( 2 މާރިޗު 2023 އާ ގުޅޭ )
"އެ ދުވަހަށްފަހު ސިޔާއާ ދަރަކް ބައްދަލުކުރީ އެރޭ ދޯ. އަހަރެން ދުށީން ތި ދެމީހުން އަތުގުޅާލައިގެން ދަނިކޮށް." އަފްރާހު ބުންޏެވެ. ލިބިފައިވާ ނުތަނަވަސްކަމެއްގެ ބޮޑުކަމުން ދެ ކަކުލުގައި އަތްއަޅުވާލައި ގުދުވެލި ދަރަކް ނިތްކުރީގައި ވައަތުން ފިރުމާލިއެވެ.
"އާން. އެރޭ އަހަރެމެން މީޓުކުރިން. އެރޭ އަހަރެމެން އަނެއްކާވެސް ދިޔައީ ހޮޓެލަކަށް." ސިޔާ ބުނެލިއެވެ.
ލައިލީއަށް އަސަރުކުރާނޭކަން އެނގި ހުރެ ސިޔާ ބުނެލިއެވެ. އެކަން ލައިލީގެ ހަރަކާތްތަކުން ފާޅުވެގެން ދިޔައެވެ. ލައިލީ ދެ އަތް އުރާލައި ހިފަހައްޓާލީ އެ ހަށިގަނޑު ހިމާޔަތްކުރާ ފަދައަކުންނެވެ. ދަރަކްއާ މެދު ކުރެވެމުންދިޔަ ޝައްކުތައް ބޮޑުވެގެން ދިޔައީ އެމީހުންގެ ކައިވެނީގެ އެނިވަރސަރީގައި ކަންތައްވީގޮތުންނެވެ.
"ދަރަކް. ޖަވާބު ދީބަލަ. އެއީ ތެދެއްތަ؟." ލައިލީއަށް ބަލަން ހުރެފައި އަކިޔަލްގެ ނަޒަރު ދަރަކްއަށް ހުއްޓާލިއެވެ. އޭރު ވެސް ދަރަކް ދެ ކަކުލުގައި އުޅަންބޮށިކޮޅު އަޅުވާލައި ގުދުވެލައިގެން އިސްޖެހިފައި އިނެވެ. ނިތްކުރިއާއި ލޯމަތީ ވައަތްތިލައިގެ ތެރޭ ފޮރުވާލައިގެންނެވެ. އެހެން އިނދެ އޭނާ ވާހަކަދައްކަން ފެށިއެވެ.
"ނިއު އިޔާ ނައިޓްގައި ބައްދަލުކުރާން ސިޔާ އެދުނީ. އަހަރެން އެއްގޮތަކަށް ވެސް އޭނާއާ ބައްދަލުކުރާކަށް ބޭނުމެއްނޫން. ވަގުތުން ނޫނެކޭ ބުނިން. އެކަމަކު އޭނާ ދެން ބުނީ އެރޭ އޭނާއާއެކު ރޫމަށް ގޮސްފިއްޔާ ފޮޓޯތައް ޑިލީޓްކޮށްލާނަމޭ. އެރޭ އޭނާއާ މީޓުކުރީ އެހެންވެ. ލައިއަށް އެއިން އެއްވެސް ކަމެއް އެނގިދާނެތީ އަހަރެން ބިރުގަތީ." ދަރަކް ބުންޏެވެ.
"އޭނާ އެހެން ބުނީމަ ދަރަކް ޤަބޫލުކުރީތަ؟. ރޫމަކަށް ދާން ވެސް އެއްބަސްވީ." އަކިޔަލް ބުންޏެވެ.
"އަހަންނަށް އެނގޭ ބުނަން ތިއުޅެނީ ކީކޭކަން. ރޫމަށް ދިޔަޔަސް އަހަރެމެންގެ ދެމެދުގައި އެއްވެސްކަމެއް ނުހިނގާ. އެގޮތައް ނިންމީ އެވަގުތު އަހަންނަށް ފެނުނު އެންމެ ރަނގަޅު ގޮތްވީމަ. އެ ފޮޓޯތައް އެޓްލީސްޓް ނެތުމަކީ އަހަންނަށް އޭނާގެ ކިބައިން ސަލާމަތްވާން ލިބޭނެ ފުރުޞަތެއްކަން އެނގޭތީ." ދަރަކް ދެއަތް ޖޯޑުކޮށްލައި ދަތްދޮޅި އަޅުވާލިއެވެ.
"ރޫމަކަށް ސިޔާއާއެކު ގޮސް ދެމީހުން އެކަނި ތިބިއިރު ކަމެއްނުވާން ދަރަކް ކަލޭގެ ހިއްސުތައް ހަމަތަ؟. އަހަރެމެންވީ ޤަބޫލުކުރާން." އަފްރާހު ވާހަކަދެއްކިއެވެ.
"އަންހެނަކަށް ވިޔަސް އެކަހަލަ ޝައުގުވެރިކަމެއް އެހެން އަންހެނެއްގެ މައްޗަށް އަހަރެންގެ ނެތް. އަނެއްކޮޅުން އަހަރެން ހުރީ ވަރަށް ބޯގޮވާފައި. ފިޒިކަލީ ވެސް އަހަރެން އެފަދަ ކަމެއްކުރާހާ ފިޓެއްނޫން. އެހެން ދިމާވީ ވެސް އޭނާއާ ހެދި." ދަރަކް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
"ވަޓް... ޔޫ މީން އެޑް. ސީރިއަސްލީ... ތި އުމުރުގައި އެހެންވޭތަ." އަފްރާހަށް ބުނެވުނެވެ.
"އެޑް..." ލައިލީއަށް ކިޔާލެވުނެވެ. އޭނާއެކޭ އެއްގޮތަކަށް މިފަހަރު އަކިޔަލް ވެސް ހުރީ ސުވާލު އުފެދިފައެވެ. އެއާއެކު އަފްރާހު ވާހަކަދެއްކިއެވެ. "އިރެކްޓައިލް ޑިސްފަންކްޝަން" ނުވަތަ އެޑްއަކީ ފިރިހެން ހަށީގައި ވަރުނުޖެހުމެވެ. އާންމުކޮށް އުމުރުން ދުވަސްވެ މުސްކުޅިންނަށް ދިމާވާ މި ބައްޔަކީ މަދުން ނަމަވެސް ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެކެވެ.
"މިހާރު އޯކޭ." ދަރަކް ނިކަން އަވަހަށް ބުންޏެވެ. އަފްރާހު އެ ވާހަކަ މާބޮޑަށް ތަފްސީލު ކުރާތީ ދަރަކް އިނީ އުނދަގޫވެފައެވެ.
"އެހެންވެތަ ބޭބީއެއް ހޯދަން ބޭނުންނުވީ." ލައިލީއަށް އަހާލެވުނެވެ. ދަރަކް ދެކޮޅު ހެދި ސަބަބަކީ އޭނާއަށް ދިމާވެގެން އުޅޭ ކަމެއްގެ އަސްލަށް ވެދާނޭ ލައިލީ އެއްފަހަރު ވެސް ހިތަކަށް ނާރައެވެ.
"އަހަރެން ހީކުރީ ދަރަކް ކުދީން ބޭނުންނުވަނީ ކަމަށް." ލައިލީއަށް ބުނެވުނެވެ.
"ކީއްވެ ވަކި އަހަރެން ބޭނުންނުވާންވީ. ލައިއާއެކީ ކުއްޖެއް ހޯދަން އަހަރެން ވެސް ވަރަށް ބޭނުން. އެކަމަކު ސިޔާ ތުހުމަތު އެކުރާ ކަންތައްތަކުގެ ސަބަބުން އަހަރެން ވަރަށް ކަންބޮޑުވީ. ލައިނޫން އެއްވެސް އަންހެނަކާ ކައިރިވުމުގެ ވިސްނުމެއްނެތްއިރު އަހަންނާއި ސިޔާއާ ދެމެދު އެފަދަ ގުޅުމެއް ހިނގީމަ... ލައިއާއެކު ހުންނައިރު ވެސް އަހަރެންނަށް ވިސްނެނީ އެކަމާ. އެ ހާސްކަމުގައި އަހަންނަށް ލައިއަށް އެއްބާރުލުން ދޭން ދަތިވާނޭކަން އެނގި އަހަރެން ބޭސް ވެސް ގަތިން. އެކަމަކު ހިތަށް އެރީ ބޭސް ބޭނުންކުރިޔަސް ޔަގީންކަމެއްނެތޭ އަހަރެން ހުރި ހާލަތުން އޭގެ އަސަރު ކުރާނޭކަމެއް. އެހެންވެއްޖެއްޔާ އަހަރެން އިތުރަށް ޑިސެޕޮއިންޓްވާނެ. އެހެންވެ ބޭސް ބޭނުން ނުކުރީ. އަހަންނަށް އެނގޭ ލައި އިނީ ވަރަށް ރެޑީވެގެންކަން... އައި އޭމް ސޮރީ." ދަރަކް ބުންޏެވެ.
"އޯކޭ... އެރޭ ކަމެއްނުވޭ. އެކަމަކު އެރޭ ހަތަރުދަން ކަލޭމެން ދެމީހުން އެކުގައި ނޫންތަ ހޭދަކުރީ. އެ ހުރިހާއިރު ކީއްކުރީ؟." އަކިޔަލް ސުވާލުކުރިއެވެ.
"އެރޭ އޮފީހުގެ ޑިނާނައިޓް ނިންމާފައި އަހަރެން އޭނާއާ މީޓުކުރީ. ފުރަތަމަ ދިޔައީ ކާން. އޭނާ އަހަރެންގެ އަތުގައި ހިފަން ބޭނުންވީމާ އެކަން ނުހުއްޓުވީ އަހަރެން ބޭނުންވީ ސިޔާ ރަނގަޅު މޫޑެއްގައި ބަހައްޓަން. އެހެންނޫނީ އޭނާއާ ޑީލްކުރަން ފަސޭހައެއްނުވާނެ. އަހަރެން ހުރީ މާކުރީން ވެސް އޭނާ ކޮށްފާނޭ ކަމަކަށް ތައްޔާރުވެގެން. އެހެންވެ ކައި ނިންމާފައި ރޫމަށް ދާން ނުކުތުމުގެ ކުރީން އަހަރެން ބޭސްކެއީ. ޖުއްލާބު... ރޫމަށް ދެމީހުން ދިޔަޔަސް އަހަރެން ގިނައިން ފާޚާނާއިގައި އުޅުނީ. ސިޔާ ހީކޮށްގެން އިނީ ރެސްޓޯރެންޓުން ނުގުޅޭ އެއްޗެއް އަހަންނަށް ކެވުނީ ކަމަށް. އެއީ އަހަރެން ބޭނުންވީގޮތް. އަހަރެން އެހެން އުޅެނިކޮށް އޭނާއަށް ނިދިޖެހުނީ. އެހެންނު ސިޔާ... އެޔެއްނު އެރޭ ކަންތައްވީގޮތަކީ." ދަރަކް ބަލާލީ ސިޔާއަށެވެ.
"އެހެންވީމަ އެއީ ކަލޭ ގަސްދުގައި ކުރިކަމެއް ދޯ. ކަލޭ ފިރިހެނަކަށް ވެސް ނުވާކަން ބުނަން ލަދެއް ނުގަތްތަ." ސިޔާ ނުރުހިފައި ހުރެ ބަސްތައް ބޭރުކޮށްލިއެވެ.
"އިތުރަށް ފޮރުވުމުގެ ބޭނުމެއް އެބައޮތްތަ؟. އަހަރެން ބޭނުމެއްނޫން ދެން އެއްވެސް ކަމެއް އޮޅިފައި އޮންނާކަށް. ސިޔާ ވެސް މާނަ އޮޅޭ ވައްތަރަށް ވާހަކަނުދައްކާ ހަޤީޤަތް ހާމަކުރޭ." ދަރަކް ބުންޏެވެ.
"ހާނ... ހަޤީޤަތޭ... ހަޤީޤަތް ޤަބޫލުނުކުރެވުނީ ހަމަ ކަލެއަށް. އަހަރެން ކަލޭގެ ދަރިއަކަށް ބަނޑުބޮޑޭ ބުނީމާ ކަލޭ އެކަމުން ސަލާމަތްވާން ތެޅިގަތީ." ސިޔާގެ އަޑު އިހުނަށްވުރެ ބާރުވިއެވެ.
"އަހަރެން ސަލާމަތްވާން އުޅެފައި ކޮބާތަ؟. އަހަރެން ބުނީ ޑީއެންއޭ ޓެސްޓަކާއި ނުލާ އަހަރެންނަށް ޤަބޫލެއް ނުކުރެވޭނެއޭ." ދަރަކް ވަގުތުން ރައްދު ދިނެވެ.
"އެއީ ބޯދަމައިގަންނަން އުޅުމޭ." ސިޔާ ހަޅޭލަވައި ގަތުމާއެކު އެއްފަރާތުގައި އޭނާ ބޮއެފަ ބަހައްޓާފައި ހުރި ފެންފުޅި ދަރަކްއާ ދިމާއަށް ހޫރާލިއެވެ. މޫނާ ދިމާއިން ދަރަކް ކަނާއަތް ހުރަސްކޮށްލުމުން ފެންފުޅި އައިސް ޖެހުނީ އަތުގައެވެ. އޭނާގެ ގަޔަށާއި ތަޅުން މައްޗަށް ފެންތައް އެޅުނެވެ. އަކިޔަލް ގުދުވެލައި ފެންފުޅި ނެގިއެވެ.
"ކިހާބޮޑު އުނދަގުލެއް. ހަތަރެސްފަޔަކުން ނޫން ވާހަކަދައްކާނީ." މިހެން ބުނެ ސިޔާއާ ދިމާއަށް ފެންފުޅި އަކިޔަލް އެއްލިއެވެ. ވަގުތުން ސިޔާ ފަހަތަށް ޖެހިލައި ހަޅޭލަވައިގަތެވެ.
"ކިހިނެއްވެގެންތަ ކަލޭ ތިއުޅެނީ. މަގޭ ގަޔަށޭ ފެންތައް އައީ." އަޑުގެ ނެތްތަނަށް ސިޔާ ހަޅޭލަވައިގަތެވެ.
