ޑިފެންސް މިނިސްޓްރީ

އިހަވަންދިއްޕޮޅުގެ ހައިޑްރޯގްރަފިކް ސާވޭ ނިންމާލައިފި

މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން އިހަވަންދިއްޕޮޅު އަތޮޅުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭ ނިންމާލައިފި އެވެ.

މިއީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ ތިންވަނަ ހައިޑްރޮގްރެފިކް ސާވޭ އެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީން ބުނީ މި ސާވޭގައި 6،308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވާ ކަމަށެވެ. އަދި ސައުންޑިން ލައިންތަކުން 2،630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ހއ. އާއި ހދ. އާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދުތަކުގަ އެވެ.

ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭއަށްފަހު އައިއެންއެސް އިންވެސްޓިގޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސާވޭކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އިން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީއިން އަހަރުތަކެއް ކުރިން ސާވޭކޮށް ކުރަހާފައިވާ ޗާޓުތަކެކެވެ. މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވާ ވަރަށް ގިނަ ސަރަހައްދު ހުރިކަން ފާހަގަކުރެވޭ ހައިޑްރޯގްރަފިކް ސާވިސް އިން ވަނީ ބުނެފަ އެވެ.

ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗާޓުން ދައްކާ މަގުން ދަތުރުކުރުމުގެ ސަބަބުން އުޅަނދު ފަރަށް އެރުންފަދަ ހާދިސާތައް ކުރިމަތިވާ ކަމަށް އެ ސާވިސް އިން ވަނީ ބުނެފަ އެވެ.

"ބްރިޓިޝް އެޑްމިއަލްޓީއިން އުފައްދާފައިވާ އިހަވަންދިއްޕޮޅުގެ "ލާޖް ސްކޭލް" ޗާޓަކީ މީގެ ސަތޭކަ އަހަރުކުރިން ސާވޭކޮށް އުފައްދާފައިވާ ޗާޓަކަށްވާތީވެ، އެ އަތޮޅު މިހާރުގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އަލުން ސާވޭކޮށް އާ ޗާޓެއް އުފެއްދުމަކީ މި ސާވޭގެ މައިގަނޑު މަގުސަދު" ކަމަށް ހައިޑްރޯގްރަފިކް ސާވިސް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ބޭނުންކުރާ ނިޔަމިކަމުގެ ޗާޓު އަޕްޑޭޓްކޮށް އާ ޗާޓުތައް އުފެއްދުމުގެ މަސައްކަތް މުސްތަގުބަލުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗްގަ އެވެ. ދެވަނަ ޖޮއިންޓް ސާވޭގެ ނިންމާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ދެވަނަ ޖޮއިންޓް ސާވޭގެ ތެރޭގައި 6،500 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދާފަ އެވެ. އޭގެތެރޭގައި އުތުރުގައި 4،750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1،730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ.