ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 25.3 ޕަސަންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 375،283 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 299،493 ފަތުރުވެރިންނަށްވުރެ 75،790 ފަތުރުވެރިން އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު 172،499 ފަތުރުވެރިން އަދި ފެބްރުއަރީ މަހު 177،914 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. މާޗް މަހު 24،870 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ރަޝިއާ - 47،983 ފަތުރުވެރިން - 12.8 ޕަސަންޓް
- އިންޑިއާ - 41،054 ފަތުރުވެރިން - 10.9 ޕަސަންޓް
- އިނގިރޭސިވިލާތް - 35،049 ފަތުރުވެރިން - 9.3 ޕަސަންޓް
- އިޓަލީ - 34،000 ފަތުރުވެރިން - 9.1 ޕަސަންޓް
- ޖަރުމަނު - 24،438 ފަތުރުވެރިން - 6.5 ޕަސަންޓް
- ފްރާންސް - 17،116 ފަތުރުވެރިން - 4.6 ޕަސަންޓް
- އެމެރިކާ - 15،046 ފަތުރުވެރިން - 4 ޕަސަންޓް
- ޗައިނާ - 10،917 ފަތުރުވެރިން - 2.9 ޕަސަންޓް
- ސްވިޓްޒަލޭންޑް - 8،894 ފަތުރުވެރިން - 2.4 ޕަސަންޓް
- ޕޮލެންޑް - 7،086 ފަތުރުވެރިން - 1.9 ޕަސަންޓް
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަހު ދުވާލަކު އެވަރެޖްކޮށް 6،218 ފަތުރުވެރިން ރާއްޖެ އާދެ އެވެ. ފަތުރުވެރިން އެވަރެޖްކޮށް 7.9 ދުވަސް ހޭދަކުރެ އެވެ.
ފަތުރުވެރިކަމަށް މިހާރު 1،220 ތަނެއް ދަނީ ހިންގަމުންނެވެ. އެއީ 168 ރިސޯޓާއި 886 ގެސްޓްހައުސް އާއި 153 ސަފާރީގެ އިތުރުން 13 ހޮޓަލެވެ. މި ތަންތަނުގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދަކީ 59،958 އެވެ.