"ކަލޭ ކީއްކުރީ؟. ރަނގަޅަށް ކިޔައިދީ... ކަލޭ ދަރަކްއަށް އެއްޗެއް ދިނީ ދޯ." އަކިޔަލް ވާހަކަދެއްކިއެވެ.
"ކީއްކުރަން އަހަރެން އޭނާއަށް އެއްޗެއް ދޭންވީ." އަކިޔަލްގެ ސަބަބުން ސިޔާގެ ރުޅި ހައްތަހާ ދިޔައީ މައްޗަށެވެ.
"ކަންތައްވީގޮތުން... އިޓްސް ރިއަލީ ވިއާޑް. ސައިބޯން ދިޔަ މީހަކު ކުއްލިއަކަށް ހެޔަށް ގޮތްވެ ވާނުވާނޭނގިދޭތަ؟. އަނެއްކާ އެވަރުގެ ގުޅުމެއް ދެމެދުގައި ހިނގާއިރު އެކަމުގެ ހަނދާން ދަރަކް ނުހުންނަންވީ ކީއްވެ؟. ކަލޭ ހީކުރީ ބަނޑުބޮޑޭ ބުނީމާ ކަލެއާއެކު ރޫމަށް ދިޔަގޮތަށް ދަރަކް އެކަމަށް ވެސް އެއްބަސްވާނެއޭ ދޯ. އެކަމަކު އޭނާ ޑީއެންއޭގެ ވާހަކަ ބުނީމަ ކަލޭ ހާސްވީދެން. އެހެނެއްނޫންތަ؟." އަކިޔަލްއަށް ސިޔާ ޖައްސާ ގޭމް އެނގިއްޖެއޭ ބުނާ ފަދަ ހިންޏެއް އައިސްފައި ހުއްޓެވެ.
"ބަނޑުބޮޑު މީހަކު އުޅޭ ގޮތަކަށްނޫން ސިޔާ ތިއުޅެނީ. އަހަރެންގެ ދަރީން ތިބިއިރު އަހަންނަށް ފެނިފައި ހުރީ ބަނޑުބޮޑުވީމާ އަންހެނުން އުޅޭގޮތް." އަފްރާހު ބުންޏެވެ. ސިޔާއަށް ދެބުމަކައިރިކޮށްލެވުނެވެ. އަދި ތިރީތުންފަތުގައި ދަތްއަޅައި ބާރުކޮށްލުމާއެކު އަފްރާހާ ދިމާއަށް ދެ ލޯ އަޅާލިއެވެ.
"މިހާރު... ބަނޑުބޮޑެއްނޫން. ބޭބީ އެބޯޓްވެއްޖެ." ސިޔާ ބަނޑުގައި ދެއަތް ވަށާލުމާއެކު އިސްޖަހާލިއެވެ.
"އެބޯޓްކޮށްލީތަ؟." ހައިރާންކަމާއެކު އަފްރާހު އަހާލިއެވެ.
"ދަރަކް އަހަންނާ ނީންނާނެކަން އެނގޭ. އެހާލުގައި އަހަރެން ދަރިއަކު އުފަންކުރީމަ ވާނީ ކިހިނެއް؟. އަހަންނަށް ހުރިހާ ދެރައެއް." ސިޔާ މޫނުގައި ދެއަތް އެޅިގޮތަށް ރޯންފެށިއެވެ.
"ކޮންއިރަކު އެބޯޓްވީ؟. ކޮންއިރަކު..." ލައިލީ ވާހަކަދެއްކިއެވެ. ނަމަވެސް ސިޔާގެ ރައްދުއައީ ނިކަން އަވަހަށެވެ.
"އެއީ ކަލެއާ ބެހޭކަމެއްނޫން." ސިޔާ ބުންޏެވެ.
"ކީއްވެ މަށާ ނުބެހެންވީ. ދަރަކްގެ ދަރިއަކަށް ބަނޑުބޮޑުވި ވާހަކަ ތިދައްކަނީ." ލައިލީ ބުންޏެވެ.
"މިކަމުގައި އަހަރެން ވާހަކަދައްކަން ހުރީ ހަމައެކަނި ދަރަކް. މީ ކަލެއަށް އެނގެންޖެހޭ ކަމެއްނޫން." ހަރުކަށިކަމާއެކު ސިޔާ ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނައައުން ވެސް ހުއްޓިއްޖެއެވެ.
"އަހަންނަށް އެނގެން ޖެހޭ. އަހަންނަކީ އަދިވެސް ދަރަކްގެ އަނބިމީހާ." ލައިލީގެ އަޑު މިފަހަރު ބާރުވިއެވެ.
"ހޫން. އެއީ މިދިޔަ މަހު. ވެލެންޓައިންސް ޑޭގައި އަހަރެން އޭނާ ކައިރީ ބުނެފައި އޮންނާނީ." ސިޔާ ބުނެލިއެވެ.
