ލައިފްސްޓައިލް

197 ގައުމުގެ ދިދަ ބުނެދީގެން ތިން އަހަރު ކުއްޖެއް ރެކޯޑް ހަދައިފި

ކޮންމެ ކުއްޖަކު އުފަންވާއިރު ޚާއްސަ ހުނަރުތަކެއް ލިބިފައެއް ނުހުރެ އެވެ. ޖީނިއަސް އޭ ކިޔާ ފެންވަރަށް ޚާއްސަ ހުނަރުތައް ލިބިފައި ހުންނަނީ ވަރަށް މަދު ކުއްޖަކަށެވެ. އިންޑިޔާ ކުއްޖެއް ކަމަށްވާ އުމުރުން އެންމެ ތިން އަހަރުގެ ދަރްޝަން އަކީ މިފަދަ ޖީނިއަސް އެކެވެ.

ދަރްޝަން ވަނީ އެންމެ ހަތަރު މިނިޓް ތެރޭގައި 197 ގައުމުގެ ދިދަ ބުނެދީގެން ދުނިޔޭގެ ރެކޯޑް މުގުރާލައި އޭނާގެ މައިންބަފައިން ފަޚުރުވެރި ކޮށްދީފަ އެވެ.

ޓެމިލް ނާޑޫގެ ސަސީރޭކާ އާއި ބާރަތުގެ ތިން އަހަރުގެ ދަރިފުޅު ދަރްޝަން އިންޓަނޭޝަނަލް ބުކް އޮފް ރެކޯޑްސް އާއި ކަލާމްސް ވޯލްޑް ރެކޯޑްސް މުގުރާލީ އެންމެ 4.40 މިނިޓް ތެރޭގައި ހުރިހާ ގައުމެއްގެ ދިދަތައް އެއްވެސް ކުށެއް ނުޖައްސާ ފާހަގަކޮށްގެންނެވެ.

ދަރްޝަން އަކީ ވިއްލޫޕަރަމް ޑިސްޓްރިކްޓްގައި ދިރިއުޅޭ އަދި ޕްރައިވެޓް ސްކޫލެއްގެ އެލްކޭޖީ ޕްރޮގްރާމްގައި ކިޔަވާ ކުއްޖެކެވެ. ދަރްޝަން މުގުރާލި މި ރެކޯޑް ކުރިން އޮތީ ހަތަރު އަހަރުގެ ކުއްޖަކަށެވެ.

ދަރްޝަންގެ ކާމިޔާބީން އުފަލުން ހުރި އޭނާގެ މަންމަ ބުނި ގޮތުގައި ކުޑަކުދިންނަށް ކިޔެވުމާ އެއްވަރަށް ތަފާތު ލައިފް ސްކިލްސް ވެސް ދަސްކޮށްދިނުން މުހިއްމު ކަމަށެވެ.

"އަހަރެން ދަރިފުޅަށް އެކި ކަހަލަ ލައިފް ސްކިލްސް ދަސްކޮށްދިނީ އޭނާގެ ގާބިލްކަން ހުރިވަރެއް ބަލަންވެގެން. އެގޮތުން ހުރިހާ ގައުމެއްގެ ދިދަތައް ދައްކާފައި އެ ގައުމެއް ނަން ކިޔައިދޭން ދަރިފުޅު ކައިރީގައި ބުނިތާ އެންމެ ދެ ހަފުތާ ތެރޭ އޭނާ ހުރިހާ ގައުމެއްގެ ދިދައެއް ދަސްކޮށްލައިފި،" ދަރްޝަންގެ މަންމަ ބުންޏެވެ.