ބޭރު ކުޅިވަރު

އެތްލެޓިކޯ އާއި ރެއާލްގެ ސަސްޕެންޝަން ވަގުތީ ގޮތުން ހުއްޓުވައިފި

2017 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ މުއްދަތު ނިމުމުގެ ކުރިން ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ނުނެވޭ ގޮތަށް ފީފާއިން ސަސްޕެންޑްކުރި ނިންމުން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.

މި ނިންމުމަށް އަމަލުކުރުން ފަސްކުރީ އެ ދެކުލަބުން މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ސްޕޭނުގެ އެންމެ ވަރުގަދަ ތިން ކުލަބުގެ ތެރޭގައ ހިމެނޭ މި ދެ ކުލަބު ސަސްޕެންޑްކުރީ ޓްރާންސްފާ ގަވާއިދާ ހިލާފަށް ކުޅުންތެރިން ގަނެފައިވާ ކަމަށް ބުނެ އެވެ. ކުރިން އޮތް ގޮތުން މި ދެ ކުލަބުގެ ސަސްޕެންޝަން ހިނގަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުލާފައިވާ ޓްރާންސްފާ މުއްދަތު ހަމަވުމުންނެވެ.

ސަސްޕެންޑް ކުރުމުގެ އިތުރަށް ފީފާއިން ވަނީ އެތްލެޓިކޯ ނުވަ ލައްކަ ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ. ރެއާލް ޖޫރިމަނާކުރީ 360000 ސްވިސް ފްރޭންކުންނެވެ.

މި ދެ ކުލަބުގެ ސަސްޕެންޑްމިކުރީ ގަވާއިދާ ހިލާފަށް ޒުވާން ކުޅުންތެރިންތަކެއް ލައްވައި ސޮއިކުރުވި މައްސަލާގައި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ އަށް ފީފާއިން ދީފައިވާ ދޮޅު އަހަރުގެ ސަސްޕެންޝަން ހަމަވިތާ 10 ދުވަސް ފަހުންނެވެ.

މިކަމާ ގުޅޭގޮތުން ރެއާލް އާއި އެތްލެޓިކޯއިން ވެސް ބުނަނީ އެ ދެ ކުލަބުން ގަވާއިދާ ހިލާފު ނުވާ ކަމަށެވެ. ނަމަވެސް ދެ ކުލަބަށް ވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާ ސަސްޕެންޑްކުރުމުން އެ ޓީމުން ވެސް މައްސަލަ އިސްތިއުނާފުކުރި އެވެ. އެފަހަރު ފީފާއިން ނިންމީ ޖެހިގެން އަންނަ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމުގެ ހުއްދަދީފައި ބާސެލޯނާގެ ސަސްޕެންޝަން ގުނަން ފަށާށެވެ. އެތްލެޓިކޯ އާއި ރެއާލްއާ މެދު ވެސް އަމަލުކުރަމުން މިދަނީ އެގޮތަށެވެ.