ފައްޔާޒް އިސްމާއީލް

މަސައްކަތްތެރިންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިއްޖެ: ފައްޔާޒު

އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދައިދެވިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ވަޒީފާއާއި ގުޅޭ ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް މުހިންމު ބަދަލުތަކެއް ހޯދައިދެވިއްޖެ ކަމަށެވެ.

މަސައްކަތްތެރިންގެ ކޮންގްރެސް އަކީ ރާއްޖޭގެ އެކި ސިނާއަތްތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ދާއިރާތައް ގުޅިގެން މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

"މިއީ ޑިމޮކްރަސީގެ ތެރެއިން މަސައްކަތްތެރިންނަށް ހޯދައިދެވުނު ވަރަށް މުހިންމު ހައްގެއް،" ފައްޔާޒު ވިދާޅުވި އެވެ.

އެމީހަކު ވަޒީފާ އަދާކުރާ ދާއިރާއަކާއި ގުޅުން ހުރި ޝަކުވާއެެއް ކަމާގުޅުންހުރި ފަރާތްތަކަށް ގެންދިއުމުގެ ފުރުސަތުވެސް މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ފަހިވެފައިކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް ބާރުއެޅުއްވީ މަސައްކަތްތެރިންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިގްތިސޯދީ މައްސަލަތަކަށް ރިއާޔަތް ކުރުމަށް ކަމަށެވެ.

މީގެ ކުރިން މަސައްކަތްތެރިންގެ ހައްގަކީ އޮންނަން ޖެހޭ އެއްޗެއްކަން ނޭނގޭ ކަމަށާއި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކީ މިކަމަށް ހޯދައިދޭނެ އެންމެ ބޮޑު ހައްލު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތުގައި ބަދަލުކޮށް ހިންގަން ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަންވެސް މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ނެޝަނަލް ޖޮބް ސެންޓަރުގެ ބޭނުން ހިފާ، އެކި ދާއިރާތަކަށް ދިވެހިން ނެރުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަންޖެހޭ. އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާއެކުވެސް މިކަމަށް ދަނީ މަސައްކަތްތައް ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވަޒީފާގެ ބާޒާރު ކުރިއަރުވާ ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.