ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުރިހާ ކިއުއާރް ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަންޖެހޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.
އެޕް އަޕްޑޭޓް ކުރުމާއެކު ބީއެމްއެލް މޯބައިލް ބޭންކިން އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.
ބީއެމްއެލް އިން ބުނީ އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި މަސް ނިމުމުގެ ކުރިން އިތުރު ކަންތައްތަކެއް ތައާރަފްކުރާނެ ކަމަށެވެ.
"ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.،" ބީއެމްއެލް އިން ބުނެ އެވެ.
ކަސްޓަމަރުން ސަމާލުވުމަށް ބީއެމްއެލް އިން އެދޭ ކަންކަން:
އެމްއެލް އިން ފޮނުވި އެސްއެމްއެސް އެއް ކަމަށް ހީވި ނަމަވެސް އެއްވެސް ލިންކަކަށް ނުފިތުމަށާއި އެއްވެސް މައުލޫމާތެއް ހިއްސާނުކުރުން
އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖް، ޕޮޕް އަޕް ވިންޑޯސް، ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވުން
ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސައްހަ މުއާމަލާތެއް ކަމަށް ހީވި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުން
ބޭންކިން ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެދޭ ތެރެއިން ބަދަލުކުރުމާއި ޕާސްވޯޑް ބަދަލުކުރާއިރު އެހެންފަރާތްތަކަށް ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުންކުރުން
ބްރައުޒަރުގައި އީމެއިލް އަދި ބޭންކިން ޕާސްވޯޑް ސޭވް ނުކުރުން
ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރުމާއި އިންޓަނެޓް ބޭންކިން ފަދަ ސެކުއަ ސައިޓްތަކުގައި އެޑްރެސް ހިމެނޭ ތަނުގައި ލޮކް ނުވަތަ ތަޅެއް ނިޝާނެއް ފެންނާނެ އެވެ. އެއްވެސް ލިންކެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް ނުވަނުމާއި ސްކޭމް ކުރާ ފަރާތްތަކުން ޔޫޒަނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަނެޓް ބޭންކިން އާއި ވައްތަރު ވެބް ޕޭޖް ހަދައިގެން މި މައުލޫމާތުތައް ހޯދާ ހޯދުމަށް ސަމާލުވުން
ބޭންކުން ފޮނުވާ ނޯޓިފިކޭޝަން އަބަދުވެސް ބެލުމާއި ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވުން