ލައިފްސްޓައިލް

ފެންގަނޑަކަށް އެއްލާލި ތުއްތުކުއްޖެއް ނުގެނބި އޮތީ ގަސްތަކަކާ ހެދި

ވިހޭތާ އެންމެ ދެ ދުވަސްވީ އަންހެންކުއްޖެއް ފެންގަނޑަކަށް އެއްލާލި ނަމަވެސް އަޖައިބެއް ފަދަ ގޮތަކަށް އެ ކުއްޖާ މަރުނުވެ ސަލާމަތް ވެއްޖެ އެވެ. އިންޑިޔާގެ ޔޫޕީގެ ބަރޭލީ ޑިސްޓްރިކްޓްގެ ކަޓައުއާ އަވަށުގެ ފެންގަނޑަކުން މިދިޔަ ބުރާސްފަތި ދުވަހު މި ކުއްޖާ ނެގިއިރު ފުރާނަ ހުއްޓެވެ.

އެ ކުއްޖާ ފެނިގެން ފުލުހުންނަށް އެންގީ އެހިސާބުގަނޑުގައި ދިރިއުޅޭ މީހެކެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ފެނުނުއިރު ކުއްޖާ އޮތީ ފެންގަނޑު ތެރޭގައި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ދުރުގަ އެވެ. މިއީ ވަރަށް ފުން ފެންގަނޑެއް ނަމަވެސް ކުއްޖާ ނުގެނބި އޮތީ ފެންގަނޑުގައި ހެދިފައި ހުރި ހައިސިންތު ގަހެއްގެ މަތީގައި ކުއްޖާގެ ބޯ އޮތުމުގެ ސަބަބުންނެވެ.

ފުލުހުން މި ކުއްޖާ ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޗެކްކުރިއިރު ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއް ނެތެވެ. އޭނާ އޮތީ ހަމަ ހެޔޮ ހާލުގަ އެވެ.

ފެންގަނޑުގައި ހެދިފައި ހުރި ހައިސިންތު ގަސްތަކުގެ ތެރެއިން ކުއްޖާ ނަގާ މަންޒަރުގެ ވީޑިއޯ މިހާރު ވައިރަލް ވެފައި ވެއެވެ. މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ބުނަނީ މިއީ "މުއުޖިޒާތެއް" ފަދަ ހާދިސާއެއް ކަމަށެވެ.

މިހާރު ކުއްޖާ ވަނީ ޗައިލްޑް ވެލްފެއާ ކޮމިޓީ އާ ހަވާލުކޮށްފައި ކަމަށް ބަރީލީ ސިޓީ ފުލުހުން ބުނެފައި ވެއެވެ.

"ކުއްޖާގެ ނަސީބު ގަދަކަމުން ފެންގަނޑު ތެރޭ ހެދިފައި ހުރި ހައިސިންތު ގަސްތަކުގެ މަތީގައި ނުގެނބި އޮތީ. އަހަރެން 72 ގަޑިއިރު މަޑުކުރާނަން ކުއްޖާގެ މައިންބަފައިން އޭނާ ބަލާ އާދޭތޯ. ކުއްޖާއާ ހަވާލުވާން މީހަކު ނައިސްފިނަމަ ދެން މި މައްސަލަ ފުލުހުން ބަލާ ގޮތެއް ނިންމާނީ. އަހަރެމެން މި ކުއްޖާއަށް "ގަންގާ" ގެ ނަން ދީފިން،" ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.