ކުޅިވަރު

ރެއާލް އެއްވަރުވެ ލީގު ރޭހުގައި ފަހަތަށް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ރޭ ރެއާލް ބެޓިސްއާ އެއްވަރުވެ ލީގު ހޯދުމުގެ ރޭހުގައި ފަހަތަށް ޖެހިއްޖެ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް އެއްވަރުވީ 0-0 އިންނެވެ. ލީގުގައި ބާސެލޯނާ ރޭ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އެއްވަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ. ރެއާލް ދެވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ރެއާލްއާ އެއްވަރުކުރި ބެޓިސް އޮތީ 41 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ ރޭ ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. އެއީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން އެންޓޯނިއޯ ރުޑިގާ އަތުގައި ބޯޅަ ޖެހުނުކަން ވީޑިއޯ ރީޕްލޭ ބެލުމުން ފާހަގަވުމުންނެވެ.

މެޗުގައި ރެއާލްގެ ބެންޒެމާ އާއި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާތައް ބެޓިސްގެ 39 އަހަރުގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ. ދެވަނަ ހާފުގައި ރެއާލުން ފޮނުވާލި ފަސް ހަމަލާއެއް ކީޕަރު މަތަކުރި އެވެ.

މި ހާފުގައި ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވެސް ވަނީ ބެޓިސްގެ ދެ ހަމަލާއެއް މަތަކޮށްފަ އެވެ. މި ހަމަލާތައް ފޮނުވާލީ ހުއާން މިރާންޑާ އާއި ކެސްޓާ ސިޓީގެ ލޯނު އުސޫލުން ބެޓިސް އަށް ކުޅެމުން އަންނަ އަޔޯޒޭ ޕެރޭޒް އެވެ.

ރޭ ބާސެލޯނާ މޮޅުވި މެޗުގެ ހަމައެކަނި ގޯލު 15 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ބާސެލޯނާގެ ރޮނާލްޑޯ އަރޫހޯ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ލީޑު ފުޅާކުރަން ދެވަނަ ހާފުގައި ބާސެލޯނާ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ފެރާން ޓޮރޭސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެފަހުން އަންސޫ ފާޓީ އަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.