އިންޑިއާ

އިންޑިއާގެ ހިލޭ އެހީގައި ހިންގި ގިނަ މަޝްރޫއުތަކެއް ނިންމާލައިފި

ރާއްްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާ ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ނިމިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

އިންޑިއާ އެމްބަސީން ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހިންގި 18 މަޝްރޫއެއް ވަނީ ނިމިފަ އެވެ.

މި މަޝްރޫއުތަކަކީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ހިންގި މަޝްރޫއުތަކެކެވެ.

މި މަޝްރޫއުތަކަށް ޖުމުލަ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމުކުރުމާއި ދ. ވާނީގައި ހުންނަ ޕޮލިސް އެކަޑަމީ ތަރައްގީކުރުމާއި އއ. އުކުޅަހުގައި އެޅި ބައިނަލްއަގުވާމީ ކޮންފަރެންސް ހޯލާއި 67 ރަށުގައި ކުޑަކުދިންގެ ޕާކް އެޅުމާއި ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރުމާއި މާލޭގެ އެކުވެނި ޓްރެކް ތަރައްގީކުރުމާއި ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމެވެ.

އިންޑިއާގެ ހިލޭ އެހީގައި ނިންމި އެހެން މަޝްރޫއުތައް

  • ބ. ފެހެންދޫ އާއި ބ. ގޮއިދޫއާ ދެމެދު ދުއްވާ ފެރީ
  • ޅ. ޅޮއްސާއި ރ. ކިނޮޅަހުގައި ހަ ކްލާސް ރޫމް އެޅުން
  • ގދ. ފަރެސްމާތޮޑާގައި ވެޓްލޭންޑް ޕާކް އޭރިއާއެއް ގާއިމު ކުރުން
  • ފިޔަވަތި ތަރައްގީ ކުރުން
  • ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަވަސްފަރުވާދޭ ޔުނިޓެއް ގާއިމުކުރުން
  • މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވެހިކަލް ހަދިޔާ ކުރުން
  • ހާފިޒު އަހުމަދު ސްކޫލާއި އަފީފުއްދީން ސްކޫލްގައި އެޑިއުކޭޝަން ސަޕޯޓު ޔުނިޓް ހެދުން
  • އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
  • މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރި 16 ވެހިކަލް
  • މ. ކޮޅުފުށީގައި މަގުބައްތި ހަރު ކުރުން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހިންގާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން ހަތަރު މަޝްރޫއެއް ވަނީ ނިންމާފަ އެވެ. އެއީ އައްޑޫ ސިޓީ މީދޫގެ މުލިމަތި ސަރަހައްދުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމާއި ސ. ހުޅުދޫގައި ޑްރަގު ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމުކުރުމާއި ޑިފެންސް މިނިސްޓްރީއަށް ސީ އެމްބިއުލާންސް ފޯރުކޮށްދިނުމާއި އޮލިމްޕަސް ހޯލް މަރާމާތު ކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ މަސް ތެރޭގައި އިތުރު ހަތަރު ނޫނީ ފަސް މަޝްރޫއެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.