ޒިކާ ވައިރަސް

ކޮލަމްބިއާގައި 20،000 މީހުނަށް ޒިކާ ވައިރަސްގެ އަސަރުކޮށްފި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލަމްބިއާގައި 20،000 އަށްވުރެ ގިނަ މީހުންނަށް ޒިކާ ވައިރަސްގެ އަސަރުކޮށްފި ކަމަށް ހަބަރުތައް ބުނެފި އެވެ. އޭގެ ތެރޭގައި 2،116 މާބަނޑު މީހުން ހިމެނެ އެވެ.

ކޮލަމްބިއާގެ ގައުމީ ހެލްތް އިންސްޓިޓިއުޓުން ބުނީ އިއްޔެ އާއި ހަމައަށް 20،297 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކޮލަމްބިއާ އަކީ ބްރެޒިލް އޮންނަ ސަރަހައްދުން ދެވަނަ އަށް ޒިކާ ވައިރަސްގެ އަސަރުކޮށްފައިވާ ގައުމެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ މިބަލި ހަލުވި ދުވެއްޔެއްގައި ފެތުރެމުންދާތީ އެކަމުގެ އިންޒާރު ގައުމުތަކަށް ދީފަ އެވެ. މި ސްޕީޑްގައި ފެތުރެމުންދާނަމަ ތިން މިލިއަނާއި ހަތަރު މިލިއަނާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ޒިކާ ވައިރަސްގެ އަސަރުކުރާނެ ކަމަށް ލަފާކޮށްފަ އެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސް އެކެވެ. އެބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ.

މާބަނޑު މީހަކަށް ޒިކާ ވައިރަސްގެ އަސަރުކޮށްފިނަމަ ދަރިފުޅަށް ގެއްލުންވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ.