދި މެތެމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސް އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސްއާއި އެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއާ މިއަދު އިއްޒުއްދީން ސްކޫލް ހޯލުގައި ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި މުޅިއަކު ހަތް ސްކޫލަކުން ނޮވިސް، ޖޫނިއަ އަދި ސީނިއަ ކެޓަގަރީގައި ބައިވެރިވެފައިވެ އެވެ.

މި ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެ އެވެ.

މި ފެއާގެ ފުރަތަމަ ދުވަހު ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލައި މާކްސް ދިނުމަށެވެ.

ފަނޑިޔާރުން އިންސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 އަށެވެ.

މި ފެއާ އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް މިއަދު ދަނީ ބޮޑެތި ބަދަލުކެއް އަންނަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށެވެ.

"އެހެންކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލައް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް. އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށްޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން ބާރުވެރިކުރުން،" ނިޔާޒު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް މުހިއްމު ފެއާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާ އިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުމެވެ.

ސްޓެމް ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގަ އެވެ.