ބޮލީވުޑް

އޮސްކާ އެވޯޑު 2023ގެ އެއް ޕްރެޒެންޓަރަކަށް ދީޕިކާ ޕަދުކޯން

އޮސްކާ 2023ގެ ޕްރެޒެންޓަރަކަށް ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން ހަމަޖެހުމާ ގުޅިގެން އިންޑިއާ މީހުން ހާއްސަކޮށް ދީޕިކާގެ ފޭނުން މިހާރު ގެންދަނީ އުފާ ފާޅު ކުރަމުންނެވެ.

ދީޕިކާ ބުރާސްފަތި ދުވަހުގެ ރޭ އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި މިފަހަރުގެ އޮސްކާ އެވޯޑުގެ ޕްރެޒެންޓަރުންގެ ނަންތައް ޖަހާފައިވާ ލިސްޓެއް ހިމަނާފައި ވެއެވެ. މި ލިސްޓުގައި ޑުވޭން ޖޯންސަން، މައިކަލް ބީ. ޖޯޑަން، ރިޒް އަހުމަދު، އެމިލީ ބްލަންޓް، ގްލެންޑް ކްލޯސް، ޓްރޯއީ ކޮޓްސޫ، ޖެނިފާ ކޮންލީ ފަދަ ގިނަ އަދަދެއްގެ ހޮލީވުޑް އެކްޓަރުންނާއެކު ދީޕިކާގެ ނަން ވެސް ހިމެނެ އެވެ.

ދީޕިކާގެ މި ޕޯސްޓު ފެނިފައި ފޭނުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި މިފަދަ ޝަރަފެއް އޭނާއަށް ލިބުނީތީ ވަރަށް އުފާވެއްޖެ ކަމަށް ބުނެފަ އެވެ. އަދި ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އާއި ބޮލީވުޑްގެ ބައެއް އެކްޓަރުން ވެސް ދީޕިކާ އަށް މަރުހަބާ ކިޔައި މެސެޖުތައް ކޮށްފައި ވެއެވެ.

އެކަޑަމީ އެވޯޑުގެ 95 ވަނަ ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ މާޗް 12، 2023ގައި ލޮސް އެންޖަލިސްގެ ޑޮލީ ތިއޭޓާގައެވެ.

މިއަހަރުގެ އޮސްކާ އިންޑިއާ މީހުންނަށް އެތައް ގޮތަކުން ވަރަށް ޚާއްސަވެފައި ވެއެވެ. އިންޑިއާގެ ފާހަގަކޮށްލެވޭ މޮޅު ތިން ފިލްމެއް އެކި ކެޓަގަރީތަކުން ނޮމިނޭޓްވެ މިފަހަރު އެވޯޑުތަކަށް ވާދަކުރާތީ އެވެ.

އެގޮތުން އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް"ގެ ޑާންސް ލަވަ "ނާޓޫ ނާޓޫ" ވަނީ ބެސްޓް އޮރިޖިނަލް ސޯންގް ކެޓަގަރީން ނޮމިނޭޓްވެފަ އެވެ. މި ލަވައަށް ވަރަށް ފަހުން ގޯލްޑަން ގްލޯބް އެވޯޑުވެސް ލިބިފައި ވެއެވެ.

މީގެ އިތުރުން ޝައުނަކް ސެންގެ "އޯލް ދެޓް ބްރީދްސް" ވެސް "ބެސްޓް ޑޮކިއުމެންޓްރީ ފީޗާ ފިލްމް" ކެޓަގަރީން ނޮމިނޭޓް ވެފައި ވެއެވެ. އަދި ގުނީތު މޮންގާގެ "ދި އިލެފަންޓް ވިޝްޕާރާޒް" ވަނީ "ބެސްޓް ޑޮކިއުމެންޓްރީ ޝޯޓް" ކެޓަގަރީން ނޮމިނޭޓް ވެފަ އެވެ.