އަލަމާރި ތެރެއިން ފެނުނު ހަދިޔާގެ މަތިން ލައިލީ ވަގުތުން ހަނދާންވިއެވެ. އެހެންވީމަ އެ ހަދިޔާއަކީ ސިޔާ ދިން އެއްޗެއްކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ. ދަރަކް އޭގެ ބޭނުން ހިފަން ގަސްދުކުރިނަމަ އެގޮތަށް އަލަމާރިއަށް ލާފައި ނުބަހައްޓާނޭކަން ލައިލީއަށް ވިސްނެއެވެ. ދަރަކް ހުރިހާކަމެއް ކުރަމުން އެ ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ސިޔާގެ ސަބަބުން މަޖުބޫރުވެ ހުރެއެވެ. ލައިލީއަށް އެކަން އިޙްސާސް މިވީ އަދިކިރިޔާއެވެ.
"ބޭބީއަށް ކިތައް ވީކްސްގައި އެބޯޓްވީ؟." ލައިލީ އަނެއްކާވެސް ސުވާލުކުރިއެވެ.
"އެބޯޓްވީއޭ މިބުނީނު. ކަލޭ ހަމަ ދޫނުކުރަންތަ ތިސުވާލުކުރަނީ... ތްރީ މަންތްސް އޭރު. އެހެންވީމަ ވާނީ ޓުވެލް ވީކްސްވަރެއްނު ވާނީ." ސިޔާ ބުންޏެވެ.
"އަހަންނަށް އޭރު ވެސް ހީވި... ދޮގު ހަދަނީއޭ." ލައިލީއަށް ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. މިފަހަރު ލައިލީއަށް ޔަގީންކަމާއެކު ސިޔާ ހެދީ ދޮގެއްކަން ޔަގީންވީއެވެ.
"ދޮގޭ... ލައިލީއަށްތަ އެނގެނީ." ސިޔާ ނިކަން ބާރަށް ބުންޏެވެ.
"އާން. ތި ހެދީ ހަމަ ދޮގެއް." ލައިލީ އަނެއްކާ ވެސް ބުނެލިއެވެ. އޭނާގެ މޫނުން ފެންނަން ހުރި ޔަގީންކަން މިފަހަރު ސިޔާއަށް ސިހުމެއް ދީފިއެވެ.
"އަހަންނާއެކީ ދަރަކް ސްލީޕްކުރީ ނޮވެމްބަރު ފަހުކޮޅުގައި... ސެވެންޓީން އެއީ." ސިޔާ ބުނަން އުޅުނު އެއްޗެއް ލައިލީ ހުއްޓުވިއެވެ.
"އަހަންނަށް ޔަގީންކަމާއެކު ބުނަން އެނގެނީ އޭރު އަހަރެމެން ދިޔަ ކޮފީއިން. ސިޔާ ހަނދާންނެތުނީތަ؟. އެއީ ނޮވެމްބަރު މަހުގެ ކުރީކޮޅު. ގުރޫޕް ބަލާ މިހާރު ވެސް. ޑޭޓް އެނގެން އޮންނާނެ. އެރޭ ކޮފީގައި އިނދެފައި ކިރަން ޕެޑެއް އޮތްތޯ އެހީމައި އޭނާއަށް ޕެޑެއް ދިނީ ސިޔާ. އެރޭ ސިޔާ ބުނީ ޕީރިއަޑް ރަނގަޅުވަނިއްޔޭ. ޕްރެގްނެންސީ ދުވަސް ގުނަން ފަށަނީ އެންމެފަހުން ޕީރިއަޑްވީ ދުވަހުން ފެށިގެން. އަހަންނަށް އެ މަޢުލޫމާތު އެނގުނީ ފާޓިލިޓީ ކުލިނިކުން. ސެކްސް ހަދާ ދުވަހަކުންނޫން ބަލާނީ. އެހެންވެއްޖެނަމަ ވެލެންޓައިންސް ޑޭއާ ހަމައަށް ސިޔާގެ ބަނޑަށް ހަތަރު މަސް ވާނެ. ތިންމަހެއްނޫން." ލައިލީ ބުންޏެވެ.
"ދުވަސް އޮޅިދާނެ. އެހެންވިޔަސް ބަނޑުބޮޑުނޫން ކަމަކަށްނުވާނެއެއްނު." ސިޔާ ނިކަން އަވަހަށް ބުންޏެވެ.
"ޔޫން ބަނޑުބޮޑުވެގެން އޭނާ އެބޯޓްކޮށްލަން ވިސްނިއެއްނު. އޭރު އޭނާ ކައިރީ ވެސް ޑަކްޓަރު ބުނިކަމަށްވަނީ ޓުވެލް ވީކްސްއަށްވުރެ ގިނަ ދުވަސްވެއްޖެނަމަ އުނދަގޫވާނެކަން އެބޯޓްކޮށްލަން. އެކަމުގައި ރިސްކު އެކުލެވޭކަން. އަހަރެމެން ތެރޭގައި އެވާހަކަ ދެކެވުނުކަން ސިޔާއަށް ވެސް އެނގޭނެ." ލައިލީގެ ވާހަކަ ސިޔާ މެދު ކަނޑާލިއެވެ.
"އަހަރެން ތިހުރިހާ އެއްޗެއް ނުބަލަން. އެބޯޓްވީމަ އެކަން އެ ނިމުނީއެއްނު. ދަރަކް ވެސް ބޭނުންވީގޮތް އެއީ." ސިޔާގެ ކޮޅު ގަދަކުރެވޭތޯ އޭނާ ބެލީ އަޑުގަދަ ކުރަމުންނެވެ. ނަމަވެސް މިފަހަރު ލައިލީ ދުލެއް ނުދިނެވެ.
"އެބޯޓްވީ ކިހިނެއް؟. އަމިއްލައަށް ހުރެފައި ހަތަރުމަހުގައި އެބޯޓެއްނުވާނެ. އެހެންވިއްޔާ ތަނަކަށް ގޮސް އެބޯޓްކޮށްލީތަ؟. އެޔެއް ވެސް ސިޔާއަކަށް ނުބުނެވުނު. ތެދު ހަޤީޤަތަކީ ސިޔާ އިނީ ބަލިވެއެއްނޫން. ބަނޑުބޮޑުނޫން އިރު ކޮން އެބޯޝަންއެއް. އޮޅުވާލަން ނޫޅޭ ސިޔާ. ބަނޑުބޮޑުވިޔަސް އެބޯޝަންއެއް ހެދިޔަސް މިހާރު ޑަކްޓަރުންނަށް ބުނަން އެނގޭނެ. އަދި އެހާ ދުވަހެއް ވެސް ނުވެއެއްނު. ކެރޭނެތަ ޑަކްޓަރަށް ދައްކަންދާން. ޑީއެންއޭ ހަދަން ދެކޮޅު ހެދީ ވެސް އެހެންވެއެއްނު. ސިޔާގެ ދޮގު ފަޅާއަރާފާނެތީއެއްނު." ލައިލީގެ އަޑު ބާރު ނުވިޔަސް އޭނާގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ. ދޮގުގެ މައްޗަށް ސިޔާ ދޮގު ހަދަނީކަން ލައިލީއަށް އެނގޭތީއެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވުނު ހިނދު އަކިޔަލް ގޮވާލީ އަފްރާހަށެވެ. ގޮސް ދޮރު ހުޅުވަން އަފްރާހު ކައިރީ އަކިޔަލް ބުންޏެވެ. ހުރި ފިޔަވަޅުމަތިން ގުޑައިނުލާން އަކިޔަލް ހުރި ކަހަލައެވެ. ކުދިކިޔާފައި ވިޔަސް އަފްރާހު ގޮސް ދޮރުހުޅުވާލިއެވެ. އެއާއެކު ވައިސޫރިއެއްހެން އެތެރެއަށް ވަދެގެން އައީ ނޫރީއެވެ. އޭނާ ރުޅިވެރިކަމާއެކު ސިޔާގެ ނަމުން ގޮވާލިއެވެ. އަދި އެ އައިގޮތަށް ސިޔާގެ މޫނުގައި ނޫރީ ޖަހައި އެނދުމައްޗަށް އޭނާ ކޮށްޕާލައިފިއެވެ. ސިޔާ ވައްޓާލައިގެން އޭނާގެ މޫނާ ދިމާއަށް ގޮއްމުށް މަޅާލައިގެން އިނދެ ނޫރީ ވާހަކަދެއްކިއެވެ.
"އަހަރެން ނުބުނަންތަ؟. އޭނ!... ސްކޫލުގައި އުޅުނުއިރު އަހަރެން ބުނި ވާހަކަ ހަނދާންނެތުނީތަ ކަލޭ. އަހަރެން ބުނީމެންނު ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރައްޗޭ. އެއްކޮށް އުޅެފައި އެންމެ ގާތް ރަޙުމަތްތެރީންނަށް ދޯކާދޭ މީހަކަށް އެކުވެރިޔެކޭ ނުކިޔާނެ. ކަލޭތީ ހުރިގޮތަށް ހުރި ނުބައި ހަރުފައެއް. އެކުވެރިއެއްގެ ގޮތުގައި ގެންގުޅެންވާވަރު މީހެއްނޫން. ކަލޭ ތިކުރި ކަންތައްކަށް ދުވަހަކުވެސް މަޢާފު ހައްޤެއްނޫން." ނޫރީ ހީވަނީ ދެންމެދެންމެ ސިޔާގެ މޫނުގައި ތަޅައިގެންފާނެ ހެންނެވެ.
