ގއ. ވިލިނގިލި

ނަހުލާގެ ކަންބޮޑުވުން މާލެ ސިޓީ ކައުންސިލަށް

މާލެ ސިޓީ ކައުންސިލުން ކަންކަން ކުރާ ގޮތާއި މެދު ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ނަހުލާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެއާއި ގުޅިގެން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޭނާއަށް ކައުންސިލުން ދީފައި ނުވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ އާންމުން ސުވާލު ކުރި ބައެއް ވަގުތުތަކުގައި މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށާއި ބައެއް ސުވާލުތަކަށް ކައުންސިލުން ހަގީގަތާއި ހިލާފަށް ޖަވާބު ދިން ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބައެއް ކަންކަން ނިންމާ އިރު ޖަލްސާތަކަށް ގެނައުމެއް ނެތި ނިންމާ ކަމުގެ ތުހުމަތުވެސް ނަހުލާ ވަނީ ކުރައްވާފަ އެވެ.

ރެޑްވޭވް ކުންފުންޏަށް ވިލިމާލެއިން ބިމެއް ދޭން އެއްބަސްވެފައިވާ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި އެކަމުގައި ކައުންސިލުގެ މަޝްވަރާއަކަށް މިހާތަނަށް އައިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ އެއްބަސްވުމެއް އޮތްކަމުގައިވާ ނަމަ އެކަން ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އެނގެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން އޭނާ ވަކިކުރުމަށްފަހު ސިޓީ ކައުންސިލްގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރީ އުސޫލުތަކާއި ހިލާފަށް ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ އަށް އެންގުމެއް ނެތި އަދި ބިޑް ކުރުމާއި އިއުލާން ކުރުމެއް ނެތި ކޮމިޓީން ކަންކަން ނިންމަމުން ގެންދާ ކަމަށެވެ.

ނަހުލާ ޕީޕީއެމުން ވަކިކޮށްފައި ވަނީ އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންޓި ކެމްޕޭން ކުރި ކަމުގެ ތުހުމަތުގަ އެވެ.