ދުނިޔެ

ރަޝިއާގެ ސަރުކާރު ބަދަލުކުރުމަކީ ވިސްނުމުގައި އޮތް ކަމެއް ނޫން: ބައިޑަން

ޔުކްރޭން ހަނގުރާމަ ނުނިމިގެން އުޅެނީ ދެ ފަހަރު ދެ ގޮތަށް އެމެރިކާ ވާހަކަދައްކާތީކަން ރިޕޯޓްތަކުން ހާމަވެ އެވެ. ޔުކްރޭން ހަނގުރާމަ ނިންމުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ރަޝިއާގެ ވެރިކަން ބަދަލުކޮށްގެން ކަމަށް ވެސް އެމެރިކާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެެހެން ނަމަވެސް، އިންޓަނެޓަށް ލީކުވެފައި ހުރި -- އެހެން ބަޔަކަށް ނޭންގުމަށް ޝަރުތުކުރައްވާ ޔޫރަޕްގެ ވެރިން ގާތު ބައިޑަން ދެއްކެވި -- ވާހަކަތަކުން ދެ ފަހަރު ދެ ގޮތަށް އެމެރިކާޣެ ރައީސް ޖޯ ބައިޑަން ބަސް ވިދާޅުވިކަން ކަށަވަރުވެ އެވެ.

ބައިޑަން މިހާރު ވިދާޅުވަނީ ރަޝިއާގެ ވެރިކަން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ރަޝިއާގެ ސަރުކާރަށް ލޮޅުންއެރުވުމުގެ ގޮތުން އެމެރިކާއިން ވަނީ ޔޫރަޕްގެ ގައުމުތަކާ ގުޅިގެން މާލީ ހަނގުރާމައެއް ވެސް ފަށާފަ އެވެ. އެއީ ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިވަންދެން ހަނގުރާމަ ކުރުމެވެ. އަދި އެ ގޮތުން ޔުކްރޭނަށް ބޭނުންވާ މާލީ ތަނަވަސްކަމާޢި ހަތިޔާރު ފޯރުކޮށްދިނުމެވެ.

އެމެރިކާ އާއި ޔޫރަޕްގެ އޮފިޝަލުން ދޭތެރެ ދޭތެރެއިން -- ޔުކްރޭން ހަނގުރާމަ ދެމި އޮތްހައި ހިނދަކު ހަރަދުކުރުމުގައި -- ދެމިިތިބޭނެ ކަމަށް ވިދާޅުވަނީ މި ރޭވުމުގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރަޝިއާ ބުނާ ގޮތުން އެމެރިކާގެ ވިސްނުމަކީ ރަޝިއާ ހުލިކޮށްލުމެވެ. ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކުގެ އިތުރުން ރަޝިއާއަށް ތައްކަތުނުވާ ވަރަށް ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވެސް ހުޅަނގުގެ ވިސްނުމެކެވެ.

ހުޅަނގުގެ މި ވިސްނުމުގައި އަމަލީ ސިފަ ޖެހިދާނެ ކަމަށް ބަލައި ރަޝިއާއިން ވަނީ ހަތިޔާރު އުފެއްދުން އިތުރުކުރަން މަސައްކަތް ފަށާފަ އެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ފެށިގެން ދިއަ ދުވަސްވަރު، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވޭތޯ ރަޝިއާ އާއި ޔުކްރޭން ވެސް މަސައްކަތްކުރި އެވެ. އެހެން ނަމަވެސް، އެމެރިކާ އެތަނަށް ވަދި ޔުކްރޭންގެ ވެރިންގެ ބޮލަށް ބާރުގަދަ ހުތެއް ފެލުމުގެ ސަބަބުން މަޝްވަރާތައް ފުލުން ގޮސް ޚަރާބުވީ އެވެ.

ރަޝިއާ-ޔުކްރޭން ސުލްހަކުރުމަށް ތުރުކީ ވެސް ބުރަކޮށް މަސައްކަތްކުރި އެވެ. އެންމެ ފަހުގެ މަޝްވަރާތައް ވެސް އޮތީ ތުރުކީގަ އެވެ.