"ކިރަން." ދޮރުކައިރީ ހުރި ކިރަން ފެނުމާއެކު ލައިލީއަށް ގޮވާލެވުނެވެ.
"ލައި ގުޅީމަ އަހަންނަށް އެކަނި އަންނާނޭ ހިތްވަރެއް ނުލިބުނީ. އެހެންވެ ނޫރީއަށް ގުޅީ." އިސްޖަހާލަމުން ކިރަން ބުންޏެވެ.
"ތެންކިޔު." ކިރަން އައިސް ދިނީތީ ލައިލީ ބުންޏެވެ. ޔަގީނުން ވެސް ކިރަން އެ އައީ ލައިލީ ދެއްކި ވާހަކަ ޤަބޫލުކުރާތީއެވެ. އަކިޔަލްގެ ފޯނުން ފޮޓޯފެނުމާއެކު ލައިލީއަށް ޖުނައިދު ވަކިކުރާން އެނގިއްޖެއެވެ. އޭނާ އެވަގުތު އަކިޔަލްއާއި އަފްރާހުގެ ކައިރިން ދުރަށް ގޮސް ފޯނުކުރީ ކިރަންއަށެވެ. އަދި އަކިޔަލްގެ ފަރާތުން ދަރަކްއާއި ސިޔާ ތިބިތަން އެނގުމުން އެ މަޢުލޫމާތު ކިރަންއަށް ދިނީ ވެސް ލައިލީއެވެ.
"ތިތާ ހުންނަންވީކީނޫން. ހަމަމިހާރު އެތެރެއަށް ވަދޭ." ކިރަން ފަސްއެނބުރި ދޮރާ ދިމާއަށް ބަލާލުމާއެކު ނިކަން ހަރުކަށިކޮށް ބުންޏެވެ. އެއާއެކު ފެނުނީ އެތެރެއަށް ވަން ޖުނައިދެވެ.
"ޖުނޭ... މޫނު... ކިހިނެއްވެފައި ތިހުރީ." ޖުނައިދު ފެނުމާއެކު ލައިލީއަށް ލިބުނު ހައިރާންކަމުގައި އަހާލެވުނެވެ. ޖުނައިދުގެ ބުމަމަތިން ފަޅައިގެ ގޮސްފައި ހުރިއިރު މޫނުވަނީ ރަތް އަރާފައެވެ.
"މިއޮއް އައީނު ދޮންރިހަގަނޑު" އަކިޔަލްއަށް ބަލާލަމުން އަފްރާހު ބުންޏެވެ.
"ނޫރީއަށް އެނގުނީމަ އޭނާ ކޮށްފައި ހުރިވަރު އެއީ. އޭނާ ކުރި ކަންތަކާ ބަލާފައި އެވަރު ވެސް އަދި ކުޑަ... މަޑުން ހުންނަންވީކީނޫން. ކަލޭ ކުރިކަންތައް ކިޔާދޭންވީ." ޖުނައިދަށް އެހާލު ޖެއްސީ ކާކުކަން ބުނެފައި އޭނާ ޖުނައިދަށް ބަލާލައި ވާހަކަދައްކަން އަމުރުކުރިއެވެ.
"ކަލޭ ކަހަލަ އަންހެނުންނާ ހެދި އެކުވެރިއަކަށް އިތުބާރު ނުކުރެވެނީ. ކަލޭތީ އަބަދުވެސް އެހެން މީހުން އަތުގައި އޮންނަ އެތި ބޭނުންވާ އަންހެނެއް." ހަޅޭލަވަމުން ދިޔަ ނޫރީ ހުއްޓާލީ ޖުނައިދުގެ އަޑު އިވިފައެވެ. އޭނާ ސިޔާގެ ގައިން ދޫކޮށްލާފައި އެނބުރުނެވެ. އޭރު ދަރަކްގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވެ ޖުނައިދު އިނެވެ.
"އަހަރެން ހުރިހާކަމެއް ކުރީ ސިޔާ ބުނެގެން. އެ ދުވަހު ރޫމާ ހަމައަށް ކަލޭ ގެނައީ އަހަރެން. އެއްޗެހި ބޭލީ ވެސް އަހަރެން. ސިޔާއާއި ދެމީހުންގެ ފޮޓޯތައް ނެގީ ވެސް އަހަރެން. އެ ހުރިހާއިރު އަހަރެން ކެލެއާއި ސިޔާއާއެކީ އެ ރޫމުގައި ހުރީން. ކަލޭ ހޭއަރަން އުޅޭންފެށުމުން އަހަރެން ފާޚާނާއަށް ވަންނަންދިޔައީ ފިލަންވެގެން. އެކަމަކު ސިޔާ ބުނީ އެތަނުގައި ހުރި އަލަމާރިއަށް ވަންނާށޭ. ކަލޭ ހޭއަރައި ކޮޓަރިން ނުކުމެގެން ދިޔައިރު އަހަރެން ހުރީ އަލަމާރިތެރޭ. ސިޔާއާއެކީ ކަލޭ އެއްވެސްކަމެއް ނުކުރޭ. އަހަރެން ޔަގީންކަން ދެން. އެ ދުވަހު ކަލެއާއި ސިޔާއާ ދެމެދު އެއްވެސް ކަމެއް ނުހިނގާ." ޖުނައިދު ތަޅުންމައްޗަށް ގުދުވެ އިސްޖަހައިގެން އޮވެ ވާހަކަދެއްކިއެވެ.
"މިވެސް ކަލޭގެ ޕްލޭނެއްތަ؟." ޖުނައިދު ހަޤީޤަތް ފާޅުކުރި އަޑު އަހަން ހުރެފައި އަފްރާހު ސިއްރުން އަކިޔަލް ކައިރީ އަހާލިއެވެ.
"ނޯ ވޭ... މީހަކު ދެފައި މައްޗަށް ތިރިވެ މަޢާފަށް އެދޭވަރު މަށަކަށް ވެސް ނުކުރެވޭނެ." އަކިޔަލް ބުންޏެވެ.
"ސިޔާ ބުންޏަސް އެވަރުގެ ކަމެއް ކުރީ ކީއްވެ؟." ލައިލީއަށް އަހާލެވުނެވެ. ޖުނައިދުގެ ހަރަކާތްތަކުން އޭނާއަށް ނޫރީއާއި ކިރަން ވަރެއްކޮށްލައިފިކަން ލައިލީއަށް އެނގެއެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ޖުނައިދު ހުރިހާ ކަމަކަށް ވަގުތުން އެއްބަސް އެވީ އެހެންވެއެވެ.
"ފައިސާއަށް... އެކަން ކޮށްދީފިއްޔާ ފައިސާ ދޭން ސިޔާ ބުނީމަ." ޖުނައިދު ބުންޏެވެ.
"ކީއްކުރާ ފައިސާއެއް." ލައިލީއަށް ބުނެވުނެވެ. ކިރަންއާއެކީ ޖުނައިދު އުޅޭއިރު އޭނާއަށް ކިރަން ފައިސާދޭކަން އެއީ އެންމެންނަށް ވެސް އެނގޭކަމެކެވެ. ޖުނައިދު ބޭނުންވާކަމެއް ކިރަން ފުއްދާދެއެވެ. ލައިލީގެ ސުވާލަށް ޖަވާބު ދިނީ ކިރަންއެވެ.
"އެ އަންހެން މީހާއަށް ދޭން." ކިރަން ބުނެލިއެވެ.
"އޭނާ ކިރަންގެ ކައިރީ އުޅެފައި ހިތާވެގެން ދިޔަ އަންހެންމީހާއަށް ފައިސާ ހޯދާދޭންވެގެން. މި ގަމާރަށް ނޭނގުނު އެ އަންހެނާ މީނާގެ ކައިރިން ފައިދާ ނެގިއިރު. މީނާ މެދުވެރިކޮށް އޭނާ ފައިސާ ހޯދަމުން ދިޔައީ. ނޫންތަ؟" ނޫރީ ހަޅޭލަވައިގަތުމުން އިހުނަށްވުރެ ޖުނައިދު ކުޑަވެފައި އިނެވެ.
ލައިލީގެ ހިތުގައި ކިރަންއާ މެދު ހަމްދަރުދީ އުފެދުނެވެ. ޖުނައިދުގެ ނުވިސްނޭކަން ލައިލީ ހިތަށް އެރިއެވެ. ކިރަން ކަހަލަ އަންހެނަކާއެކު އުޅޭން ޖުނައިދަށް ނޭނގުމަކީ ޚުދު ޖުނައިދުގެ ބަދުނަސީބުކަމެވެ. ކިރަން އޭނާއަށް ޓަކައި ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ. އެކަމަކު އޭނާ ކިރަންއަށް ބޭވަފާތެރިވެ އެ ޚިޔާރު ކުރީ އެއްވެސް އުޅުމެއްނެތް އަންހެނެކެވެ. އޭނާ އެނބުރި ކިރަންގެ ގާތަށް އެ އައީ ވެސް އަމިއްލަ އެދުން ހާސިލުކުރަންކަން ލައިލީއަށް މިހާރު ޔަގީނެވެ.
"އެހެންވީމަ... ދަރަކްއަށް ކަލޭމެން ދެ މީހުންގެ މައްޗަށް ވެސް ދަޢުވާކުރެވޭނެ." އަކިޔަލް ބުންޏެވެ.
"ދަރަކް. އެމީހުން ކަލެއަށް އެވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައި." އަފްރާހު ވެސް އަކިޔަލްއާ އެއްބަސްވިއެވެ.
(ނުނިމޭ)